14:30


އިދިކޮޅު ފަރާތްތަކަށް ގޮންޖައްސަވައި، ދައުލަތުގެ މުދާ ނުއަގުގައި ވިއްކާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ރައްދު ދެއްވާނެ ކަމަށް އިދިކޮޅު މެންބަރުން ސަރުކާރަށް އިންޒާރު ދެއްވައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްގެންދިޔަ، މާލިއްޔަތުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލުގެ ބަހުސްގައި، ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އިދިކޮޅު މެންބަރުން ވިދާޅުވީ، ޕްރައިވެޓައިޒޭޝަން ސިޔާސަތުގެ ދަށުން ދައުލަތުގެ މުދާތައް ބޭރުގެ ފަރާތްތަކަށް ސަރުކާރުން ވިއްކަމުންދާ ކަމަށެވެ. އަދި، ސަރުކާރުގެ ސިޔާސަތުތައް ހުރި ގޮތުން، ދައުލަތުގެ ނަމުގައި ސަރުކާރުން އެއްވެސް ލޯނެއް ނުވަތަ ފައިސާއެއް ނަގަންވާނީ ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި ފާސްކޮށްގެން، ކަމަށް ކަނޑައެޅުމަށް މާލިއްޔަތު ގާނޫނަށް މި އިސްލާހު ކޮންމެހެން ގެންނަންޖެހޭ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.


އިދިކޮޅު ޕީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ވިދާޅުވީ، ގާނޫނު އަސާސީއަށް އަމަލުކުރަން ފަށާއިރު ދައުލަތުގެ މިލްކުގައިވާ ހުރިހާ މުދަލާއި ތަންތަނާއި ތަކެއްޗާއި ފައިސާ އަކީ، ދައުލަތުގެ ތަކެތި ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ. އަދި ދައުލަތުގެ ތަކެއްޗަށް ތަސައްވަރުކުރާ ގޮތުގެ ކަންކަން ނިންމާނީ، ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނަކުން ކަމަށާއި، ދައުލަތުގެ މިލްކުގައިވާ އެއްޗެއް ދޭން ނުވަތަ ވިއްކަން ނުވަތަ އެހެން ގޮތެއް ހަދަންވެސް ވާނީ، ގާނޫނުގެ ދަށުން ކަމަށްވެސް ގާނޫނު އަސާސީގައި ބުނާއިރު، އެއާޕޯޓް ވެސް ފަރާތަކަށް ދެވޭނީ ގާނޫނަކުން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އަދި އެކަމަށް ގާނޫނެއް ނެތްނަމަ މަޖިލީހަށް ފޮނުވައިގެން ގާނޫނު ހެދުމަކީ ސަރުކާރުގެ ކަމެއް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.


ނަމަވެސް ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވީ، މިއީ މާލިއްޔަތުގެ ގާނޫނަށް އިސްލާހެއް ގެނައުމުގައި، އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ ސިޔާސީ ކަތިލުމެއް ކަމަށެވެ. އަދި މި އިސްލާހަށް ތާއީދު ނުކުރައްވާ ކަމަށާއި، މިއީ ސިޔާސީ ކަންކަމަށް ދަހިވެތިވެފައިވާ ބަޔަކު ހުށަހަޅާފައިވާ އިސްލާހެއް ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.


ނަމަވެސް މި ބިލާ އިދިކޮޅަށް ވާހަކަ ދެއްކެވި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނަށް ރައްދު ދެއްވަމުން އިދިކޮޅު ޑީއާރުޕީގެ، ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ، މިގައުމުގެ ކަންކަން ހަލާކާއި ފަސާދައިގެ ތެގެއަށް ދުއްވާލަނީ ސަރުކާރުން ކަމަށެވެ. އަދި މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރުމުގައި، ސްޕެޝަލް އެންވޯއި ޓްދަ ޕްރެޒިޑެންޓް، އިބްރާހިމް ހުސެއިން ޒަކީ އާއި ފިނޭންސް މިނިސްޓަރ އަލީ ހާޝިމާއީ ސިވިލް އޭވިއޭޝަން މިނިސްޓަރ މަހްމޫދު ރާޒީގެ މަސްލަހަތު ހިމެނޭ ކަމަށް އިޝާރާތް ކުރައްވައި، އެކަންތަކުގައި އިހްމާލްވާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށް ވެސް އިންޒާރު ދެއްވި އެވެ.


