ލަންޑަން (1 ޖޫން 2020) : ކަޅު ނަސްލުގެ މީހުންނަށް އަމާޒުކޮށްގެން އެމެރިކާގައި ހިންގާ ނަސްލީ އިމްތިޔާޒާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާ ދެކޮޅަށް އެގައުމުގައި ކުރަމުން ގެންދާ މުޒާހަރާތަކަށް ތާއީދުކޮށް ހިއްވަރު ދިނުމުގެ ގޮތުން ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް މުޒާހަރާ ކުރަންފަށައިފި އެވެ.

އެމެރިކާ ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް އެމެރިކާގައިކުރާ މުޒާހަރާތަކަށް ހިއްވަރު ދިނުމުގެ ގޮތުން މުޒާހަރާތައްފެށި ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި ޖަރުމަނާއި ބްރަޒީލް ހިމެނެއެވެ. އިނގިރޭސިވިލާތުގެ އާންމުންގެ އެތައް ސަތޭކަ ބަޔަކުވަނީ ލަންޑަންއާއި މެންޗެސްޓާގައި ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ގޮންޖެހުމަށް ފަހު އެމެރިކާ ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލާފައެވެ.

ލަންޑަންގައި މުޒާހަރާ ކޮށްފައި ވަނީ ތޭމްސް ކޯރުގެ ދެކުނު އައްސޭރީގައި ހުންނަ އެމެރިކާގެ އެންބަސީގެ ކުރިމަތީގައެވެ. މުޒާހަރާކުރި މީހުންވަނީ ނަސްލީ އިމްތިޔާޒާއި ލާއިންސާނީ އަމަލުތައް ހުއްޓާލައި އިންސާފު ގާއިމް ކޮށްދިނުމަށް އެމެރިކާ އަށް ގޮވާލާފައެވެ. މެންޗެސްޓާގައި އެމެރިކާއާ ދެކޮޅަށް މުޒާހަރާ ކޮށްފައިވަނީ އެސިޓީގެ މަގުތަކުގައެވެ.

އެމެރިކާގެ ސިޓީއެއްކަމަށްވާ މިނިއާޕޮލިސްގެ ފުލުހުންމިދިޔަ ހަފްތާގައިވަނީ ކަޅުނަސްލުގެ މީހެއްކަމަށްވާ ޖޯޖް ފްލޮއިޑް ހައްޔަރު ކުރުމުގެ ތެރޭގައި އޭނާ ބިންމައްޗަށް ވައްޓާލުމަށްފަހު ގަސްދުގައި އޭނާގެ ކަރަށް ފައިން އަރައި ހާސްކޮށްލައިގެން މަރާލާފައެވެ. ފްލޮއިޑް ހާސްވެ މަރުވަމުންދިޔައިރު އޭނާއަށް ނޭވާނުލެވޭކަމަށް ބުނެ ކުރި އާދޭސްތަކަށްވެސް އެމެރިކާގެ ފުލުހުން ކުޑަވެސް ސަމާލުކަން ދީފައެއްނުވެއެވެ. ފްލޮއިޑް މަރުވީ އެމެރިކާ ފުލުހުންގެ މީހާ އޭނާގެ ކަރަށް ފައިންއަރައި (ކަކުލުން) ބާރުކޮށްލައިގެން ނުވަ މިނުޓު ވަންދެން ހުރިފަހުންނެވެ.

ލަންޑަންއާއި މެންޗެސްޓާގައި މުޒާހަރާކުރި އިނގިރޭސި ރައްޔިތުން ވަނީ ފްލޮއިޑް އަށް އިހްތިރާމް އަދާކުރުމުގެ ގޮތުންނާއި އެމެރިކާ ފުލުހުންގެ އަނިޔާވެރިކަން ކުށްވެރި ކުރުމުގެ ގޮތުން މުޒާހަރާތަކުގައި ނުވަ މިނިއްޓުގެ ސުކޫތެއް (ހަނުހުރުމެއް) ގެނަސްފައެވެ.

އެމެރިކާ ފުލުހުން ހިންގި މިޖަރީމާ ކުށްވެރި ކުރުމަށް އިންގިރޭސި ސަރުކާރަށް ކެރިފައިނުވަނިކޮށް އިނގިރޭސި ރައްޔިތުންގެ ބަޔަކު މިކަން ކުށްވެރި ކުރުމުން އިނގިރޭސި ޚާރިޖީ ވަޒީރު ޑޮމިނިކް ރާބް ވަނީ އެމެރިކާ ސިފައިންގެ އަމަލަކީ ހިތަށް ވޭންލިބިދޭ އަމަލެއް ކަމަށް ސިފަކުރައްވާފައެވެ. ލަންޑަންއާއި މެންޗެސްޓާގައި މުޒާހަރާކުރި މީހުންވަނީ ފްލޮއިޒްގެ މަރާ ގުޅިގެން އިންސާފަށާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ގޮވާލައި އެމެރިކާގައި މުޒާހަރާކުރާ ފަރާތްތަކަށް ތާއީދުކޮށް އެމީހުންނަށް ހިއްވަރު ދީފައެވެ.

