01 Jun 2020, 15:05
އުމުރުން ދުވަސްވީ މީހުން ކަސްރަތު ކުރުމަށް ބޭރަށް ނުކުންނަ އިރު ރަނގަޅު ގޮތަކީ މާސްކު ނޭޅުން ކަމަށް އެންއޯއީސީ އިން ބުނެފި އެވެ.
މާލޭ ސަރަހައްދުގެ ފުރަބްނަދަށް ދޭން ފެށި ލުއިތަކުގެ ތެރެއިން އުމުރުން ދުވަސްވީ މީހުންގެ ދުޅަހެޔޮކަމަށް ފަތިހު 5:00 އިން ހެނދުނު 8:00 އަށް ބޭރަށް ނުކުތުމުގެ ހުއްދަ ވަނީ ދީފަ އެވެ.
އެންއޯއީސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އައިޖީއެމްއެޗް އެޕިޑޮމިލަޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންގެ ތެރެއިންވެސް ހާއްސަކޮށް ފުއްޕާމޭގެ ބަލިތަކާއި އަދިވެސް އެފަދަ އެހެން ބަލިތައް ޖެހިފައިވާ މީހުން މާސްކް އެޅުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ. އެ ބޭފުޅުން ކަސްރަތު ކުރުމަށް ނުކުންނަ އިރުވެސް މާސްކް ނޭޅުމަށް އަފްޒަލް އިލްތިމާސް ކުރެއްވި އެވެ.
"އެއީ މި ބައްޔަކީ ވައިގެ ތެރޭގައި އުޅޭ ވައިރަހެއް ނޫން. މި ބަލި ޖެހެނީ ވައިރަސް ޖެހިފައި ހުރި މީހަކު ކެއްސާ ކިބިހި އަޅާއިރު، ވައިގެ ތެރެއަށް ބުރައިގެންދާ ކުޅު ތިކިތަކުގެ ޒަރިއްޔާއިން އެކަކު އަނެއްކަކަށް ޖެހޭ ވައިރަސްއެއް ކަމަވާތީވެ، ހިނގާލަން ނުކުމެ އުޅޭ މީހުން، އަދި މި އުމުރުފުރައިގެ [އުމުރުން ދުވަސްވީ] މީހުން މާސްކް އަޅާކަށް ނުޖެހޭނެ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައިި ޑރ. އިބްރާހިމް އަފްޒަލް -- ފޮޓޯ/އެންއީއޯސީ
ޑރ. އަފްޒަލް ވިދާޅުވީ، އެ އުމުރުފުރައިގެ މީހުން ހާއްސަގޮތެއްގައި ހިނގާލުން، ދުވުން އަދި ބައިސްކަލު ދުއްވުންފަދަ ކަސްރަތު ކުރާއިރު ރަނގަޅުގޮތަކީ މާސްކް ނޭޅުން ކަަމަށެވެ.
"އެއީ އެބޭފުޅުންގެ ފުއްޕާމޭއާއި ހަށިގަނޑު އަދި އާންމު ހާލަތައް ބަލާއިރުވެސް އާންމުކޮަށް ކުރާވަރަށްވުރެ ހަށިގަނޑަށް ބާރުލައިފިނަމަ، ހަށިގަނޑަށް ބޭނުންވާވަރަށް އޮކްސިޖަން ނުލުބުން އެކަށީގެންވޭ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މާސްކު އެޅުން އެންމެ ރަނގަޅުގޮތަކީ ދެ މީހަކު ކައިރިވާ ތަންތާގައި ކަމަށެވެ. އެހެންކަމުން އުމުރުން ދުވަސްވީ މީހުންވެސް ކަސްރަތު ކުރައްވާއިރު، އެކަނި ކަސްރަތު ކުރުމަށް ޑރ. އަފްޒަލް އެދިވަޑައިގެންނެވި އެވެ.
"ދުވާފައި ދިޔަ ނަމަވެސް މީހުންނާ ދުރުމިން ބަހައްޓައިގެން ދުވުން ރަނގަޅީ. އެކަހެރިކޮށް އެ ބޭފުޅުން ކަސްރަތު ކުރެއްވުން އެންމެ ރަނގަޅީ،" އަފްޒަލް ވިދާޅުވި އެވެ.
އުމުރުން ދުވަސްވީ މީހުން ކަސްރަތުކުރުމަށާއި ހިނގާލުމަށް ވަކި ގަޑިތަކެއްގައި ބޭރަށް ނުކުތުމަަށް ދީފައިވާ ހުއްދައިގެ ދަށުން، ބޭރަށް ނުކުންނަ އިރު އެކުގައި ކުޑަކުދިން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތަށް އެކަން ނުކުރެއްވުމަށް އަފްޒަލް ރޭ އިލްތިމާސް ކުރެއްވި އެވެ.
ރާއްޖޭގައި 65 އަހަރުން މަތީގެ 35 މީހަކަށް ވައިރަސް ވަނީ ޖެހިފަ އެވެ. ރާއްޖެއިން މިހާތަނަށް ފަސް މީހަކު މަރުވި އިރު، އޭގެ ތެރެއިން ދެ މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. މި ބަލީގެ ނުރައްކާ އެންމެ ބޮޑު ބަޔަކީވެސް އެއީ އެވެ. ދުނިޔޭގެ އެހެން ގައުމުގައުތަކުގައިވެސް ވައިރަސް ޖެހިގެން މަރުވާ ގިނަ މީހުންނަކީ، އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ކޮންމެވެސް އެހެން ބައްޔެއް ހުރުމުން ދިފާއީ ނިޒާމް ބަލިކަށި މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ވައިރަސް ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދަކީ، 1،773 އެވެ. އޭގެ ތެރެއިން 455 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެެވެ.