01 Jun 2020, 00:40
ކޮވިޑް19 އާ ގުޅިގެން ކަރަންޓީނު ކުރާ މީހުން ނުވަތަ
އެކަހެރި ކުރާ މީހުން ބައިތިއްބުމަށް މީހުން ދިރިއުޅޭ އިމާރާތެއް ސަރުކާރަށް ނެގޭގޮތަށް، އެކަހެރިކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާ ބެހޭ ގަވާއިދު އެކުލަވާލައި އާންމުކޮށްފިއެވެ.
އެ ގަވާއިދުގެ މަގުސަދަކީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައްޔާއި، އެ ގާނޫނުގެ ދަށުން، ގައިން ގަޔަށް އަރާ ބައްޔެއް ނުވަތަ ނުރައްކާތެރި ބައްޔެއް ކަމަށް ކަނޑައަޅާފައިވާ ބައްޔަކާ ގުޅިގެން މީހުން އެކަހެރި ކުރުމާއި ކަރަންޓީނު ކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމާއި، އެކަހެރި ކުރަންޖެހޭ މީހުންނާއި ކަރަންޓީނު ކުރަންޖެހޭ މީހުން ބައިތިއްބާނެ މަރުކަޒުތައް ކަނޑައެޅުމާއި، އެފަދަ މަރުކަޒުތަކުގައި
ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުމެވެ.
ގެޒެޓުކޮށްފައިވާ ގަވާއިދުގައި ބުނެފައި ވަނީ އެފަދަ ހާލަތެއްގައި އެކަހެރި ކުރަންޖެހޭ މީހުންނާއި ކަރަންޓީނު ކުރަންޖެހޭ މީހުން ބައިތިއްބާ މަރުކަޒުތައް ކަނޑައަޅާނީ ވަޒީރު ކަމަށެވެ.
އަދި ވަކި އިމާރާތެއް އެއީ ކަރަންޓީނު ކުރުމުގެ މަރުކަޒެއް ކަމުގައި ނުވަތަ މީހުން އެކަހެރިކޮށް ބައިތިއްބުމުގެ މަރުކަޒެއްގެ ގޮތުގައި ހިންގުމަށް މީހެއްގެ އިމާރާތެއް، ވަޒީރާ ހަވާލުކުރުމަށް އަންގާނީ ވަޒީރު ކުރާ އަމުރަކުންނެވެ.
މީހެއްގެ އިމާރާތެއް ވަޒީރާ ހަވާލުކުރުމަށް އަންގައި، އެކަމަށް އަމުރެއް ކުރެވޭނީ ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރުމުގެ ސީދާ ނުރައްކާ ކުރިމަތިވެފައިވުމުގެ އިތުރުން، އެ ބަލިމަޑުކަމަކާ ގުޅިގެން މީހުން އެކަހެރިކޮށް ބައިތިއްބުމަށް ނުވަތަ ކަރަންޓީނުކޮށްފައި ބައިތިއްބުމަށް އެ އިމާރާތް ކޮންމެހެންވެސް ބޭނުންވާނަމަ އެކަންޏެވެ.
އިމާރާތް ސަރުކާރަށް ނަގާ މުއްދަތު އިތުރުކުރަން
ޖެހޭކަމަށް ވަޒީރަށް ފެނިއްޖެ ހިނދެއްގައި، އެ އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން، މުއްދަތު އިތުރުކުރުމުގެ އަމުރެއް ވަޒީރު ނެރެން ޖެހޭނެއެވެ.
އެހެން ނަމަވެސް އަމުރަކާ ގުޅިގެން ހޯދާ އިމާރާތެއް، އެއްވެސް
ހާލަތެއްގައި 12 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ހިފަހައްޓައިގެން ނުވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
އަދި ސަރުކާރާ ހަވާލުކުރަން ވަޒީރު އަމުރުކުރާ ތަނަކީ، މީހުން
ދިރިއުޅޭ ތަނެއް ނަމަ، އެ އި މާރާތެއް ވަޒީރާ ހަވާލުކުރުމަށް އަންގަންވާނީ، އެތަނުގައި ދިރިއުޅޭ މީހުންނަށް ވަގުތީ އެހެން ތަނެއް ހޯދައިދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށްފަހުގައެވެ.
އަދި އެތަން އަނބުރާ ހަވާލުކުރުމުގެ ކުރިން، އެތަން ބޭނުންކުރި މުއްދަތުގައި އެ ހިސާބުގައި ހުރި އެފަދަ އިމާރާތެއް އާންމުކޮށް
ކުއްޔަށްދޭ އަގަކީ ކޮބައިތޯ ބަލައި، އެ އަދަދަށް، އެ އިމާރާތް ބޭނުންކުރި މުއްދަތަށް، އިމާރާތުގެ ވެރިފަރާތަށް، ވަޒީރު ބަދަލު ވެސް ދޭން ޖެހޭނެއެވެ.
އެ އިމާރާތަކަށް ދޭންވާ ބަދަލުގެ މިންވަރު ކަނޑައަޅާނީ ފިނޭންސް މިނިސްޓަރުގެ ލަފަޔާއެކުއެވެ. އަދި ބަދަލުގެ ގޮތުގައި ހަމަޖައްސައިދެވޭ އިންތިޒާމްތައް، އެ ތަނުގައި ދިރިއުޅޭ ފަރާތްތަކަށް، ލިޔުމުން އަންގަން ޖެހޭނެއެވެ.
ގަވާއިދުގައި ބުނެފައި ވަނީ ވަޒީރު ކުރާ އަމުރަކަށް އިމާރާތެއް ދިނުމަށް، އެ އަމުރު ރައްދުވާ ފަރާތުން ދެކޮޅުހަދައިފި ނަމަ، އެ އިމާރާތް ވަޒީރާ ހަވާލުކުރުމަށް އަންގައިދިނުމުގެ ކޯޓު އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅުމަށް، ބަންޑާރަ ނައިބުގެ އޮފީހަށް، ވަޒީރަށް ފޮނުވިދާނެ ކަމަށެވެ.
ކަރަންޓީނު ކުރުމުގެ މަރުކަޒެއް ކަމުގައި ނުވަތަ މީހުން އެކަހެރިކޮށް ބައިތިއްބުމުގެ މަރުކަޒެއްގެ ގޮތުގައި ނެގޭ ތަނެއް، އެ ތަނެއް ނެގި ބޭނުން ނިމުމުން، އެ ތަނެއްގެ ވެރިފަރާތަކާ އަނބުރާ ހަވާލުކުރަންވާނީ އެތަން ރަނގަޅަށް ސާފުކޮށް، އެ ތަނުން ޖަރާސީމު ނައްތައިލުމަށްފަހު، އެ ތަނުގެ އާބާތުރަފިލުވުމުގެ މަސައްކަތް ނިންމުމަށްފަހު، އެ ތަނާ ހަވާލުވުމަށް 30 ދުވަހުގެ ނޯޓިސް ދިނުމަށްފަހުގައެވެ.