28 Dec 2011, 13:05
ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑުވެ، ޓޫރިޒަމް އިންޑަސްޓްރީ އިނދަޖެހިގެން ހިނގައިދާނެ ކަމަށާއި އަދި ސަރުކާރުގެ އިސް ވެރިންނަކީ ސަމާސާ ބަސްފުޅު ވިދާޅުވާ ބަޔަކަށް ވެގެން ނުވާނެ ކަމަށް ޑީއާރުޕީން ބުނެފި އެވެ.
ޑީއާރްޕީން މިއަދު ބޭއްވި ނޫސްކޮންފަރެއްސެއްގައި ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފް(މަވޯޓާ) ވިދާޅުވީ ސަރުކާރުގެ އިސް ބޭފުޅުންނަކީ ވަރަށް ޒިންމާދާރު ބަޔަކަށް ވާން ޖެހޭނެ ކަމަށާއި ސަރުކާރުން ރައްޔިތުންނާ ޖެއްސުމަށް ގައުމުގެ އިގްތިސާދު ހަލާކުކުރާ ކަހަލަ އިންޒާރު ދިނުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"ދިވެހި ސަރުކާރަށް އަޅުގަނޑު ގޮވާލަން ބޭނުން ވަނީ ސަރުކާރުން ވެސް ގާނޫނާއި ގަވާއިދުގެ ހުދޫދުގެ ތެރޭގައި އުޅުއްވާށޭ. ރައްޔިތުން ނުކުމެ މުޒާހަރާ ކުރާނެ، ރައްޔިތުން މުޒާހަރާ ކުރީމާ ސަރުކާރުން ރައްޔިތުންނާ ޖެއްސުމަށް ގައުމުގެ އިގްތިސާދު ހަލާކުކުރާ ކަހަލަ އިންޒާރު ދިނުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫނޭ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު އިއްޔެ އިއުލާން ކުރި ކަންތައް ސަރުކާރަށް ތަންފީޒްކުރަން ފަސޭހަވާނެ ކަމަށް ގަބޫލު ނުކުރަށްވާ ކަމަށާއި ސަރުކާރުން ބޭނުން ވަނީ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް ބިރުދައްކައި ހައިޖެކް ކުރުން ކަމަށެވެ.
އޭނާ އަދި ވިދާޅުވީ އެފަދަ ވާހަކަތަކެއް ސަރުކާރަކުން އިއުލާން ކުރުމާ ގުޅިގެން ރާއްޖޭގައި ޓޫރިޒަމްގެ ދާއިރާ އިން އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތައް ޖެހިލުންވެ އެކަމުގެ އަސަރު ޓޫރިޒަމް އިންޑަސްޓްރީ އަށް ކުރާނެ ކަމަށެވެ.
"ގާނޫނީ ހަމަތަކުގެ މަތިން ސައްހަ ވިޔަފާރިކުރާ ފަރާތްތަކުން ސަރުކާރުން މި ހާމަކުރި ކަންތައްތަކުގެ ސަބަބުން ރާއްޖޭގައި އިންވެސްޓް ކުރަން ޖެހިލުންނާ ވާނެ. އެހެނެއްނޫން ސަރުކާރާއި ބައިވެރިވެގެން ނަހައްގު ގޮތުގައި ވިޔަފާރިތަކަށް ވަދެ ގައުމު ފުނޑާލަން ބޭނުންވާ ފަރާތްތަކުން ރާއްޖޭގެ ވިޔާފާރިތަކުގައި ބައިވެރިވާނެ އެ މީހުންނަކީ ރެއިޑަރުން،" ޝަރީފް ވިދާޅުވި އެވެ.
ރައީސުލްޖުމުހުރިއްޔާގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ މިދިޔަ ހުކުރު ދުވަހު މުޅި ރާއްޖޭގައި ކުރި ބޮޑު މުޒާހަރާގައި މީހުން އުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން މަނާކުރުމަށް އަޑުއުފުލާފައި ވާތީ މުޅި ރާއްޖޭގައި ރަލާއި އޫރުމަސް ވިއްކުން މަނާކުރުމަށް ވިސްނާ ކަމަށާއި މީގެ އިތުރަށް ހުރިހާ ސުޕާތައް ވެސް ބަންދުކުރުން ހިމެނޭ ކަމަށާއި އެފަދަ ތަންތަނުގެ ތެރެއިން ހަށި ވިއްކާ ތަންތަން އަދި ނުވިއްކާ ތަންތަނަކީ ކޮބައިކަން ވަކިކުރަން ނޭނގޭތީ ސަރުކާރުން ވިސްނީ އެފަދަ ހުރިހާ ތަނެއް ބަންދުކުރަން ކަމަށެވެ.
ފައިނޭންސް މިނސްޓަރު އަހުމަދު އިނާޒާއި ޕީޕީއެމްގެ ވަގުތީ ޕާލިމެންޓް ގުރޫޕްގެ ރައީސް އަބުދުﷲ ޔާމިން ރޭ ބައްދަލު ކުރެއްވި މައްސަލާގައި ޕީޕީއެމުން އެކަން ކުށްވެރިނުކުރާތީ އެކަމަށް ވަރަށް ބޮޑަށް ޝަރީފު ވަނީ ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ޕީޕީއެމްގެ އިސްކޮށްއުޅުއްވާ އުމަރު ނަސީރު ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ރައީސް މުހައްމަދު ނަޝީދާ ސިއްރުން ބައްދަލްކުރަށްވާ ކަމަށް ވިދާޅުވެ ވަރަށް ބާރަށް ހަޅޭއްފުޅުލެއްވި ކަމަށާއި މިހާރު އެ ބޭފުޅުންގެ ލީޑަރު ސަރުކާރުގެ އިސްފަރާތްތަކާ ސިއްރުން ބައްދަލު ކުރައްވާ އިރު އެކަމާ އެއްޗެކޭ ވިދާޅު ނުވާތީ ހައިރާންވެ ލައްވާ ކަމަށް ވިދާޅުވެފަ އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