އެތަކެއް ދިގު އިންތިޒާރުތަކަކަށްފަހު ކުޑަނަމަވެސް ލުޔެއް ކޮވިޑް19ގެ ފުރަބަންދުން އަހަރެމެންނަށް ލިބިއްޖެ އެވެ. ގެއިން ބޭރަށް ނުކުމެވޭ މީހުންގެ އަދަދާއި، ނުކުމެވޭ ގަޑިތަކާއި، ނުކުމެވޭ ބޭނުމާއި ނުކުމެވޭ ސަރަހައްދުތައްވެސް އިތުރުވެއްޖެ އެވެ. ބަދަލުނުވަނީ އެއްކަމަކެވެ. އަދިވެސް ކޮވިޑް19 ރާއްޖޭގައި އަދި ހާއްސަކޮށް ވެރިރަށް މާލޭގައި އެބައޮތެވެ. ބަލި ފެންނަމީހުންގެ އަދަދު އަދިވެސް ހިންދެމިލެވޭހާ މަދެއް ނޫނެވެ.

މި ނާޒުކު ވަގުތުގައި ގެއިން ބޭރަށް ނުކުތުމުގެ ހުއްދަ ލިބޭ ފަރާތްތަކުން އަމަލުކުރަންވީ ހާއްސަ އުސޫލުތައް ވަނީ ލިޔެވި ޝާއިރު ކުރެވިފަ އެވެ. އެކަންކަމުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ ގެއިން ބޭރަށް ނުކުންނައިރު މާސްކް އެޅުމެވެ. އާންމު ހިދުމަތެއް ދޭ ކޮންމެ ތަނަކަށްވެސް ވަންނައިރު މާސްކެއް އެޅުން އޮތީ މަޖުބޫރުކޮށްފަ އެވެ.

އެހެން ނަމަވެސް، އެކަމަށް ފަރުވާކުޑަ ކުރެވޭތަން އެބައާދެ އެވެ. އަދި ނަމަކަށް މާސްކު އަޅާލެވޭ ފަހަރުތައް ވެސް އެބައާދެ އެވެ.

މާސްކް އަޅަންޖެހެނީ ކީއްވެ؟

މާސްކް އެޅުމާއި ބެހޭގޮތުން "ސަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އައިޖީއެމްއެޗްގެ ޑރ.މުހައްމަދު އަލީ ވިދާޅުވީ މާސްކް އެޅުމުގެ އެންމެ ބޮޑު ބޭނުމަކީ ވާހަކަ ދައްކާއިރު ނުވަތަ ކެއްސާއިރުވެސް މީހެއްގެ އަނގައިން ނުކުންނަ ތިކިތައް އަނެއް މީހާއަށް ވާސިލްވިޔަ ނުދިނުމެވެ. ކޮވިޑް19 ގެ މިހާލަތުގައި މާސްކް އެޅުމުން ތިމާގެ އަނގައިންނާއި ނޭފަތުން ބޭރުވާ ތިކިތައް އެހެންމީހަކަށް ނުވަތަ އެހެންވެސް މޭޒެއް ނުވަތަ ތަނަކަށްވިޔަސް ފޯރުކޮށްދިނުން މަދުކޮށް ނުވަތަ ހުއްޓުވައިދީ ބަލި ފެތުރުން ކޮންޓްރޯލްކޮށްދެ އެވެ.

ބޭނުންކުރަންވީ ކޮންކަހަލަ މާސްކެއް؟

ކޮވިޑް19 އަކީ މުޅިދުނިޔެއަށް ފެތުރިފައިވާ 'ޕެންޑެމިކެއް' ގެ ގޮތުގައި ދުނިޔޭގެ ސިއްޚަތު ޖަމިއްޔާއިން އިއުލާނުކޮށްފައިވާއިރު މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދުވަނީ 6 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ. އެއާއިއެކު، ބަލިން ރައްކާތެރިވުމަށްޓަކައި ބޭނުންކުރާ ތަކެއްޗަށް މުޅި ދުނިޔޭގައިއޮތް ޑިމާންޑްވެސް އިތުރުވެ، އެ ތަކެތި ލިބުން ވަނީ އުނދަގޫވެފައެވެ.

