31 May 2020, 23:51
މިއަދު އެކަނި ކޮވިޑް19 އަށް ޕޮޒިޓިވް 101 މީހަކު ފެނިފައި ވީނަމަވެސް، އެއީ ފުރަބަންދަށް ލުއި ދިނުމުގެ ސަބަބުން އިތުރިވި އިތުރުވުމެއް ކަމަށް ނުބެލޭނެ ކަމަށް އެޗްޕީއޭގެ އެޕޮޑޮމޮލަޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ޑރ. އަފްޒަލް ވިދާޅުވީ މިއަދު 101 ކޭސް ފެނުމުން ރައްޔިތުން ކަންބޮޑުވާނެކަން އެނގޭނެ ކަމަށެވެ. އެހެން ނަމަވެސް 101 ކޭސްގެ ތެރޭގައި ހިމެނޭ 79 ކޭސް އަކީ އެއް ކްލަސްޓާއަކަށް ނިސްބަތްވާ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ އެ 79 މީހުންނަކީ އެއް ތަނެއްގައި ދިރިއުޅެމުން ދިޔަ މީހުން ކަމަށެވެ.
"އެއްގޮތަކަށް ވެސް ނުދަންނަވަން ގިނަ ކޭސް ފެނުނީމަ ކަންބޮޑުނުވޭ. އެހެން ނަމަވެސް މިއީ އަޅުގަނޑުމެން ހުޅުވާލި ހުޅުވާލުމާ ވިދިގެން އިތުރުވި ނަންބަރުތަކެއް ކަމުގައެއް ނުބެލެވޭނެ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ އެ 79 ނަގާފައި ބަލާއިރު ދެން ހުރީ، ކުޑަ ކްލަސްޓާއަކަށް ނިސްބަތްވާ 19 މީހަކާއި އަދި އިތުރު ކްލަސްޓާއަކުން އެއް ކޭސް އަދި އެއްވެސް ކްލަސްޓާއަކަށް ނިސްބަތް ނުވާ ދެ ކޭސް ކަމަށެވެ.
"މިއީ އޭޓިޕިކަލްކޮށް އައިސް އިން އިތުރުވުމެއް އެއް،" ޑޮކްޓަރު ވިދާޅުވިއެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 72 މީހުންނާއި، އިންޑިއާގެ 21 މީހުންނާއި، އަށް ދިވެހީންނެވެ.
ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް 1،773 މީހަކު ފެނިފައި ވާއިރު، ބަލިޖެހުނު މީހުންގެ ތެރޭގައި ބަންގްލަދޭޝްގެ 974 ރައްޔިތުން ހިމެނެއެވެ.
ދެން ހިމެނެނީ 563 ދިވެހީންނާއި، 186 އިންޑިއާ މީހުންނާއި، ނޭޕާލްގެ 23 މީހުންނާއި ލަންކާގެ 9 މީހަކާއި ޕާކިސްތާންގެ ތިން މީހުންނެވެ.
ފުރަބަންދަށް ލުއި ދީފައިވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައިވާތީއެވެ. އެގޮތުން ގެއަކުން ދެމީހުންނަށް ބޭރަށް ނުކުމެވޭގޮތް ހެދުމާއި، ބައެއް ފިހާރަތައް ހުޅުވުން ފަދަ ހުއްދަތަށް ދީފައިވެ އެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އަފްޒަލް ވިދާޅުވެފައިވަނީ ޕޮޒިޓިވްވާ މީހުންގެ އަދަދު 30 އާއި 50 އާއި ދެމެދު ހުންނަ ނަމަ އެއީ ނޯމަލް އަދަދެއް ކަމަށެވެ.