01 Jun 2020, 23:28
އައިޖީއެމްއެޗުގެ ނޭވާލާ ނިޒާމުގެ ޑޮކްޓަރު ޑރ. މޫސާ ހުސައިން އަށް ކޮވިޑް19 ޖެހުނު ކަމަށް ބުނެ ދެކެވޭ ވާހަކަ އަކީ ދޮގެއް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
އެ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ޑރ. މޫސަ އަށް އެފަދަ ހާލަތެއް ދިމާވެފައި ނުވާ ކަމަށެވެ.
އެވާހައަކީ ޑރ.ގެ އާއިލާ އާއި ރައްޓެހިން އަދި ޑރ. އާއި ދިމާވެފައިވާ ބަލި މީހުންނަށް ހާސްކަމެއް ދިމާވާނެ ކަމެއްކަމަށް ވާތީ އެކަމާ ޑރ. ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް މަބްރޫކު ވިދާޅުވިއެވެ.
"އެފަދަ ބޭފުޅެއް މިކަހަލަ ކޭސް އެއް ދިމާވެއްޖެ ނަމަ، އެބޭފުޅަކާ ދިމާވި އެންމެންނަށް އެކަން ހިއްސާ ކުރާނަން،" މަބްރޫކު ވިދާޅުވިއެވެ.
ޑރ. މޫސަ އަށް ކޮވިޑް ޖެހުނުކަން އެނގުނީ ހެދި އެންޓި ބޮޑީ ޓެސްޓުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ވާހަކަ ދެކެވިފައެވެ.
އެ ވާހަކަތައް ދޮގުކޮށް ޑރ.ގެ ސޯޝަލް މީޑިއާގައި އާންމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮވިޑަށް ޓެސްޓު ކުރުމަށް މިހާތަނަށް އެއްވެސް ސާމްޕަލެއް އަދި ނުނަންގަވާ ކަމަށެވެ. އަދި ޑރ ކޮވިޑަށް ޓެސްޓު ކުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ނުފެތުރުމަށާއި އެފަދަ ދޮގު ވާހަކަތައް ހިމެނޭ ޕޯސްޓުތައް ޝެއާ ނުކުރުމަށްވެސް ޑރ. ވަނީ އެދިލައްވައިފައެވެ.
އަދި އާންމު ކުރައްވަންޖެހޭ ފަދަ ކަމެއް ދިމާވެއްޖެނަމަ ޑރ. އަމިއްލައަށް އެކަން މީޑިއާ އާއި ހިއްސާ ކުރައްވާނެ ކަމަށް ވެސް ޑރ. މޫސަ ވަނީ ވިދާޅުވެފައެވެ.