ނިއުދިއްލީ (1 ޖޫން 2020) : ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އިންޑިއާގައި ތަންފީޒު ކުރަމުން ގެންދާ ފުރަބަންދުގެ ހަރުކަށި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދޭން ފަށަފައިފިއެވެ.

އިންޑިއާގެ ސިއްޙަތާބެހޭ ވުޒާރާ ބުނާގޮތުން ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދޭން ރާވާފައިވަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާ ތަންފީޒުކުރަން ފަށަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. ނަމަވެސް ފުރަތަމަ މަރުޙަލާ ތަންފީޒު ކުރަންފެށުމުގެ ކުރިން ފުރަބަންދުގައި ހިމެނޭ ކާފިއުގެ ފިޔަވަޅުތަކަށް މިއަދުން ފެށިގެން ލުއިދޭން ނިންމާފައިވާކަމަށް ސިއްޙަތާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއް ބުނެއެވެ. މިގޮތުން މިއަދުން ފެށިގެން ގެއިން ބޭރަށް ނުކުމެ އުޅުން މަނާކުރާނީ ހަމައެކަނި ރޭގަނޑު 09:00 ން ފަތިހު 05:00 އަށް ކަމަށް އެބަޔާން ބުނެއެވެ.

މީގެއިތުރުން އިންޑިއާގެ އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ދަތުރު ކުރުމުގެ ހުއްދަ މައި ސަރުކާރުން ސްޓޭޓް ތަކާއި ޔޫނިއަން ޓެރިޓަރީ ތަކުގެ ލޯކަލް ސަރުކާރުތަކަށް ހުއްދަ ދިނުމަށްވެސްވަނީ ނިންމާފައެވެ.

ފުރަބަންދާއެކު އިންޑިއާގެ އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ދަތުރު ކުރުންވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައެވެ. އެފަދަ ދަތުރުތައް ކުރެވޭނީ މައިސަރުކާރުން ދޭ ޚާއްސަ ހުއްދައެއް ނަގައިގެންނެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިންޑިއާގައި ތަންފީޒު ކުރަމުން ގެންދާ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދޭން އިންޑިއާ ސަރުކާރުން ނިންމާފައިމިވަނީ އެފިޔަވަޅުތަކުގެ ސަބަބުން އާންމުންގެ ގިނަބަޔަކު ހާލުގައިޖެހި ކާންބޯން ނުލިބި ހައިހޫނުކަން ތަހައްމަލް ކުރަންޖެހޭ ހިސާބަށް ކަންތައްތައް ދިޔުމުންނެވެ. މިހުރިހާ ދަތިތައް އޮތްނަމަވެސް ކޮވިޑް-19 އެންމެ ބާރަށް ފެތުރެމުންދާ އިންޑިއާގެ ސަރަހައްދުތަކަށް ލުއިދޭން އަދިވެސް ނިންމާފައެއް ނުވެއެވެ. އެސަރަހައްދުތަކަށް ވަނުމާއި ނުކުތުންވަނީ މިމަހުގެ ނިޔަލަށް މަނާކޮށްފައެވެ.

ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދޭން އިންޑިއާއިން ރާވާފައިވަނީ ތިން މަރުހަލާއެއްގެ ތެރެއިންނެވެ. މިމަހުގެ 8 ގައި ފަށާ ފުރަތަމަ މަރުހަލާގައި ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަޅުކަންކުރާ ތަންތަނާއި ކެފޭ ރެސްޓޯރެންޓްތަކާއި ވިޔަފާރި މަރުކަޒުތަކެވެ.

ދެވަނަ މަރުޙަލާގައި ހުޅުވާލަން ހަމަޖެހިފައިވަނީ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކާއި ޖިމްތަކާއި ސްވިމިންގް ޕޫލްތައްފިޔަވައި ކުޅިވަރާގުޅޭ އެނޫން މަރުކަތަޒުތަކާ އަދި ސްކޫލް ތަކެވެ. މިމަރުހަލާ ތަންފީޒުކުރާނީ ފުރަތަމަ މަރުޙަލާއަށް ބެލުމަށްފަހު ސްޓޭޓްތަކާއި ޔޫނިއަން ޓެރިޓަރީތަކުގެ ލޯކަލް ސަރުކާރުތަކުގެ މަޝްވަރާއާއެކު ލޯކަލް ސަރުކާރުތަކުގެ ސީދާ ބެލުމުގެ ދަށުންނެވެ.

ތިންވަނަ މަރުހަލާގައި ހުޅުވާލުމަށް ރާވާފައިވަނީ ބައިނަލްއަގުވާމީ ވައިގެ ދަތުރުތަކާއި މެޓްރޯ ނުވަތަ ސްބްވޭ ރޭލު ދަތުރުތަކާއި ބައިސްކޯފް ގެތަކާއި ބޮޑެތި އެއްވުންތައް ބޭއްވުމުގެ ފުރުސަތެވެ.

މީގެއިތުރުން ޖިމްތަކާއި ސްވިމިންގްޕޫލްތަކާއި ޕާކްތަކާއި ބޮޑެތި ޖަލްސާތައް ކުރާ މާލަންތައްވެސް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މި މަރުޙަލާގައެވެ. ތިންވަނަ މަރުހަލާ ތަންފީޒުކުރާނީ ދެވަނަ މަރުހަލާގައި ކޮވިޑް-19 ކޮންޓްރޯލްވާ ގޮތް ބެލުމަށްފަހުގައި ކަމުން މި މަރުޙަލާ ފަށާނެ ތާރީޚެއް އިންޑިއާގެ ސިއްހަތާބެހޭ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.

މިއިން ކޮންމެ މަރުޙަލާއެއްގައިވެސް ޖިސްމާނީ ގައިދުރުކަން ބެހެއްޓުމާއި މާސްކު އެޅުން ކަމާބެހޭ ޕްލޭންގައިވަނީ މަޖްބޫރުކޮށްފައެވެ. އިންޑިއާގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ދެލައްކައަށް އަރަން ގާތްވެފައިވާއިރު 5 ހާހަށް ވުރެ ގިނަ މީހުން އެރޯަގާގައިވަނީ މަރުވެފައެވެ. އިންޑިއާ އަކީ އެރޯގާ ޖެހިފައިވާ މީހުންގެ އަދަދު 7 ވަނައަށް އެންމެ ގިނަ ގައުމެވެ. (ނޫސްއެޖެންސީތައް)