އުމުރުން ދުވަސްވީ މީހުން ކަސްރަތުކުރުމަށާައި ހިނގާލުމަށް ވަކި ގަޑިތަކެއްގައި ބޭރަށް ނުކުތުމަަށް ދީފައިވާ ހުއްދައިގެ ދަށުން، ބޭރަށް ނުކުންނަ އިރު އެކުގައި ކުޑަކުދިން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތަށް އެކަން ނުކުރެއްވުމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އިލްތިމާސްކޮށްފިއެވެ.

މާލެ ސަރަހައްދުގެ ލޮކްޑައުން ލުއި ކުރުމުގެ ފުރަތަމަ ފިޔަވަހީގައި އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ހުއްދަ އާއެކު، ފަތިހު ފަހަކުން ހެނދުނު 08:00 އާދެމެދު ބޭރަށް ނުކުތުމުގެ ހުއްދަ ވަނީ ދީފައެވެ.

އަދި ދެވަނަ ފިޔަވަހީގައި ކުޑަކުދިންނަށް ވެސް ވަކި ގަޑިތަކެއްގައި ބޭރަށް ނުކުމެ އުޅެވޭނެގޮތް ހަދާނެކަމަށް އެންއީއޯސީން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް، މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކުޑަކުދިން ބޭރަށް ނެރުމުގެ ހުއްދަ ދީފައި ނުވަނީސް، މިހާރުވެސް އުމުރުން ދުވަސްވީ މީހުންނާއެކު ކުދިން ބޭރަށް ނެރޭކަން ފާހަގަވެފައިވާ ކަމަށެވެ.

"އެއީކީ އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ ހުއްދަ ލިބިގެންވާ ކަމެއް ނޫން ވީމަ އަދި ރައްކާތެރި ގޮތަކަށް ވެސް ނުވާތީ ރަނގަޅު ގޮތަކީ ހުއްދަ ލިބިގެންވާ އުމުރުން ދުވަސްވީ މީހުން އެ ފުރުސަތުގެ ބޭނުންކޮށް ކަސްރަތު ކުރުމަށް ވަޑައިގަތުން،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ މީހުން ބޭރަށް ނުކުމެ މާސްކް އަޅައިގެން ކަސްރަތު ކުރާކަން ފާހަގަވެފައިވާ ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑޮކްޓަރު ވިދާޅުވީ ކޮވިޑް19 އަކީ ވައިގެ ތެރޭގައި ހުންނަ ޖަރާސީމެއް ނޫން ކަމަށާއި، ބަލި ފެތުރެނީ، ބަލި ޖެހިފައި ހުރި މީހަކު ވަކި ވަރަކަށް ވުރެ ގާތުގައި ހުރެ ކައްސާ، ކިނބިހި އަޅާއިރު ނުވަތަ ވާހަކަދައްކާއިރު ބޭރުވާ ތިކިތަކުން ކަމަށެވެ.

އެހެންކަމުން އުމުރުން ދުވަސްވީ މީހުން ހިނގާލަން ނުވަތަ ކަސްރަތު ކުރަން ނުކުމެ އުޅޭއިރު މާސްކަ އަޅަން ނުޖެހޭ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ޑޮކްޓަރު ވިދާޅުވީ ކަސްރަތު ކުރުމުގެ މާނައިގައި މާސްކް އަޅައިގެން އާންމުކޮށް ހިނގާވަރަށް ވުރެ ބާރަށް ހިނގާނަމަ ނުވަތަ ބައިސްކަލް ދުއްވާނަމަ، ހަށިގަނޑަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބިދާނެ ކަމަށެވެ.

"މިބޭފުޅުންނަށް އޮންނަ އިރުޝާދަކީ އެކަހެރިކޮށް ކަސްރަތު ކުރައްވާށޭ. ދުރުމިން ބަހައްޓައިގެން ވަޑައިގަންނަވާށޭ. ކަސްރަރު ކުރާއިރު ވެސް މާސްކް ނާޅުއްވާށޭ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.