28 Jun 2010, 15:41
19:00
ރައްޔިތުންގެ މަޖިލީހުގެ ކައުންސެލަރ ޖެނެރަލްކަމުގެ މަގާމަށް، ސ.ހިތަދު ކޯޒީރައުންޑް ޑޮކްޓަރ އަޙްމަދު ޢަބްދުﷲ ދީދީގެ ނަންފުޅު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފި އެވެ.
ކައުންސެލަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލެއްވި ހަތަރު ބޭފުޅުންގެ ތެރެއިން ތިންބޭފުޅުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، މަޖިލީހުގެ އިދާރާއިން ހުޅުވާލެއްވި ފުރުސަތުގައި ހަތަރު ބޭފުޅަކު އެމަގާމަށް ކުރިމަތިލެއްވި، ނަމަވެސް ގަވާއިދު ބުނާގޮތުން، އެމަގާމަށް ބޭފުޅަކު ހަމަޖެއްސެވުމަށް މަޖިލީހަށް ހުށަހަޅަންޖެހެނީ ތިން ނަންފުޅު ކަމަށެވެ. އަދި އެ ނަންފުޅުތައް ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ މަސައްކަތަށް ބައްލަވައި އޭގެ ތެރެއިން ތިން ނަންފުޅެއް މަޖިލީހަށް ހުށަހެޅުއްވީ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ހުށަހެޅުއްވި ތިން ނަންފުޅުތަކުގެ ތެރޭގައި ހިމެނި ވަޑައިގަންނަވަނީ، ޑރ.އަބްދުﷲ ދީދީ އާއި، އަލްއުއްތާޒާ ފާތުމަތު ނިއުޝާގެ އިތުރުން އަލްއުސްތާޒު މުހައްމަދު ޝަފާޒު ވަޖީހެވެ. މިސުރުގެ އަޒުހަރު ޔުނިވަސިޓީން ޕީއެޗްޑީ ހާސިލް ކުރެއްވި، ފުރަތަމަ ދިވެހި މީހާގެ ގޮތުގައި ހިމެނިވަޑައިގަންނަވާ، ޑރ. އަބްދުﷲ ދީދީއަކީ ކުރީގެ ސަރުކާރުގެ އެޓާނީޖެނެރަލްގެ ނާއިބު ކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ މިހާރު ހުންނެވީ، ފެކަލްޓީ އޮފް ޝަރީއާގެ ސީނިއަރ ލެކްޗަރާގެ މަގާމުގަ އެވެ.