02 Jun 2020, 12:37
އެމެރިކާގައި މަރާލި އެފްރިކަން އެމެރިކަން ދަރިކޮޅުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑްގެ މަރާ ގުޅިގެން މިހާރު ކުރަމުންދާ މުޒާހަރާތައް ހުއްޓުވަން ސިފައިން ނެރެން ޖެހިދާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެެ.
ފްލޮއިޑްގެ މަރާ ގުޅިގެން މުޒާހަރާތައް ކުރިއަށްގެންދާތާ މިއީ ހަތްވަނަ ދުވަހެެވެ.
ޓްރަމްޕް ވިދާޅުވީ ސިޓީތަކުގައި މުޒާހަރާތައް ކޮންޓްރޯލްނުވެ އާންމުންގެ ސަލާމަތްތެރިކަން ކަށަވަރުނުކުރެވިއްޖެނަމަ ސިފައިން ނެރެގެންވެސް އަމަން ގާއިމްކުރައްވާނެ ކަމަށެވެެ.
ޓްރަމްޕް އެފަދައިން ވިދާޅުވިއިރު އެމަނިކުފާނު ދިރިއުޅުއްވާ ވައިޓް ހައުސްއާ ކައިރީގައި ކުރިއަށްދިޔަަ މުޒާހަރާތައް ރަބަރު އުންޑައާއި ކަރުނަ ގޭސް ބޭނުންކޮށްގެން ވަނީ ހުއްޓުވައިފައެެވެ.
މުޒާހަރާތަކުގައި ގެއްލުން ދީފައިވާ ޗާޗެއްގެ ކުރިމަތީގައި ހުރެ ފޮޓޯ ނެންގެވުމުން ޓްރަމްޕްއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެސްވެފައެެވެ.
ޓްރަމްޕް ވިދާޅުވީ ފްލޮއިޑް މަރާލި ހާދިސާއަކީ ވަރަށް ދަށުދަރަޖައިގެ އަނިޔާވެރި އަމަލެއް ކަމަށާއި އެކަން މުޅި އެމެރިކާގެ އެންމެންވެސް ގަބޫލުކުރާ ކަމަށެެވެ. ނަަމަވެސް މިއީ އުތުރި އަރާފައިތިބި މީހުން ނުކުމެ ގައުމަށް ގެއްލުންދޭންވީ ވަގުތު ނޫން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
މުޒާހަރާތަކާ ގުޅިގެން މިހާރުވެސް ބައެއް ސިޓީތަކުގައި ވަނީ ކާފިއު އިއުލާންކޮށްފަ އެވެ. އޭގެެ ތެރޭގައި ނިއުޔޯކް އަދި ވޮޝިންގްޓަން ހިމެެނެ އެެވެ.
އެ މުޒާހަރާތަކުގައި އިސްކޮށް އުޅެނީ އެންޓިފާ ޖަމިއްޔާއިން ކަމަށް ޓްރަމްޕް ތުހުމަތުކުރައްވައެވެެ. އެންޓިފާއަކީ "ފޭޝިޒަމް" އާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއަކީ ޓެރެރިސްޓް ޖަމިއްޔާއެއްކަމަށް ކަނޑައަޅުއްވާނެކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެެ.
ފްލޮއިޑް މަރުވީ އޭނާ ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ފުލުހަކު އެތައް އިރެއް ވަންދެއް ޖޯޖްގެ ކަރަށް ފައިން އަރައިގެން ހުރުމުން ނޭވާ ހާސްވެގެންނެވެެ.
އެމެރިކާގެ މިނިއާޕޮލިސްގައި ހިނގި އެ ހާދިސާއާ ގުޅިގެން އެކަމުގައި ޝާމިލްވި ހަތަރު ފުލުހަކު މަގާމުން ވަކިކޮށްފައިވާ އިރު ކަރަށް ފައިން އެރި ފުލުސް މީހާ (ޑެރެކް ޝޯވިން) މިހާރު ވަނީ ހައްޔަރު ވެސްކޮށްފަ އެވެ. -- ބީބީސީ---