ސަރުކާރުން އައު އާންމު ހާލަތު އިއުލާންކުރުމުން، ކޮވިޑް19 އާ ގުޅިގެން ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންނާއި ބަންދުމީހުން އަދި އޮފިސަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ނިންމައި،އުސޫލުއެކުލަވާލައިފިއެވެ.

ކަރެކްޝަންސް އިން ބުނީ މިހާރު އެކުލަވާލައި އާންމުކޮށްފައިވާ އުސޫލަށް އަމަލުކުރަން ފަށާނީ މާދަމާ ކަމަށެވެ.

އުސޫލުގައި ބުނެފައި ވަނީ، ކޮވިޑް19 އާ ގުޅިގެން ޖަލުތަކުގައި އަޅާފައިިވާ ފިޔަވަޅުތަކަށް ލުއި ދޭނީ ތިން މަރުހަލާއަކަށް ބަހާލައިިގެން ކަމަށެވެ.

ފުރަތަމަ މަރުހަލާ ފެށިގެން ދާނީ މާލެ ފުރަބަންދު ކޮށްފައި އޮތްއޮތުމަށް ނިމުމަކަށް އައުމުން ނުވަތަ އެކަމަށް ލުއިތަކެއް ދިނުމަށް ނިންމާ ހިސާބުންނެވެ.

ދެވަނަ މަރުހަލާ ފެށިގެންދާނީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުޅުވާލާ ހިސާބުންނެވެ. އަދި ތިން ވަނަ މަރުހަލާ ފެށިގެން ދާނީ މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަ ހިސާބުންނެވެ.

ފުރަތަމަ މަރުހަލާގެ ދަށުން ޖަލުތަކުގެ އެތެރޭގައި ހުއްޓިފައިވާ ކަންތައްތައް އަލުން ފެށޭނެ ކަމަށާއި ދެވަނަ މަރުހަލާގައި ޖަލުގެ ބޭރުން ކުރެވޭ ބައެއް ކަންތައްތައް ފެށިގެންދާއިރު، ތިން ވަނަ މަރުހަލާގައި އިތުރު ލުއިތައް ލިބިގެންދާނެ ކަމަށް އުސޫލުގައިވެއެވެ.

ފުރަތަމަ މަރުހަލާގެ ލުއިތައް:

  • މާފުށީ ޖަލާއި އައްސޭރި ޖަލު އެލާޓްކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނައުން (މާލެ އާއި ހުޅުމާލެ ޖަލު އަދިވެސް އެލާޓްގައި)

  • ޖަލު ސަރަހައްދުން ބޭރުގައި ދިރިއުޅޭ އޮފިސަރުންނާއި މުވައްޒަފުން ޑިއުޓީ ނިންމުމަށްފަހު ގޭގައި ތިބުން
  • އެލަވަންސް ވަޒީފާ އަދާކުރާ ގައިދީން މަސައްކަތަށް ނެރުން އަދި ނެރޭ އިރު ގައިދީން މާސްކް އެޅުވުން
  • ޖަލުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުން ބޭނުންކޮށްގެން ކުރިއަށް ގެންދާ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ފެށުން
  • އެ ޖަލެއްގައި ބަންދުކޮށްފައި ތިބޭ ދެމަފިރިންނަށް އެކަހެރި ބައްދަލުވުން ދިނުން

އެހެން ނަމަވެސް ޖަލުން ނުވަތަ ޖަލު ހުރި ރަށަކުން ކޮވިޑް19 އަށް ޕޮޒިޓިވް މީހަކު ފެނިއްޖެ ނަމަ، ނުވަތަ އެ ރަށެއް މޮނީޓަރިންގ ހާލަތަށް ގެންގޮސްފި ނަމަ، ސަރުކާރުން އަޅާ ފިޔަވަޅުތަކަށް ރިއާޔަތްކޮށް، ޖަލުގެ އެލާޓް ލެވެލް އަށް ބަދަލުގެނެވި ލުއި ދިނުމުގެ މަރުހަލާތައް މެދު ކަނޑާލެވޭނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް، ޖަލުގައި ތިބި ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިހާރުވެސް އަޅަމުންދާ ގިނަ ފިޔަވަޅުތައް މެދު ކެނޑުމެއްނެތި ކުރިއަށް ގެންދާނެއެވެ.

ހާއްސަކޮށް އަތް ދޮވުމާއި ޑިސްއިންފެކްޓްކުރުމަށާއި ސާފުތާހިރުކަމަށް އިސްކުރުމުގެ އިތުރުން ހުރިހާ ފަރާތެއްވެސް ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމަތްތައް ހުރިތޯ ކޮންމެ ދުވަހަކު ޗެކްކުރުމާއި، އެފަދަ އަލާމާތެއް ފެނިއްޖެ ހާލަތެއްގައި އަޅާނެ ފިޔަވަޅުތައް ހަމަޖައްސާފައިވާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

އަދި ގައިދީންނާއި ބަންދުމީހުންނަށް ޝަކުވާ އީމެއިލް މެދުވެރިކޮށް ފޮނުވޭނެ އިންތިޒާމް ހުރިހާ މަރުހަލާއެއްގައިވެސް ކުރިއަށް ދާނެއެވެ.

ކޮވިޑް19 ގެ ރެންޑަން ސާމްޕަލްތަކެއް ހުރިހާ ޖަލަކުން ވެސް ވަނީ ނަގައިފައެވެ. އެހެން ނަމަވެސް ޖަލުތަކުން ނެގި ހުރިހާ ސާމްޕަލެއް ވެސް ވަނީ ވައިރަހަށް ނެގެޓިވް ވެފައެވެ.