01 Jun 2020, 13:20
ކުރީގެ ރައީސް، އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލުމާ ގުޅިގެން އެމަނިކުފާނުގެ ދިފާއުގައި ކުރީގެ ރައީސް ކުރީގެ ރައީސް އަދި ޔާމީންގެ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމް ނިކުމެވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ކުރުމުން އެކަމަށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ރައްދެއް ދެއްވައިފި އެވެ.
މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން އަންނަ ރައީސް ޔާމީންގެ ދިފާއުގައި ރައީސް މައުމޫން ވާހަކަދައްކަވާނެ ކަމުގެ އިޝާރާތެއް އެމަނިކުފާނުގެ ހަގު ދަރިކަލުން ޣައްސާން މައުމޫން ވަނީ ދެއްވާފައެވެ.
ޣައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލާފައި ވަނީ ނުހައްގުން ކަމަށާއި، އެ މަނިކުފާނު މިނިވަންކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަސައްކަތް ކުރަނީ ވަރަށް ފާޅުކަން ބޮޑުކޮށް، ކެރިގެން ކަމަށެވެ.
"ސިއްރު ޑީލްތައް ހަދައިގެނެއް ނޫން. އިރާދަކުރެއްވިއްޔާ މި މަސައްކަތް ކާމިޔާބު ވާނެ،" ޣައްސާން ވިދާޅުވި އެވެ.
އެކަމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލާފައިވަނީ ނުހައްގުން ކަމަށް ރައީސް މައުމޫނަކަށް ވިދާޅެއް ނުވެވޭނެ ކަމަށެވެ.
އެމްއެމްޕީއާރުސީގެެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން އިދިކޮޅު ސިޔާސީ ލިޑަރު ރައީސް ޔާމީން އެކަނި ޖަލުގައި ބެހެއްޓުމަކީ އިންސާފެއް ނޫން ކަމަށް ރައީސް ނަޝީދު ވަނީ މީގެކުރީން ވިދާޅުވެފައެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ އަމަލުފުޅުތަކާއި އަދި ހިޔާލުފުޅުތަކަށް އެ މަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ. ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި "ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާ ބޮޑު އިންސާފެއް އަޅުގަނޑަކަށް ނުވިސްނޭ" ކަމަށެވެ.
އެމްއެމްޕީއާރުސީގެ 3.2 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން މިހާތަނަށް ދައުވާއެއްކޮށް ހުކުމްކޮށް ޖަލުގައި އޮތީ ރައީސް ޔާމީން އެކަންޏެވެ. އެމަނިކުފާނު ހުކުމްކޮށްފައިވަނީ، އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށެވެ.
އެއީ ކޯޓުތަކަށް ނުފޫޒުފޯރުވައިގެން ކުރި ސިޔާސީ ހުކުމެއް ކަަމަށް އިދިކޮޅުން ބުނެއެވެ. މިހާރު އެ ހުކުމް އޮތީ ހައިކޯޓުގެ އިސްތިއުނާފު މަރުހަލާގަ އެވެ. އެކަމަކު އިސްތިއުނާފެއް ނުހިނގަ އެވެ.