02 Jun 2020, 09:44
ކޮވިޑް19 އާއި ގުޅުން ހުރި ކަންތައްތަކަށް މިދދިޔަ ހަފްތާ 892.3 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީ އިން އާންމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިއަދަދަކީ އޭގެ ކުރީ ހަފްތާއަށްވުރެ 2.9 ޕަސެންޓު އިތުރު އަދަދެކެވެ. އެންމެ ބޮޑު އަދަދެއް ހަރަދުކޮށްފައިވަނީ އެންޑީއެމްއޭ އަދި އައިޖީއެމްއެޗަށެވެ.
ފިނޭންސުން ބުނީ އެންޑީއެމްއޭ އިން އެންމެ ބޮޑު ހަރަދެއްކޮށްފައިވަނީ ކޮވިޑް19 އާިއ ގުޅޭ މެޑިކަލް ކޮންސިއުމެބްލްސް އަދި އިކުއިޕްމެންޓަށް ކަމަށެވެ.
ފިނޭންސުން އާންމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު އެންޑީއެމްއޭގެ ބޭނުމަށް 584.4 މިލިއަން ރުފިޔާ މިދިޔަ ހަފްތާ ވަނީ ހަރަދުކޮށްފައެވެ. އައިޖީއެމްއެޗަށް 141.1 މިލިއަން ހަރަދު ކުރި އިރު ޖުމްލަ ހަރަދުގެ 53.3 ޕަސެންޓަކީ ކޮމިޓެޑް ސްޕެންޑިން ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
މި މުއްދަތުގެ ތެރޭގައި އެންސްޕާ އިން ސަބްސިޑީ އަދި ގްރާންޓުގެ ގޮތުގައި 4.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ފޮރިން މިނިސްޓްރީގެ ޑޮމެސްޓިކް ބަކެޓުން އެހީގެ ގޮތުގައި 3.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ޒަކާތު ފަންޑުން ވަނީ ތިން މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ.
ޕީޕީއީ އަދި ޓެސްޓު ކިޓު ފަދަ ތަކެތި ގަތުމަށް ހެލްތު މިނިސްޓްރީ އިން 74 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އެންޑީއެމްއޭ އިން ވަނީ ކެޕިޓަލް އިކުއިޕްމެންޓު ފަދަ ހަރަތުތަކަށް 111 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. މި މުއްދަތުގައި އައިސޮލޭޝަން އަދި ކަރަންޓީނު ފެސިލިޓީތަކަށް 29 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.