01 Jun 2020, 22:16
ރޭގެ އިރުއޮއްސި ހަޔަކުން މިރޭ އިރުއޮއްސި ހަޔަކަށް ރާއްޖެއިން ކޮވިޑްގެ 56 ޕޮޒިޓިވް ކޭސް ފެނިފައިވާކަމަށް އެންއީއޯސީ އިން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންއީއޯސީގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ މީގެ ތެރޭގައި ހިމެނެނީ 27 ދިވެހީންނާއި 29 ބިދޭސިން ކަމަށެވެ. ދިވެހިންގެ ތެރެއިން އެއް ކޭސް ފިޔަވައި އެހެން ހުރިހާ ކޭހެއްވެސް ގުޅެނީ ކުރީގެ ކްލަސްޓާސް ތަކާ ކަމަށާއި ބިދޭސީންގެ ތެރެއިން ހަތަރު ކޭހެއް ފިޔަވައި އެހެން ކޭސްތައް ގުޅެނީ ކުރީގެ ކްލަސްޓާސް ތަކާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖެއިން ޖުމްލަ 1829 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، ހަ މީހަކު ވަނީ ބަލީގައި މަރުވެފައެވެ. ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 488 އެވެ.
މިހާރު ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ ޖުމްލަ އަކީ 1333 އެވެ. މީގެ ތެރެއިން 12 މީހަކަށް ޓްރީޓޮޕް ހޮސްޕިޓަލުގެ ވޯޑުގައި ފަރުވާ ދެމުންދާއިރު އެކަކަށް ފަރުވާ ދެމުން ދަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.