28 Dec 2011, 10:13
މެމްބަރު އާދިލްގެ ޝަރީއަތް އަންނަ މަހުގެ 15 ވަނަ ދުވަހު ހިންގަން ކްރިމިނަލް ކޯޓުގައި ޝެޑިއުލް ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ކުޑަ އަންހެން ކުއްޖަކާމެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ކުށުގެ ދައުވާގެ ޝަރީއަތް ނުބާއްވާތާ މިހާރު ވަނީ ދުވަސްތަކެއް ވެފަ އެވެ. އެ މައްސަލައިގައި މިހާތަނަށް ބާއްވާފައި ވަނީ ތިން އަޑުއެހުމެކެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އާދިލްގެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް އަންނަ މަހުގެ 15 ވަނަ ދުވަހަށް ޝެޑިއުލް ކުރެވިފައިވާ ކަމަށާއި އެ ދުވަހުގެ އަޑުއެހުމުގައި އޮންނާނީ އާދިލުގެ ފަރާތުން ހެކިން ހުށަހެޅުން ކަމަށެވެ.
އާދިލްގެ މައްޗަށް ދައުވާކޮށްފައި ވަނީ "ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނު"ގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.
އެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލައިފިނަމަ އެއީ ކުށެއް ކަމަށެވެ. އަދި އެ މާއްދާގެ (ނ) ގައި ބުނެފައި ވަނީ އެފަދަ ކުށެއް ކުރި މީހެއްގެ އަދަބަކީ 10 އަހަރާ 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.