ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވިި މީހުންގެ ޖުމްލަ 453 އަށް އަރައިފި އެވެ.

މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގަައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިވަގުތު 1313 މީހަކަށް ފަރުވާދެމުން އަންނަ ކަމަށެވެ.

އަދި މިއަދާ ހަމައަށް 453 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. ރޭގެ ނޫސްވެރިންގެ ބައްދަލުވުމާ ހަމައަށް ބަލިން ރަނގަޅުވި މީހުންގެ އަދަދު ހުރީ 401 ގައެވެ.

މިއާއެކު ރާއްޖޭގެ ރިކަވަރީ ރޭޓް، ނުވަތަ ބަލިން މީހުން ރަނގަޅުވާ ނިސްބަތް ހުރީ 27.09 ގައެވެ.

މިހާތަނަށް 453 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، މިއަދު 101 މީހަކު ޕޮޒިޓިވްވެ، ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ 1،773 އަށް އަރައިފައެވެ.

މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެފައެވެ.