01 Jun 2020, 19:02
ދިވެހިރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ މައްސަލަ އަމިއްލަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި ބައްޕައަކާ ދެކޮޅަށް ނިމިއްޖެއެވެ.
މިއަދު މެންދުރު 13:00 ގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންގޮސްފައި ވަނީ ބާލިޣު ނުވާ އަމިއްްލަ ދަރިފުޅާ މެދު ބަދުއަހުލާގީ އަމަލު ހިންގުމުގެ ދައުވާގެ މައްސަލައެކެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ، ދައުވާ ލިބޭ، ބ. ތުޅާދޫ ގުލްބަހާރުގެ އަދުނާން ހުސައިންގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށެވެ. އަދި އޭނާ 36 އެތިފަހަރުން ތައުރީޒު ކުރުމާއެކު ހަ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ. އަދުނާނުގެ ފަރާތުން ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުންވެސް ކްރިމިނަލް ކޯޓުގެ ހުކުމް ދެމެހެއްޓިއެވެ.
ހައިކޯޓުންނާއި ކްރިމިނަލް ކޯޓުން އެ މައްސަލަ ނިންމީ ރަނގަޅަށް ނޫން ކަމަށް ބުނެ، އަދުނާނުގެ ފަރާތުން ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުންވެސް މިއަދު ނިންމާފައި ވަނީ ކުށް ކުރިކަން އަދުނާންގެ މައްޗަށް ސާބިތުވާ ކަމަށެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައިވާ ގޮތުން އަދުނާން ވަނީ އެ މައްސަލައިގައި ޖިންސީ ގޯނާ ލިބުނު ކުއްޖާ ކުޑަ އިރުއްސުރެ އެކި ގޮތް ގޮތުން ޖިންސީ ގޯނާކޮށްފައެވެ. އެގޮތުން، އެ ކުއްޖާގެ މަންމަ ގޭގައި ނޫޅޭ ވަގުތުތަކުގައި ރޭޕް ކުރުމާއި، ޖިންސީ މަންޒަރުތައް ދެއްކުމާއި، މާ ބޮޑަށް ގައިގޯޅިކޮށް ގެންގުޅުމާއި، ފެންވަރުވަން ފާހާނާއަށް ވަނުން ފަދަ ކަންކަން ހިމެނެއެވެ.
ޖިންސީ ގޯނާ ލިބުނު ކުއްޖާ ވަނީ ތަހުގީގަށާއި، ޝަރީއަތަށް އެ ކަންކަން ހިނގައިދިޔަ ގޮތް ކިޔައިދީފައެވެ. އޭގެ އިތުރުން ޖިންސީ ގޯނާ ކުރި މަންޒަރު ފެނުނު އަންހެން ކުއްޖަކާއި އަނިޔާ ލިބުނު ކުއްޖާގެ މަންމައާއި މާމަވެސް އަދުނާންއާ ދެކޮޅަށް ހެކިބަސް ދިނެވެ. އެ މައްސަލައިގައި ހެކިބަސް ދިން އެންމެންގެ ވާހަކަތައްވެސް ދިމާވާކަން ދަށު ކޯޓުގެ ހުކުމުުގައިވެސް ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން، އެ މައްސަލައާ ގުޅިގެން ހެދި ޖިންސީ ގޯނާ ލިބުނު ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓުންވެސް ޖިންސީ ގޯނާ ލިބިފައިވާ ކަމުގެ ހެކި ލިބޭ ކަމަށް ފާހަގަކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުން މި މައްސަލަ ނިންމެވި ބެންޗުގައި ހިމެނިވަޑައިގެންނެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އެވެ.
އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންނާއި، ދައުވާކުރާފަރާތާއި އެ ފަރާތުގެ ވަކީލު އަދި ދައުވާލިބޭ ފަރާތާއި ކޯޓުގެ މުވައްޒަފުން ބައިވެރިވީ އެ ފަރާތެއް ގާއިމްވެހުރި ތަނުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައަކަށްވާތީ މިއަދުގެ ޝަރީއަތް ލައިވްކޮށްފައެއް ނުވެއެވެ.