މި ބިލު ދިރާސާކުރި، މާލިއްޔަތު ކޮމިޓީގެ މުގައްރިރު، ގާސިމް އިބްރާހިމަށް ފާޑުވިދާޅުވަމުން، މި އިސްލާހާ ދެކޮޅު ހައްދަވައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވީ، ގާނޫނު އަސާސީން ވަކި ފަރާތްތަކަށް ވަކި ބާރުތަކެއް ދީފައިވާއިރު، މާލިއްޔަތުގެ ގާނޫނަށް މިފަދަ އިސްލާހެއް ގެނަން މަސައްކަތް ކުރައްވަނީ، ގާނޫނު އަސާސީ އިސްލާހް ކުރެއްވި މަޖިލީހުގެ އިސްކޮށް އުޅުއްވި މެންބަރު ކަމަށެވެ. އަދި މިފަދަ ގޮތަކަށް މާލިއްޔަތު ގާނޫނަށް އިސްލާހް ގެނެވިގެން ނުވާނެ ކަމަށް ވިދާޅުވެ ކުރީގައި އެއާޕޯޓްގެ މަސައްކަތް ގޮސްފައިވާ ގޮތާ މެދު މޫސަ ފާޑުވިދާޅުވި އެވެ.


މޫސާ މަނިކުގެ ވާހަކައަށް ރައްދު ދެއްވަމުން މި ސަރުކާރު ވެރިކަމަށް ގެނައުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި، އަދި މި ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރކަން ކުރައްވާފައިވާ، އަދި ޖުމްހޫރީ ޕާޓީގެ ރައީސް، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، މި އިސްލާހަކީ ކޮންމެހެން ގެންނަންޖެހޭ އިސްލާހެއް ކަމަށެވެ. އަދި މި އިސްލާހް ގެންނަންޖެހެނީ، ގާނޫނު އަސާސީ އިސްލާހްކުރި މަގުސަދާ ހިލާފަށް ސަރުކާރުން ކަންތައް ކުރަމުންގެންދާތީ ކަމަށް ވެސް ގާނޫނު އަސާސީ އިސްލާހްކުރުމުގެ މަސައްކަތް ކުރި، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައިސްކަން ވެސް ކުރެއްވި ގާސިމު ވިދާޅުވި އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މި ބިލަށް ވާހަކަ ދެއްކުމަށް ބޭނުންވާ މެންބަރުންނަށް ފުރުސަދު ދެއްވައި ނިންމެވުމަށްފަހު، ވޯޓަށް އެހުމުގެ ވަގުތުގައި މެންބަރުން ބިލަށް ހުށަހަޅުއްވާފައިވާ އިސްލާހް ތަކަށް ވޯޓަށް އެއްސެވުމަށްފަހު، ބިލް ފާސްކުރުމަށް ފެނިވަޑައިގަންނަވައިތޯ، ރިޔާސަތުން ވޯޓަށް އެއްސެވުމުން، އެވަގުތު ޖަލްސާގައި ތިއްބެވި 75 މެންބަރުންގެ ތެރެއިން 41 މެންބަރުން ވަނީ އެ ބިލު ފާސްކުރުމަށް ވޯޓު ދެއްވައިފަ އެވެ. އަދި ނުފެންނަ ކަމަށް 33 މެންބަރުން ވޯޓު ދެއްވި އެވެ. މި ބިލު ފާސްކޮށްފައިވަނީ، މެންބަރުން ހުށަހެޅުއްވި 27 އިސްލާހްގެ ތެރެއިން އެމްޑީޕީގެ މެންބަރުން ހުށަހެޅުއްވި ހުރިހާ އިސްލާހެއް ފެއިލްކޮށްލައި، ޑީއާރުޕީން ހުށަހެޅު ދެ އިސްލާހް ހިމަނައިގެންނެވެ.


ރައްޔިތުންގެ މިއަދުގެ ޖަލްސާގައި، ފުލުހުންގެ ގާނޫނަށް އިސްލާހް ގެނައުމަށް ހުށަހަލާފައިވާ ބިލުގެ ބަހުސްވެސް ކުރިއަށް ގެންދެވި އެވެ.