28 Dec 2011, 13:12
ވިލާ އެއާގެ އޮޕަރޭޝަންތައް ހުއްޓުވައި އެ ކުންފުނީގެ ރިސޯޓްތަކުގެ ސުޕާތައް ބަންދުކުރަން ސަރުކާރުން އެންގި މައްސަލައިގައި ސުވާލުކުރަން ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމާއި ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހާޒިރުކުރަން ނިންމި ބައްދަލުވުން ކެންސަލްކޮށްފި އެވެ.
މިއަދު ބޭއްވި އެ ކޮމެޓީގެ ޖަލްސާގައި އިއްޔެގެ ނިންމެވުމާއި ބައްދަލުވުން ކެންސަލް ކުރީ އިއްޔެ ކޮމެޓީ ބައްދަލުވުން ބާއްވަން މެންބަރުނަށް އެސްއެމްސްއެސް ފޮނުވާނާފައި ވަނީ މައްސަލަ ކޮމެޓީ އަށް ހުށަހެޅުމުގެ ކުރިން ކަމަށް ބުނެ ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ ސަރުކާރަށް ނިސްބަތްވާ މެންބަރުން ވާހަކަފުޅު ދައްކަވައި ވަރަށް ބޮޑަށް ދެކޮޅު ހެއްދެވުމާއެކު އެވެ.
އެހެން ނަމަވެސް ވިލާ ރިސޯޓްތަކުގެ މައްސަލައިގައި ޓޫރިޒަމް މިނިސްޓަރު ޒުލްފާއި ޑިޕިއުޓީ މިނިސްޓަރު ކޮމެޓީ އަށް ހާޒިރު ކުރުމަށް މިއަދު ވެސް ވަނީ ފާސްކޮށްފަ އެވެ. ވިލާގެ ރިސޯޓް ސުޕާތައް ބަންދު ކުރަން އެނގި މައްސަލައިގައި ސުވާލު ކުރުމަށް ޓޫރިޒަމް މިނިސްޓަރާއި ނައިބު ކޮމެޓީ އަށް ހާޒިރު ކުރަން ނިންމެވީ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ހުށަޅުއްވުމުން ކޮމެޓީގެ އިއްތިފާގުންނެވެ.
ވިލާ އެއާގެ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް ހާޒިރު ކުރަން ހުށަހެޅި ހުށަހެޅުމަކަށް ވޯޓަކަށް ނާއްސަވަ އެވެ.
ކޮމެޓީގެ ބައްދަލުވުން މިއަދު ހޫނުވެ މެންބަރުގެ މެދުގައި ޒުވާބު އުފެދުނީ ވިލާގެ މައްސަލަ ކޮމެޓީއަށް ވައްދައި ކޮމެޓީއަށް ކިޔުމުގެ އެސްއެމްއެސް ފޮނުވާފައި ވަނީ އިއްޔެގެ ކުރީގެ ދުވަހުގެ 5:00 ޖެހިއިރު ކަމަށާއި ކުއްލި މައްސަލައެއްގެ ގޮތުގައި މައްސަލަ ވައްދާފައި ވަނީ ކުރިން އަމަލު ކުރަމުން އައި ގޮތާ ހިލާފަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަމަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވިދާޅުވުމާ ހަމައިންނެވެ. ސަރުކާރު މެންބަރުން ވިދާޅުވީ މައްސަލަ ވައްދާފައި ވަނީ އެސްއެމްއެސް ފޮނުވުމުގެ ކުރިން ހޯމަ ދުވަހުގެ 5:18 ގައި ކަމަށެވެ.
މެންބަރުގެ އަރައިރުމާ އެކު "ހޫނުގަނޑެއް"ގެ ތެރޭގައި ކުރިޔަށް ދިޔަ ކޮމެޓީގައި މުގައްރިރު، ހަނިމާދު ދާއިރާގެ މުހައްމަދު މުޖުތާޒު ވިދާޅުވީ ކޮމެޓީގެ އިއްޔެގެ ބައްދަލުވުން ކެންސަލް ކުރައްވާފައިވާ ކަމަށާއި މިއަދުގެ ބައްދަލުވުމަކީ މުޅިން އާ ބައްދަލުވުމެއް ކަމަށެވެ.
ނިޒާމީ ނުކުތާ އާއި ހިތްހަމަ ނުޖެހުންތަކާ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ތުހުމަތުތައް އަޅުވައި ދެއްވި ބަހުގެ ހަމަލާތަކާ އެކު ކުރިޔަށް ދިޔަ ބައްދަލުވުމުގައި މުގައްރިރު ވިދާޅުވީ އޭނާއަކީ ވިލާ ހޮޓެލެސް "ޖީބަށް" ވެއްޓިފައިވާ ބޭފުޅެއް ކަމަށް ކޮމެޓީގެ މެންބަރު މާރިޔާ ދީދީ ތުހުމަތު ކުރެއްވި ކަމަށާއި ނަމަވެސް އޭނާ އަކީ ވިލާ ހޮޓެލްސްގެ ޖީބަށް ވެއްޓިފައިވާ ބޭފުޅެއް ނޫން ކަމަށާއި ދުވަހަކު ވެސް އެހެން ނުވާނެ ކަމަށެވެ. އަދި މަސައްކަތް ކުރެއް ވަނީ އޮމާންކަމާ އެކު ޒިންމާދާރު ގޮތުގައި މަސައްކަތް ކުރެއްވުމަށް ކަމަށެވެ.
ކޮމެޓީގައި މިއަދު އިދިކޮޅު މެންބަރުންނާއި ސަރުކާރުގެ މެންބަރުގެ މެދުގައި ޒުވާބު ހިންގައި އަޑުގަދަ ކޮށްފައިވެ އެވެ.
ވިލާ އެއާގެ މައްސަލަ މިވަގުތު ކޯޓްގައި އޮތުމުން އެއީ ކޮމެޓީގައި ކުރިޔަށް ގެންދެވިދާނެ މައްސަލައެއްތޯ ބެލުމަށާއި ސުޕާތަކުގެ މައްސަލައިގައި ފުލުސް ކޮމިޝަނަރު ހާޒިރު ކުރުމަށް މަޖިލީޙުގެ ކައުންސެލް ޖެނެރަލްގެ ލަފާ ހޯއްދެވުމަށް ވެސް މިއަދު ކޮމެޓީން ނިންމެވި އެވެ.