މިހާލަތުގައި ކޮންމެ މީހެއްވެސް ބޭނުންކުރާނެ މާސްކެއް އަމިއްލަ އަށް މިވަނީ ހޯދަންޖެހިފައެވެ. ޑރ.މުހައްމަދު އަލީ ވަނީ މިގޮތުން އަހަރެމެންނަށް ބޭނުންކުރެވިދާނޭ 3 ވައްތަރެއްގެ މާސްކެއް ކިޔައިދީފައެވެ

  • ފޮތި މާސްކް:މިއީ އެއްވެސް ރޯގާގެ އަލާމާތެއް ނުވަތަ ކެއްސުންފަދަ އެއްވެސް ކަމެއް ނެތް އާންމުން އެޅުމަށް އެންމެ ރަނގަޅު މާސްކެވެ.

  • ސާރޖިކަލް މާސްކް:ރޯގާގެ އަލާމާތެއް ހުންނަނަމަ އެންމެ ރަނގަޅުވާނީ ސާރޖިކަލް މާސްކެއް ބޭނުންކުރުމެވެ. އެހެންނަމަވެސް އަދުގެ ހާލަތާއި އެކު، މި ވައްތަރުގެ މާސްކް ރިޒާރވް ކުރެވެނީ ބަލިމީހުންނަށް ފަރުވާދިނުމަށް އެހީތެރިވާޑޮކްޓަރުންނާއި ނަރުހުންނާއި އަދި އެނޫންވެސް އެހީތެރިންނަށެވެ.
  • އެން95/ އެން100/ ކޭއެން95:މި މާސްކްތައް އެޅުމަށް އެންމެ އެދެވިގެންވަނީ ބަލިމީހާގެ ކައިރީގައި ހަދާ ބައެއް ޕްރޮސީޖާރތަކުން ވައިގެތެރެއަށް ނޭވާލާނިޒާމުގެ ތިކިތައް ހިނގައިދާނެ ކަހަލަ ކަންތައްތަކެއް ކުރާ، ނުވަތަ ބައެއްކަހަލަ ޓެސްޓްތަކެއް ހަދާ ވަގުތުތަކުގައި އެކަންޏެވެ.

މާސްކް ގޭގައި ފެހުމުގައި ސަމާލުކަންދޭންވީ ކޮންކަމަކަށް؟

ފޮތި މާސްކް އަހަރެމެންގެ ތެރެއަށް ތައާރަފްވެގެންދިއުމާއިއެކު ފަހާފޮށްޓެއް އަތުޖެހޭ ހިސާބުގައި ހުރި ކޮންމެ މީހެއްވެސް މި އަވަސްވެގަންނަނީ މާސްކެއް ފެހުމަށެވެ. ގޭގައި ބާކީވެފައި ހުންނަ ފޮތިތަކުންނާއި، ފޮތި ފިހާރަތަކަށް އޯޑަރުކޮށްގެންވެސް ގޭދޮށު އެންމެނަށް މާސްކެއް ދެވޭތޯއެވެ.

އެހެންނަމަވެސް މިފަދައިން ފަހާކޮންމެ މާސްކަކީވެސް ސީޑީސީ ގެ މިންގަނޑަށް ނުވަތަ ރާއްޖޭގެ ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން އަންގާފައިވާ އިރުޝަދުތަކާއި އެއްގޮތްވާފަދަ ގޮތަކަށް ފަހާފައިވާ މާސްކެއްތޯ ޔަގީންކުރަންޖެހެ އެވެ.

