31 May 2020, 22:28
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުން ފެށިގެން، މިއަދު އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް ރާއްޖެއިން ކޮވިޑް19 ގެ 101 ކޭސް ފެނިފައިވާ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ޕޮޒިޓިވްވީ މީހުންގެ ތެރެއިން 79 މީހުންނަކީ އެއް ކްލަސްޓާއަކަށް ނިސްބަތްވާ މީހުން ކަމަށެވެ.
އެހެންކަމުން މިއީ ލުއިދިނުމުގެ ސަބަބުން އިތުރުވީ އިތުރުވުމަށް ނުބެލެވޭ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ބޮޑު ކްލަސްޓާ ނެގުމަށްފަހު ދެން ޕޮޒިޓިވްވި މީހުންނަކީ އިތުރު ތިން ކްލަސްޓާއަކުން ޕޮޒިޓިވްވި މީހުންނެވެ. އޭގެ ތެރެއިން އެއް ކްލަސްޓާއަކުން 19 މީހަކު ޕޮޒިޓިވްވިއިރު، އެހެން ކްލަސްޓާއަކުން ދެ މީހަކު ޕޮޒިޓިވްވިއެެވެ. އަދި އިތުރު ކްލަސްޓާއަކުންވެސް އެކަކު ޕޮޒިޓިވްވެފައިވާކަމަށް އަފްޒަލް ވިދާޅުވިއެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 72 ބަންގްލަދޭޝް މީހުންނާއި 21 އިންޑިއާގެ މީހުންގެ އިތުރުން އަށް ދިވެހިން ހިމެނެއެވެ.
ނަމަވެސް މިއަދު ފެނުނު އެންމެ ބޮޑު ކްލަސްޓާގައި ތިބީ ކޮން ގައުމެއްގެ ބައެއް ކަމެއް ޑރ. އަފްޒަލް ވިދާޅެއް ނުވެއެވެ.
ފާއިތުވި ފަސް ދުވަހު ރާއްޖޭގައި ޓެސްޓްކުރި ސާމްޕަލްތަކުގެ ތެރެއިން ކޮންމެ ދުވަހަކުވެސް ޕޮޒިޓިވްވާވަރު ވަނީ އިތުރުވެފައެވެ.
26 މޭ - ޓެސްޓްކުރި ސާމްޕަލްތަކުގެ ތެރެއިން 7 ޕަސެންޓް ޕޮޒިޓިވް
27 މޭ - ޓެސްޓްކުރި ސާމްޕަލްތަކުގެ ތެރެއިން 5 ޕަސެންޓް ޕޮޒިޓިވް
28 މޭ - ޓެސްޓްކުރި ސާމްޕަލްތަކުގެ ތެރެއިން 7 ޕަސެންޓް ޕޮޒިޓިވް
29 މޭ - ޓެސްޓްކުރި ސާމްޕަލްތަކުގެ ތެރެއިން 11 ޕަސެންޓް ޕޮޒިޓިވް
30 މޭ - ޓެސްޓްކުރި ސާމްޕަލްތަކުގެ ތެރެއިން 14 ޕަސެންޓް ޕޮޒިޓިވް
މިހާތަނަށް ރާއްޖެއިން ކޮރޯނާ ޖެހިފައިވާ 1773 މީހަކު ފެނިފައިވާއިރު ބަލީގައި ފަސް މީހަކު ވަނީ މަރުވެފައެވެ.