މޯލްޑިވް ގޭސްއިން ގޭސް ޑެލިވަރީކޮށްދޭ ގަޑިތަކަށް އަނެއްކާވެސް ބަދަލުގެނެސްފިއެވެ.

މޯލްޑިވް ގޭސް އިން ބުނީ ދެން މާލެ ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގޮތަށް ގޭސް ޑެލިވަރީ ކޮށްދޭނީ ކޮންމެ ހޮނިހިރު ދުވަހަކުން ބުރާސްފަތި ދުވަހަށް ހެނދުނު ނުވަޔަކުން ހަވީރު ހަތަރެއް ޖަހަންދެން ކަމަށެވެ. އަދި ހުކުރުދުވަސްތަކުގައި މެންދުރު ދޭކުން ހަވީރު ހައެއް ޖަހަން ދެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އޭގެ އިތުރުން ތިލަފުށީގައި ކޮންމެ ހޮނިހިރަކުން ބުރާސްފަތި ދުވަހަށް ހެނދުނު ނުވަޔަކުން ހަވީރު ހަތަރެއް ޖަހަންދެން ހިދުމަތް ދޭނެ ކަމަށްވެސް މޯލްޑިވް ގޭސްއިން ބުންޏެވެ.

ނިމިގެން ދިޔަ ރޯދަ މަހާއި ހަ ރޯދަ ދުވަހު އެ ކުންފުނިން ގޭސް ޑެލިވަރީގެ ހިދުމަތް ދެމުގެން ދިޔައީ ހެނދުނު 11 އިން މެންދުރު ތިނަކަށް އަދި ރޭގަނޑު 8:30 އިން 10 ޖަހަން ދެނެވެ.

މޯލްޑިވް ގޭސްގެ އޮފިޝަލަކު "ސަން" އަށް މިރޭ ވިދާޅުވީ ހިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެނައީ ރޯދަ މަހާއި ޝައްވާލު މަހުގެ ހަ ރޯދަ ވެސް ނިމި ފުރަބަންދަށްވެސް ސަރުކާރުން މިހާރު ލުއިތަކެއް ދެމުންގެންދާތީ ވީހާވެސް ރަނގަޅަކަށް ހިދުމަތް ދިނުމުގެ ގޮތުން ކަމަށެވެ.

މޯލްޑިވް ގޭސްގެ އޮފިޝަލް ވަނީ ހިދުމަތް ހޯދުމަށް އެދޭއިރު ވީހާވެސް ބޮޑަށް އޮންލައިންކޮށް ފައިސާ ދެއްކުމަށް އިލްތިމާސްކުރައްވައިފައެވެ. އެގޮތުން އެ ކުންފުނީގެ ވެބްސައިޓުންނާއި ބީއެމްއެލް އެކައުންޓުން ޓްރާންސްފާ ކޮށްގެން ފައިސާ ދެއްކެވޭނެކަމަށް ވަނީ ވިދާޅުވެފައެވެ.