01 Jun 2020, 09:18
މޯހިތު ސުރީގެ ކާމިޔާބު ފިލްމު "މަލަންގް"ގެ ސީކުއަލްގެ ސްކްރިޕްޓްގެ ޑްރާފްޓް މަސައްކަތް ނިންމާލައިފައިވާ ކަމަށް ޚަބަރުތައް ބުނަން ފަށައިފިއެވެ.
މޯހިތު އިންސްޓަގްރާމްކުރި ޕޯސްޓެއްގައި ބުނީ ފިލްމެއް ކާމިޔާބުކުރަން ބޭނުންވާނަމަ އޭގައި ތިން ކަމެއް ހިމަނަންޖެހޭ ކަމަށާއި އެ ތިންކަމަކީ ވެސް ފިލްމުގެ ސްކްރިޕްޓް ރަނގަޅުވުން ކަމަށެވެ. އިންސްޓާގައި އޭނާ ހިއްސާކުރީ މަަލަންގް ގެ ސްކްރިޕްޓްގެ ފޮޓޯއެކެވެ. މީގެ ކުރިން ފިލްމުގެ ޕްރޮޑިއުސަރު އަންކުރް ގާޖް ބުނީ މޯހިތު މިހާރު ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ އަދިތްޔާ ރޯއީ ކަޕޫރު އާއި ދިޝާ ޕާޓްނީގެ ކެމިސްޓްރީ ފެނިގެން ދިޔަ މި ފިލްމަށް ގިނަ ބައެއްގެ ލޯބި ލިބިފައިވެ އެވެ. މި ފިލްމަކީ އެދެތަރިން އެކުގައި ސްކްރީނުން ފެނިގެންދިޔަ ފުރަތަމަ ފިލްމުވެސްމެ އެވެ.
މަލަންގް 2 އިން އަދިތްޔާ ފެނިގެންދާއިރު ދިޝާ ފެންނާނެ ކަމެއް ނޭނގެ އެވެ. ސީކުއަލް ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނީ ޝްރައްދާ ކަޕޫރުކަމަށް ޚަބަރުތައް ބުނެ އެވެ. މަލަންގްގެ ފަހު މަންޒަރުގައި އަނިލް ކަޕޫރަށް ފޯނެއް އަންނަ މަންޒަރު ފެނިގެންދިޔަ އިރު އެ ފޯނުން ވާހަކަ ދެއްކީ އަންހެން ކުއްޖެކެވެ. އަދި ވާހަކަ ދެއްކި އަންހެން ކުއްޖާއަކީ ޝްރައްދާ ކަޕޫރުކަން ވަނީ ޔަގީންވެސް ވެފަ އެވެ. މި ސީނާއެކު ފިލްމުގެ ސީކުއަލުން ޝްރައްދާ ފެނުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެ އެވެ.