02 Jun 2020, 03:53
މިރޭ މެންދަމު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމަށް އަނިޔާ ކުރުމަށް އެންގެވި ކަމުގެ ތުހުމަތު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށްކޮށް، ފުލުހުން އެ މައްސަލަ ބެލުމަށް އިދިކޮޅުން ގޮވާލައިފި އެވެ.
މާރަމާރީ ހިންގި ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް-ޕީއެންސީ އިން އެ މައްސަލަ މިރޭ ވަނީ ފުލުހަށް ހުށަަޅައިފަ އެވެ.
ކައުންސިލްތަކުގެ ދައުރު ހަމަވާތީވެ، ދެން އިންތިހާބެއް ބޭއްވެންދެން އެ ކައުންސިލަރުން މަގާމުގައި ތިބެވޭނެ ގޮތް ހެދުމަށް ގާނޫނު އަސާސީއަށް އިސްލާޙު ގެނައުމަށް މިރޭ ބޭއްވި ޖަލްސާގައި ޝިޔާމް އަޑުގަދަ ކުރަން ފެށުމުން ރިޔާސާތުން އޭނާގެ ނަން އިއްވެވި އެވެ. އެއާއެކު އެމްޑީޕީ މެމްބަރުން އޭނާ ގަދަކަމުން ނެރެން އުޅުމުގެ ތެރޭގައި ހަމަނުޖެހުން ހިންގިތަން ފެނިގެންދިއަ އެވެ.
އެކަމާ ގުޅިގެން އެކަން ކުށްވެރިކޮށް، ޕީޕީއެމް-ޕީއެންސީ ކޯލިޝަން އިން މިރޭ ނުރުނު ނޫސްބަބާނުގައި ބުނީ، ޝިޔާމްގެ ހަށިކޮޅަށް އަތްލައި، އޭނާއަށް އަނިޔާކޮށްފައި ވަނީ މަޖިލިސް ރައީސް ނަޝީދުގެ އެންގެވުމަށް ކަމަށެވެ. އަދި ރިޔާސަތުގެ އެންގެވުމަށް އެކަން ކޮށްފައިވަނީ، އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނާއި މަޖިލީހުގެ ސާޖެންޓް އޮފް އާމްސް ގުޅިގެން ކަމަށް އެ ބަޔާނުގައ ބުނެފައިވެ އެވެ.
"ގާނޫނު އަސާސީއާ ހިލާފަށް ބާއްވަމުން ގެންދެވި ޖަލްސާގައި ރިޔާސަތުން ދައްކަވުން ގެންދެވި ވާހަކައަކާ ގުޅިގެން ޝިޔާމް ނިޒާމާ ބެހޭ މައްސަލައެއް ނެންގެވުމުން އެ މައްސަލައަށް ފުރުސަތު ދެއްވުމެއް ނެތި، މަޖިލީހުގެ ގަވައިދާ ހިލާފަށް ވަގުތުން ނަން އިވައި، މަޖިލީހުން ނެރުއްވުމަށާއި އަދި އެމަނިކުފާނު [ޝިޔާމް]ގެ ގައިގައި ތަޅާލުމަށް މަޖިލީހުގެ ރައީސް ވިދާޅުވި އަޑު އެއްސެވި ކަމަށް އެތަނުގައި ތިބި މެމްބަރުން ހެކިވެއެވެ." އިދިކިޅުން ނެރުނު ބަޔާނުގައު ބުނެފައިވެ އެވެ.

މަޖިލީގައި ހިނގި ހަމަނުޖެހުމަށް ފަހު ޝީޔާމްގެ ގަމީސް ވީދިފައި --
ނޫސްބަޔާނުގައި ބުނީ ޝިޔާމަށް އަނިޔާކޮށްފައިވުމުން އޭނާގެ ހާލުކޮޅު ސީރިއަސް ކަމަށާއި މިވަގުތު އޭނާ އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ.
