02 Jun 2020, 01:58
ގާނޫނު އަސާސީ އިސްލާހުކުރަން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން މިރޭ ބާއްވާ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފި އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޝިޔާމް ނަން އިއްވެވީ ޖަލްސާ ފެށުމާ އެކު އަޑުގަދަ ކުރަން ފެށުމުންނެވެ. ޝިޔާމް ވިދާޅުވަމުން ގެންދެވީ މިރޭ ބާއްވަމުންދާ ޖަލްސާއަކީ ސީދާ ގާނޫނު އަސާސީއާ ހިލާފަށް ބާއްވަމުންދާ ޖަލްސާއެއް ކަމަށެވެ.
ރައީސް ނަޝީދު ތިން ފަހަރު ނަން އިއްވުމުން ވެސް ޝިޔާމް ތަޅުން ދޫ ނުކުރެއްވުމުން މަޖިލީހުގެ އެމްޑީޕީ މެމްބަރުން ވަނީ އޭނާ ތަޅުމުން ބޭރުކޮށްފަ އެވެ.
މަޖިލީހުގެ ޖަލްސާ ބާއްވަން އެޗްޕީއޭ އިން ހުއްދަ ދިނީ ތިން ފޫޓު ދުރުގައި މެމްބަރުން ތިބެގެން ޖަލްސާ ކުރިއަށް ގެންދަން ކަމަށް ވިޔަސް މައްސަލަ ހޫނުވި ގަޑީގައި މެމްބަރުން ވަނީ އެއް މެމްބަރަކު އަނެއް މެމްބަރެއްގެ ގަޔަށް އަތްލައި ހޫނު ޒުވާބަކަށް ގޮސްފަ އެވެ.
ޝިޔާމް ތަޅުމުން ނެރުނު އިރު އޭނާ ލައިގެން ހުރި ގަމީސް ވެސް މެމްބަރުން ވަނީ ވީދާލާފަ އެވެ. އަދި ޝިޔާމް އަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ.