28 Dec 2011, 14:18
ބަޖެޓް ނެތުމުގެ ސަބަބުން ކައުންސިލްތައް އޮޑިޓް ނުކުރެވޭނެކަމަށް އޮޑިޓް އޮފީހުން ބުނެފައިވާތީ ކައުންސިލްތައް އޮޑިޓް ކުރެވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް އެދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފި އެވެ.
މިއަދު އޮތް މާލިއްޔަތު ކޮމެޓީގެ ޖަލްސާއަށް މި މައްސަލަ ވަނީ ކުއްލި މައްސަލައެއްގެ ގޮތަށް ހުށަހަޅާފަ އެވެ.
ލޯކަލް ގަވަރްމެންޓް އޮތޯރިޓީގެ ރައީސް ހަސަން އަފީފް ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީ ކޮމެޓީއަށް އިއްވަވައި ދެއްވީ މާލިއްޔަތު ކޮމެޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.
މި އަހަރުގެ ސެޕްޓެމްބަރު 28 ގައި ލޯކަލް ގަވާމެންޓް އޮތޯރިޓީން އޮޑިޓާ ޖެނެރަލާއެކު ބޭއްވި ބައްދަލުވުމެއްގައި ލޯކަލް ކައުންސިލްތަކުގެ 2011 ވަނަ އަހަރުގެ ހިސާބުތައް އޮޑިޓް އޮފީހުން އޮޑިޓް ކުރާގޮތަށް އެއްބަސް ވެވިފައިވާ ކަމަށް އެ ސިޓީގައި ވެއެވެ.
ނަމަވެސް މަޖިލީހުން އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކުރި އިރު ފާސްކޮށްފައި ވަނީ އެ އޮފީހުން ހުށަހެޅި ވަރަށް ވުރެ ކުޑަކޮށް ކަމުން ކައުންސިލްތައް އޮޑިޓް ކުރެވެން ނެތްކަމަށް އޮޑިޓް އޮފީހުން ބުނެފައި ވާކަމަށް އެ ސިޓީގައި ވެއެވެ.
މި މައްސަލަ ކޮމެޓީގެ ބަހުސަށް ހުޅުވާލި ފުރުސަތުގައި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ މާލިއްޔަތު ކޮމެޓީ އާއި މަޝްވަރާ ނުކޮށް އެކަހަލަ ޖަވާބެއް ދެއްވޭ ނެކަމަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އެކަމާއި ބެހޭގޮތުން މާލިއްޔަތު ކޮމެޓީގެ މުގައްރިރު އޮޑިޓާ ޖެނެރަލް އާއި ބައްދަލު ކުރައްވަން ފެނިވަޑައިގަންނަވާ ކަމަށެވެ.
"މާލިއްޔަތު ކޮމެޓީއާއި މަޝްވަރާ ނުކޮށް އެކަހަލަ ޖަވާބެއް ދެއްވޭނެ ކަމަށް ގަބޫލެއް ނުކުރަން. މިހާރު ވެސް މާލިއްޔަތު ކޮމެޓީގެ މުގައްރިރު އޮޑިޓާ ޖެނެރަލާ ބައްދަލުކުރަން ފެނޭ،" އިލްޔާސް ވިދާޅުވި އެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޢަފޫރު މޫސާ ވިދާޅުވީ އޮޑިޓް އޮފީހުން ދެއްވާފައިވާ ޖަވާބަކީ ގަބޫލު ކުރެވޭނެ ޖަވާބެއް ނޫން ކަމަށާއި 48 މިލިއަން ރުފިޔާއިން ކައުންސިލްތައް އޮޑިޓް ކުރެވެން ޖެހޭނެ ކަމަށެވެ.
އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވެސް ވިދާޅުވީ އެކަން ނުކުރެވޭނެ ކަމަށް ބުނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"ދަތިތަކެއް ހުރިއްޔާ ފުރަތަމަ ކޮމެޓީއާއި މަޝްވަރާކޮށް އޭގެ ފަހުން ކޮމެޓީގެ ޖަވާބެއް ނުލިބެނީސް މިކަހަލަ ޒިންމާދާރުކަން ކުޑަގޮތަކަށް އަމަލުކުރުން ކުއްވެރި ކުރަން،" ނާޝިޒް ވިދާޅުވި އެވެ.
ނާޝިޒު ވަނީ އޮޑިޓް އޮފީހުގެ މުވައްޒަފުންގެ އެލަވަންސްތައް ކަނޑާލުމަށް ކޮމެޓީއަށް ހުށަހަޅުއްވާފަ އެވެ.
މާލިއްޔަތު ކޮމެޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ލޯކަލް ގަވާމެންޓް އޮތޯރިޓީ ނޫން އެހެން އިދާރާތަކަށް އޮޑިޓް އޮފީހުން އެފަދަ ސިޓީތައް ފޮނުވާފައި ވޭތޯ ބަލަން ޖެހޭ ކަމަށާއި މި މައްސަލަ އެހެން ދުވަހަކަށް ޝެޑިއުލް ކުރައްވާނެ ކަމަށެވެ.