"ޝިޔާމްގެ ހަށިކޮޅަށް އަތްލައި، ވަރަށް ބޮޑަށް އަނިޔާކޮށްފައިވާތީވެ، އެ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މިމައްސަލަ ބައްލަވައި ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ގޮވާލަމެވެ." އިދިކޮޅުންގެ ނޫސްބަޔާނުގައި ބުންޏެވެ.
ރިޔާސަތުން ނަން އިއްވުމާ އެކު ޝިޔާމް ބޭރަށް ނިކުމެވަޑައިނުގެން، ތަޅުމުގައި މަޑުކުރެއްވުމުން އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް އޭނާ ނެރުމަށް މަސައްކަތް ކުރި އެވެ.
އެހިސާބުން އޭނާ ނެރުވުމަށް މެމްބަރުންގެ މެދުގައި ހިނގި ހަމުޖެހުންތަކުގައި ޝިޔާމް އާއި އެމްޑީޕީގެ ބައެއް މެމްބަރުންނަށް ވެސް އަނިޔާވެފައިވާ ފޮޓޯތައްް ޝޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.
އެ ހަމަނުޖެހުންތަކުގެ ވީޑިއޯ ވެސް މިހާރު ޝޯޝަލް މީޑިއާގައި ދަނީ ދަރުވަމުންނެވެ. ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެމްޑީޕީގެ މެމްބަރުން ގަދަަކަމުން ޝިޔާމް މަޖިލިސް ތެރެއިން ނެރުމަށް މަސައްކަތް ކުރާތަން ފެނެ އެވެ. އަދި މަޖިލިސް ރައީސް ރިޔާސަތުގައި އިންނަވާ އަތުން އިޝާރާތް ކުރައްވައި "އޭނާ ނެރޭށޭ، އޭނާ ނެރޭށޭ" ގޮވަމުން ދިޔަ އަޑު އިވެއެވެ.
ޝިޔާމްގެ ދިފާއުގައި ބައެއް މެމްބަރުން އޭނާ ނެރުނަނުދިނުމަށް މަސައްކަތް ކުރަމުންދިޔަ ތަން ވީޑިއޯތަކުން ފެނެއެވެ. އެ ކަންކަތައްގަނޑު ތެރޭ ޝިޔާމް ބިންމައްޗަށް ވެއްޓޭތަން ވެސް ފެނެ އެވެ. ނަމަވެސް އަނެއްކާ ވެސް އެމްޑީޕީ މެމްބަރުން ވަނީ އޭނާ މަޖިލީގުން ގަދަކަމުން ނެރެފަ އެވެ.
ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ޝިޔާމް ގަމީސް ވެސް ވަނީ ވަރަށް ބޮޑަށް ވީދިފަ އެވެ.
ގާނޫނު އަސާސީ އިސްލާހު ކުރެވުމަށް ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅުއްވި ބިލަށް މުޅި މަޖިލީހުގެ ކޮމިޓީއަކުން އިސްލާހުތައް ގެނެސްފައި ވަނީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. އެ މެމްބަރުން ވިދާޅުވަމުން ގެންދަވަނީ އެ އިސްލާހު ހުށަހަޅުއްވަން ޖެހޭނީ ވަކި ބިލެއްގެ ގޮތުގައި އަލުން ކަމަށެވެ.
ޖަލްސާގެ ބާކީ ބައިގައި އިދިކޮޅު މެމްބަރުން ނުލައި ކުރިއަށްދިޔަ އެ ޖަލްސާގައި އެމްޑީޕީ އިން ބޭނުންވި ގޮތަށް 74 މެމްބަރުންގެ ވޯޓުން ގާނޫނު އަސާސީ އިސްލާހުކޮށް މިހާރު ތިބި ކައުންސިލަރުންގެ ދައުރު ވަނީ ދަންމާލާފައެވެ.
ކުރިން އޮތް ގޮތުން ކައުންސިލަރުންގެ ދައުރު ހަމަވާނީ ބުދަ ދުވަހައެވެ.