މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވާލަން އެމްޑީޕީގެ ވަގުތީ ޗެއާ ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާމަނިކު ގޮވައި ލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ މަސްތުވާތަކެއްޗާބެހޭ ބިލުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ ކަންކަމުގެ ހަގީގަތް އޮޅޭ ގޮތަށް އޭތި މީތި ކިޔައިގެން ރައްޔިތުންގެ ތެރޭގައި ކަންތައްތައް ގޯސް ކުރުމަށް މީޑިއާގައި ތިބޭ ބަޔަކު ތާކުންތާކު ނުޖެހޭ ގޮތަށް ހަބަރު ފަތުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ފުރުސަތު ދޭ ކަމަށެވެ.

ގައުމީ ސަލާމަތާބެހޭ ކަންކަން ހިމާޔަތް ނުކުރާ ނަމަ މީޑިއާއާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމް ކަލޭފާނު މީޑިޔާއަށް ދެއްވި އިންޒާރާއި ބޮޑު މުޒާހަރާއާ ގުޅިގެން ޓީވީ ސްޓޭޝަންތަކަށް އެމްއެންޑީއެފުން ފޮނުވި ސިޓީއާ ގުޅިގެން މީޑިއާ ވަރަށް ބޮޑަށް ބިރުގަނެފައިވާ ކަމަށް ބުނެ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ)ން ވާހަކަ ދައްކާފައިވާތީ މޫސަ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ސަލާމަތީ ކަންކަމަށް ގައުމު ދުއްވާ ނުލުމަށް ސަލާމަތީ ބާރުތަކުން ބުނާއިރު، މީޑިޔާއަށް ގޮންޖެހީ ކަމަށް އެފަރާތުން ބުނަމުންދާ ކަމަށެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަން މަޖިލީހަށް ހާޒިރުކޮށް އެ މައްސަލަ ތަހުގީގު ކުރުމަށް ވެސް މޫސަ ވަނީ ގޮވައިލައްވައިފަ އެވެ.

"އަޅުގަނޑޫ ގޮވާލަން މިއަދުން މިއަދަށް ދިވެހި ރާއްޖޭގެ ބްރޯޑްކާސްޓިން ކޮމިޝަން އުވާލައިފަ މީޑިޔާ މީހުންނާއެކީ ވާހަކަ ދައްކައިގެން ކަމެއް ކުރެވޭތޯ ބަލަން. މިއަދު މީޑިޔާ ތެރޭގައި މީހުންނާ ދިމާލަށް އަވަގުރާނަ ގޮވާއިރު ވެސް އަޅައެއްނުލާ އެކަމަކު ސަލާމަތީ ބާރުތަކާ ރައްޔިތުންގެ މަޖލީހުން ގާނޫނެއް ހަދާ ވާހަކަ ބުނީމަ ނުކުރާ ކަމެއްނެތް ނުގޮވާ އެއްޗެއްނެތް. ބްރޯޑްކާސްޓިން ކޮމިޝަން މިތަނަށް ހާޒިރުކޮށްގެން ތަހްގީގު ކުރަންވީ،" މޫސަ ވިދާޅުވި އެވެ.