މި ޖަރީމާއާ ގުޅިގެން އެމެރިކާއާ ދެކޮޅަށް ޖަރުމަނުގެ އާންމުން މުޒާހަރާކުރީ ބާލިންގައި ހުންނަ އެމެރިކާ އެންބަސީގެ ކުރިމަތީގައެވެ. އެމީހުންވެސްވަނީ އެމެރިކާގައި މުޒާހަރާކުރާ ފަރާތްތަކަށް ތާއީދުކޮށް އެމީހުންނަށް ހިއްވަރު ދީފައެވެ.

އެމެރިކާގައި މުޒާހަރާ ކުރާ ފަރާތްތަކަށް ހިއްވަރުދިނުމުގެ ގޮތުން ބްރަޒީލްގައި މުޒާހަރާކުރި ފަރާތްތަކުންވަނީ ބްރަޒީލްގެ ރައީސް ޖައިރު ބޮލްސޮނާރޯއަކީވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަދަ ހަރުކަށި އަދި ނަސްލީ އިމްތިޔާޒަށް ހިއްވަރުދޭ ބޭފުޅެއްކަމަށް ސިފަކޮށްފައެވެ.

އެމެރިކާ ފުލުހުންގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ކުރާ މުޒާހަރާތަކާ ދެކޮޅަށް ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ހަތަރު މީހުން މަރުވެފައިވާއިރު އެމެރިކާގެ ސަލާމަތީ ބާރުތަކުންވަނީ 4400 މީހުން ހައްޔަރުކޮށްފައެވެ. މިނިއާޕޮލިސްގައި މީގެ ތިން ދުވަސްކުރިން ފެށި މުޒާހަރާތައް ކޮންޓްރޯލުން ނެއްޓި އެމެރިކާ ގިނަ ސިޓީތަކުގައި މުޒާހަރާތައް ފެތުރިފައިވާއިރު މުޒާހަރާތަކުގެ އެކްޓިވިސްޓުން ގެންދަނީ އެމެރިކާގެ ސަލާމަތީ ބާރުތަކަށް ހަމަލާދީ ސަރުކާރުގެ އިމާރާތްތަކުގައި ހުޅުވެސް ޖަހަމުންނެވެ. މީގެއިތުރުން ފިހާރަތައްވެސް ލޫޅުވަމުންވެސް ގެންދެއެވެ.

މުޒާހަރާތައް ހުއްޓުވުމުގައި ފުލުހުން ނާކާމިޔާބު ވުމުން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާ ސިފައިންވެސް މަގުތަކަށް ނެރެ މުޒާހަރާތައް ހުއްޓުވުމުގެ މަސައްކަތުގައި ބައިވެރި ކުރުވާފައެވެ. ކަޅު މީހަކު މަރާލި މައްސަލައެއްގައި މުޒާހަރާތައް ފެށުނުނަމަވެސް މުޅި އެމެރިކާއަށް މުޒާހަރާތައް ފެތުރި ކަޅު މީހުންގެ އިތުރުން ދޮންމީހުންގެ ގިނަބަޔަކުވެސް މުޒާހަރާތަކުގައި ބައިވެރިވަނީ އެމެރިކާގެ އެތެރޭގައި ހުރި ބޭއިންސާފާއި އަނިޔާވެރި ކަންތައްތަކާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިގޮތުން އެމެރިކާގައި ފަގީރުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން ދިޔުމާއި ފަގީރުން އިތުރަށް ފަގީރުވެ މުއްސަނދިން އިތުރަށް މުއްސަނދިވުމާއި އާދައިގެ މީހަކަށްވާނަމަ އިންސާފު ނުލިބުމާއި މުއްސަދިންނާއި ކުންފުނިތަކުން އެމެރިކާގެ އިގްތިސާދަށް އަތްގަދަކޮށްފައި އޮންނަ އޮތުމަކީ އެމެރިކާގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް ތެދުވާ މައިގަނޑު ސަބަބުތައް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާއަކީ ސަރުކާރުގެ ޚަރަދުގައި އާންމު ރައްޔިތުންނަށް ސިއްޙީ ރައްކާތެރިކަމުގެ ނިޒާމެއްވެސް ގާއިމްކޮށްފައިނުވާ ގައުމެކެވެ. ކޮވިޑް-19 ސަބަބުންވެސް އެހެން ގައުމުތަކާ ޚިލާފަށް އެމެރިކާގެ ގިނަ ބަޔަކު މަރުވަމުންދާ އެއްސަބަބަކީ އާންމުންނަށް ސިއްހީ ރައްކާތެރި ކަމުގެ ނިޒާމެއް ގާއިމް ކޮށްފައި ނެތުންކަމަށް ސިއްހަޓާބެހޭ ތަޖްރިބާކާރުން ބުނެއެވެ.

(ނޫސްއެޖެންސީތައް)