28 Dec 2011, 10:24
އިސްރާއީލާއި ރާއްޖެއާ ދެމެދު މީގެ ދެ އަހަރު ކުރިން ގާއިމް ކުރި ގުޅުން ކަނޑާލަން ދިވެހި ސަރުކާރުގެ ވަޒީރަކު ގޮވާލައްވައިފި ކަމަށާއި އެހެންވީމާ ރާއްޖެ އިން އެ ގުޅުން ކަނޑާލައިފާނެ ކަމަށް އިސްރާއީލުގެ ނޫހަކުން ބުނެފި އެވެ.
ހައްދުފަހަނައަޅާފައިވާ ވިސްނުމެއް ކަމަށްވާ ޒަޔަނިޒަމް އަށް ތާއީދުކުރާ ކަމަށް ފާޅުގައި އިއުލާންކޮށްފައިވާ ނޫހެއް ކަމަށްވާ "އަރުޓުޒް ޝޭވާ" ނޫހުން މިއަދު ބުނީ "ޓޫރިޒަމްގެ މަގުބޫލު މަންޒިލެއް ކަމަށްވާ ދިވެހި ރާއްޖެއަކީ އދ. އިން އިސްރާއީލު ބޭރުކުރުމަށް އަރަބި ގައުމުތަކުން ގޮވާލި ގޮވާލުންތަކާ ދެކޮޅު ހަދާފައިވާ، އަދި ހޮލޮކާސްޓް ގަބޫލުނުކުރުމާ ދެކޮޅަށް އދ. އަށް ހުށައެޅި ގަރާރުތައް ސްޕޮންސާ ކޮށްފައިވާ ގައުމެއް" ކަމަށެވެ.
"ނަމަވެސް އިސްރާއީލުގެ ގައުމީ އެއާލައިން އެލް އާލްގެ މަތިންދާބޯޓްތައް އެ ގައުމަށް މި މަހު އުދުހުންތައް ފެށުމަށް ހުއްދަ ދީފައިވާ އެ ގައުމަށް މިހާރު ވަނީ "ރޭޑިކަލް އިސްލާމް" ]ހައްދު ފަހަނައަޅާފައިވާ އިސްލާމްދީން[ ވެސް އައިސްފަ އެވެ. އަދި އިސްރާއީލުގެ ފުލައިޓް އުދުހެން ފެށުމުގެ ނުރައްކާތެރިކަން އޮތީ ކިހާ ވަރަކަށްތޯ ބެލުމަށް ރާއްޖޭގެ ޕާލަމެންޓްގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އިން މިހާރު ވަނީ ތަހުގީގެއް ފަށާފަ އެވެ."
އަރުޓުޒް ޝޭވާ ނޫހުގައި އަދި ބުނެފައި ވަނީ "ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް އިސްރާއީލުގެ ކުންފުންޏަކަށް ރަށެއް ދިނުމަށް ރާވާފައިވާ ރޭވުމަކީ ދީނީ ޕާޓީއެއް ކަމަށްވާ އަދާލަތު ޕާޓީ އިން ކަންބޮޑުވާކަން ފާޅުކޮށްފައިވާ އެހެން ކަމެއް" ކަމަށެވެ.
އެ ނޫހުގައި އަދި ވަނީ އިސްލާމްދީނާ ހިލާފު ކަންތައްތައް ކަމަށް އެމީހުން ބުނާ ކަންތައްތަކެއް ހުއްޓާލުމަށް ސަރުކާރަށް ގޮވާލައި އެތައް ހާސް ބަޔަކު ހުކުރު ދުވަހު ވަނީ މުޒާހަރާކޮށްފައި ކަމަށެވެ.
"އިސްލާމްދީނާ ހިލާފު ކަންތައްތައް ކަމަށް އެމީހުން ބުނާ ކަންތައްތަކުގެ ތެރޭގައި ބަނގުރާ ވިއްކުމާއި އިސްރާއީލުގެ ފްލައިޓް ރާއްޖެ އަށް ދަތުރުކުރުން ވެސް ހިމެނެ އެވެ." ނޫހުގައިވެ އެވެ.
އަދި ބުނެފައި ވަނީ ޣައިރު މުސްލިމް ގައުމުތަކުން ހަދިޔާކޮށްފައިވާ މޮނިއުމެންޓްތައް ނެގުމަށް ވެސް އެމީހުން ގޮވި ކަމަށެވެ.