މިގޮތުން ޑރ.މުހައްމަދު އަލީ ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަޅާ މާސްކަކުން އެމީހެއްގެ ނޭފަތާއި އަނގަ ރަނގަޅަށް ފޮރުވެން ވާނެ އެވެ. އަދި ކޮންމެ މާސްކެއްގައިވެސް މަދުވެގެން ދެފަށަލައެއް ހިމެނެންވާނެ އެވެ. އަދި އެ ބޭނުންކުރާ ފޮއްޗަކީ މީހާއަށް ފަސޭހައިން ނޭވާލެވޭނެ ފޮއްޗަކަށްވެސް ވާންޖެހެ އެވެ. މިގޮތުން އެންމެ ރަނގަޅުޖ މެޓީރިއަލްއެއްކަމަށް ޑރ.މުަހއްމަދު އަލީ ފާހަގަކުރެއްވީ ކޮޓަން ފޮއްޗެވެ.

މާސްކް އެޅުމުގައި ސަމާލުކަންދޭންވީ ކަންކަމަކީ ކޮބާ؟

ދެން މިއޮތީ އެންމެ މުހިންމު ވާހަކަ އެވެ. ކިތަންމެ އަގުބޮޑު މޮޅު މާސްކެއް ތިމާއެޅިއަސް، މިކަންކަމަށް ސަމާލުކަން ނުދެވިއްޖެނަމަ އެއީ ހަމަ ފޫނެއް ފަޔަށް ފެންފުރުން ކަހަލަ ކަމެކެވެ. ޑރ.މުހައްމަދު އަލީ ވިދާޅުވިގޮތުގައި މާސްކެއް އެޅުމުގެ ކުރިން މަދުވެގެން 20 ސިކުންތުވަންދެން ސައިބޯނިލައިގެން އަތްދޮންނަންޖެހޭނެއެވެ. އަދި މާސްކް އަޅާއިރު އަތްލަންވާނީ މާސްކް އެޅުވުމަށް ބޭނުންކުރާ ވާކޮޅުގައި އެކަންޏެވެ. އަދި އެމީހެއްގެ ނޭފަތާއި އަނގަ ރަނގަޅަށް ފޮރުވުމަށް ސަމާލުކަންދީ މާސްކް އަޅައިިން ހުންނަ ވަގުތުތަކުގައިވެސް މާސްކްގައި އަތްނުލުމަށް ސަމާލުކަން ދޭންޖެހެ އެވެ. އަދި ބޭނުންކޮށް ނިންމުމަށްފަހުވެސް ވާކޮޅުގައި ހިފާ މާސްކްނަގައި ސައިބޯނިލައިގެން އަތްދޮވުމަށާއި ލަސްނުކޮށް މާސްކްވެސް ދޮވެލަން ސަމާލުަކަންދޭށެވެ.

މާސްކް އެޅުން އެދެވިގެން ނުވާ ފަރާތްތަކަކީ ކޮބާ؟

ހުރިހާއެންމެންގެ ރައްކަލަކަށްޓަކައިވެސް މާސްކްއެޅުން މުހިންމުއިރު، މި ކަންކުރުމުން އިސްތިސްނާވާ ބައެއްވެސްވެ އެވެ. މިގޮތުން 2 އަހަރުނުފުރޭ ކުޑަކުދިންނާއި އަދި އެދުމަތިވެފައިވާ އުމުރުން ދުވަސްވީ މީހުންނާއި އަމިއްލައަށް މާސްކެއް އެޅުމަށްފަހު ނުނެގޭ ވަރިގެ ބަލިމީހުން މާސްކްއެޅުން އެދެވިގެންނުވާކަމަށް ޑރ.މުހައްމަދު އަލީ ވިދާޅުވި އެވެ.

އަމިއްލަ ފުރާނައަށްޓަކައި ކޮންމެ މީހެއްވެސް މިއަދު ކުރަންވީ އެއްކަމަކީ މާސްކެއް ބޭނުންކުރުމެވެ. އެހެންނަމަވެސް ރަނގަޅުގޮތުގައި ތެދު މައުލޫމާތު ލިބިހުރެ އެވެ.