ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިތުރު ފަސް މީހަކު ރަނގަޅުވެ، ބަލިން ރަނގަޅުވިި މީހުންގެ ޖުމްލަ 406 އަށް އަރައިފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 16 މީހަކު އިއްޔެ ރަނގަޅުވެ، ބަލިން ރަނގަޅުވި މީހުންގެ އަދަދު 401 އަށް އަރާފައިވާ ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ކޮވިޑް19 ޑޭޝްބޯޑުގައި މިހާރު ބުނެފައި ވަނީ، ބަލިން 406 މީހަކު ރަނގަޅުވެފައިވާ ކަމަށެވެ. މިހާރު ރާއްޖޭގެ ރިކަވަރީ ރޭޓް ހުރީ 24.28ގަ އެވެ.

ރާއްޖެ އިން މިހާތަނަށް 1633 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 863 ބަންގްލަދޭޝް މީހުންނާއި، 555 ދިވެހީންނާއި، 165 އިންޑިއާ މީހުންނާއި، ނޭޕާލްގެ 23 މީހުންނާއި ލަންކާ ނުވަ މީހެއްގެ އިތުރުން ޕާކިސްތާންގެ ތިން މީހުން ހިމެނެއެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެފަ އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައިވާތީ ސަރުކާރުން ވަނީ މިހާރު ލޮކްޑައުންއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދީފަ އެވެ. އެގޮތުން ގެއަކުން ދެމީހުންނަށް ބޭރަށް ނުކުމެވޭގޮތް ހެދުމާއި، ބައެއް ފިހާރަތައް ހުޅުވުން ފަދަ ހުއްދަތަށް ދީފައިވެ އެވެ.