އައިޖީއެމްއެޗްގެ ލެބޯޓްރީން މިހާތަނަށް ކޮވިޑް19 އަށް 20،000 އަށްވުރެ ގިނަ ޕީސީއާރް ޓެސްޓު ކޮށްފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން ކުރި ޓުވީޓެއްގައި ވަނީ މިކަމަށްޓަކައި އެ ހޮސްޕިޓަލުގެ ލެބޯޓްރީގައި މަސައްކަތްކުރާ ހުރިހާ ސްޓާފުންނަށް ޝުކުރުއަދާކޮށްފައެވެ.

އައިޖީއެމްއެޗުން ބުނީ ކޮންމެ ޓެސްޓެއް ހެދުމުގެ ކުރިން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އަދި ވަގުތުން ވަގުތަށް ރިޕޯޓުތައް ތައްޔާރުކުރުމުގައި ލެބޯޓްރީގައި މަސައްކަތް ކުރާ ސްޓާފުން ދައްކަމުން އަންނަނީ ނުގުޑާފަދަ އަޒުމާއި ހިތްވަރެއް ކަމަށެވެ.

މިހާރު ރާއްޖޭގައި ތިން ތަނަކުން ކޮވިޑް ޓެސްޓްތައް ހަދަ އެވެ. އެއީ އައިޖީއެމްއެޗާއި އޭޑީކޭ އަދި ޕޮލިސް ލެބޯޓްރީއިންނެވެ. ރާއްޖޭގެ ޓެސްޓިން ކެޕޭސިޓީ އިތުރުުކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ 1،773 އަށް އަރައިފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 453 މީހަކު ރަނގަޅުވެފައި ވާއިޔު، ބަލީގައި ހަ މީހަކު ވަނީ މަރުވެފައެވެ.