02 Jun 2020, 12:50
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ވާހަކަ ނުދައްކަވާތާ ދެ ހަފްތާ ވަރުވެދާނެކަމަށް އެގައުމުގެ ފަބްލިކް ހެލްތުގެ އިސް އެކްސްޕާޓް ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެއެެވެ.
މިހާރު އެމެރިކާގައި ކޮރޯނާ ވައިރަސް ހަލުވި ފެތުރެމުންދާތީ އެކުލަވާލައިފައިވާ ކޮރޯނާގެ ޓާސްކު ފޯސްގެ އިސް މެމްބަރެއްގެ ގޮތުގައިވެސް ޑރ. ފައުޗީ ހިމެނިލައްވައެެވެ.
އެންމެ ފަހުން ފައުޗީއާ ޓްރަމްޕް ބައްދަލުވީ މިދިޔަ މަހު 18 ވަނަ ދުވަހު ޓެެލެކޮންފްރެންސްކޮށް ބޭއްވި ބައްދަލުވުމެއްގައެެވެ.
ދެ ބޭފުޅުން ބައްދަލުވުންތައް މަދުވެފައިވާއިރު އެމެރިކާގެ ސްޓޭޓްތައް މިހާރު މަޑުމަޑުން ދަނީ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދެމުންނެވެ. އެހެން ނަަމަވެސް ކޮވިޑް ޖެހިގެން މަރުވާ މީހުން މަދެއް ނުވެއެެވެ. އެމެރިކާގައި އެ ބަލި ޖެހުނު މީހުންގެ އަދަދުވެސް މިހާރު ވަނީ 1.79 މިލިއަނަށް އަރައިފައެެވެ. އަދި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 104،000 މައްޗަށް އަރައިފައެެވެ.
މިދިޔަ އޭޕްރީލް މަހު އެމެރިކާގެ ކޮންޒަވޭޓިވް ކޮމަންޓޭޓާއަކު ފައުޗީ މަގާމުން ވަކި ކުުރުމަށް ގޮވާލައިފައިވާ ޓުވީޓެއް ޓްރަމްޕް ވަނީ ރީޓުވީޓްކުރައްވައިފައެެވެ.
ނަމަވެސް ޓްރަމްޕް ވިދާޅުވީ އެއީ އެހެން މީހެއްގެ އަމިއްލަ ހިޔާލެއް ކަމަށާއި ފައުޗީ ވަކި ކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެެވެ.
" ހުރިހާ އެންމެން ފައުޗީއާ ދޭތެރޭ ހިތްހަމައެއް ނުޖެހޭ. އެެކަކު އަނެކާ ދޭތެރޭ ހިތްހަމަނުޖެހުން އޮންނާނެ. އެކަމަކުވެސް އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތާ ދޭތެރޭ ހިތްހަމަ ޖެހޭ. މިފަދަ މަސައްކަތެއް އެހެން ބަޔަކަށް ނުކުރެވޭ" ޓްރަމްޕް ވިދާޅުވިއެވެެ.