28 Dec 2011, 13:20
ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒު ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާ ބައްދަލުކުރެއްވި ކަމުގެ ޝަކުވާ ރައީސް އޮފީހަށް ވެސް ލިބެމުން އަންނަ ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވެއްޖެ އެވެ. އަދި ޔާމީނާއި އިނާޒު ބައްދަލުކުރެއްވުމުގައި ސިޔާސީ ވެރިން އެފަދަ ކަންކަމުގައި އަމަލުކުރައްވާ އުސޫލުތަކަށް އަމަލުކުރައްވާފައިނުވާ ކަން ފާހަގަކުރެވޭ ކަމަށް ވެސް ޒުހައިރު ވިދާޅުވި އެވެ.
"އޮނަރަބަލް ޔާމީނުގެ ކާރުކޮޅުން އިނާޒު ފެނިގެން އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ ބައެއް ފަރާތްތައް މި އޮފީހަށް ވެސް ރިޕޯޓްކުރައްވަމުން އެބަ ގެންދަވާ. އޮނަރަބަލް ޔާމީނުގެ ކާރުކޮޅު ތެރެއިން އިނާޒު ފެނުމުން އެކަމުގައި އޮނަރަބަލް ޔާމީނުގެ އިސް ނެންގެވުމެއް އެބަ އޮތްކަމަށް ފާހަގަ ކުރެވޭ. އެ ބޭފުޅުންނަކީ ސިޔާސީ ވެރިން. އެފަދަ ބޭބޭފުޅުން ބައްދަލުކުރެއްވުމުގައި ގެންގުޅުއްވަން ޖެހޭ ރިވެތި އުސޫލުން އަމަލުކުރައްވާފައި ނުވާކަން ފާހަގަ ކުރެވޭ،" ޒުހައިރު ވިދާޅުވި އެވެ.
ރޭ އެމްޑީޕީ ހަރުގޭގައި އެ ޕާޓީގެ ގިނަ އަދަދެއްގެ އެކްޓިވިސްޓުން އިނާޒުއާ ދެކޮޅަށް އަޑު އުފުލައި އޭނާ އަށް ހުތުރުބަސްތައް ރައްދުކޮށް ބިރުދައްކައި އިސްތިއުފާ ދިނުމަށް ޑިމާންޑްކުރި ހާދިސާއާ ގުޅިގެން ސަން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒުހައިރު ވިދާޅުވީ އެ ހާދިސާއާ ގުޅިގެން އިނާޒު އަދި އިސްތިއުފާ ނުދެއްވާ ކަމަށާއި އިނާޒު މިނިސްޓަރު ކަމުން ވަކިރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަދި ނުވިސްނަވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވުމާއި ނުދެއްވުމަކީ އިނާޒުގެ އަމިއްލަފުޅު އިހުތިޔާރުގައި އޮތް ކަމެއް ކަމަށެވެ.
އެމްޑީޕީގެ ހަރުގޭގައި ރޭ ހިނގި ކަންތައްތަކާ މެދު ދެކެވަޑައިގަންނަވަނީ ކިހިނެތްތޯ ދެންނެވުމުން ޒުހައިރު ވިދާޅުވީ ކޮންމެ ޕާޓީއެއްގެ ވެސް ހަރުގެއަކީ އެ ޕާޓީއެއްގެ މެމްބަރުން ވަރަށް މިނިވަންކަމާ އެކު ބަހުސްކޮށް، އަޑު އުފުލާ ހަދާ ތަންތަން ކަމަށާއި އެ ތަންތަނުގައި ހިނގާ ކަންތައްތަކާ ޖަވާބުދާރީ ވާނީ އެ ޕާޓީއަކުން ކަމަށެވެ. އެގޮތުން އެމްޑީޕީގެ ހަރުގެއަކީ ވެސް އެ ޕާޓީގެ މެމްބަރުންގެ ގެކަމަށާއި އެތާ ހިނގާ ކަންތައްތަކުގައި ޖަވާބުދާރީ ވާނީ ޕާޓީން ކަމަށް ޒުހައިރު ވިދާޅުވި އެވެ.
"އެމްޑީޕީގެ ހަރުގެއަކީ އެއީ މެމްބަރުންގެ ގެ، އެހެންވީމާ އެމްޑީޕީގެ މެމްބަރުންގެ ގޭގެ ތެރޭގައި މެމްބަރުން ހާމަކުރައްވަން ބޭނުންފުޅުވާ ކަމެއް ހާމަކުރައްވައި ހާމަކުރައްވަން ބޭނުންނުވާ ކަމެއް ހާމަ ނުކުރެއްވުން އެއީ ވަރަށް ބޮޑަށް ހުޅުވާލެވިފައި އޮންނަ ކަމެއް. އެހެންވީމާ އެތާ ހަތަރު ފާރުން އެތެރޭގައި ހިނގާ ކަންތައްތަކުގައި ޖަވާބުދާރީ ވާނީ އެ ޕާޓީން،" ޒުހައިރު ވިދާޅުވި އެވެ.
ފޯނަށް ޖަވާބު ނުދެއްވާތީ ރޭ ހިނގި ހާދިސާއާ މެދު އެމްޑީޕީގެ ރައީސް ޑރ. އިބުރާމް ދީދީގެ ބަހެއް އަދި ވަނީ ނުލިބި އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