28 Dec 2011, 09:34
ނ. މިލަދޫ ކައުންސިލްގެ އިދާރާ ރޭ ރޯވެ ކައުންސިލްގެ އިދާރާ މުޅިން އަނދައި ހުލިވެފައިވާ ކަމަށް ކައުންސިލްގެ ރައީސް ހަސަން ޣައްސާން ވިދާޅުވެއްޖެ އެވެ.
ޣައްސާން ވިދާޅުވީ ކައުންސިލްގެ އިދާރާ ވަނީ ބަޔަކު ގަސްތުގައި ރޯކޮށްލާފައި ކަމަށާއި އެކަން ހިންގާފައި ވަނީ ރޭ ދަންވަރު 2:30 އެހާކަންހާއިރު ކަމަށެވެ. އަދި އަލިފާން ނިއްވާލެވުނީ ފަތިހު 5:00 ޖަހާ އެހާކަން ހާއިރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކައުންސިލްގެ އިދާރަގައި ބަޔަކު ގަސްތުގައި ރޯކޮށްލި ކަމަށް ބެލެވެނީ އިދާރާ މުޅިން އެހެރީ އަނދައި ހުލިވެފައި. އެތަނުގައި ހުރި އެއްވެސް އެއްޗެއް ބޭނުމެއް ނުކުރެވޭނެ،" ޑީއާރުޕީ މެޖޯރިޓީ އޮންނަ ކައުންސިލާ ބެހޭ ގޮތުން ޣައްސާން ވިދާޅުވި އެވެ.
މިލަދޫ ކައުންސިލްގެ އިދާރާގައި ރޭ އަލިފާނުގެ ހާދިސާޢެއް ހިނގާފައި މި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި އެ ކައުންސިލްގެ އެމްޑީޕީ މެންބަރު، ނަސްރުﷲ މުހައްމަދު ފުލުހުން ހައްޔަރުކޮށް، ހަތް ޖަލްސާ އަށް އޭނާ ހާޒިރު ނުވުމުން، އޭނާގެ ގޮނޑި ގެއްލޭނެ ކަމަށް ބަޔަކު ބުނެފައި ވަނިކޮށެވެ. އަދި އެކަމާ ހިތްހަނުޖެހިގެން އިއްޔެ ބަޔަކު އެ ތަނަށް އެއްވެ ކައުންސިލްގެ އިދާރާ ރޯކޮށްލާނެ ކަމުގެ އިންޒާރު ބަޔަކު ދިން ކަމަށް ވެސް ރަށު މަސްދަރުތަކުން ބުނެ އެވެ.
އަދި އޭނާ ވިދާޅުވީ ކައުންސިލްގެ އިދާރާ އަންދާލުމާ ގުޅިގެން ކައުންސިލަރުން މަސައްކަތް ކުރާނެ ވަކިތަނެއް ހަމަޖެހިފައި ނުވާތީ މިއަދު މަސައްކަތް ނުކުރެވޭނެ ކަމަށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް، ސަބް އިނިސްޕެކްޓަރު ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވީ މިލަދޫ ކައުންސިލްގެ އިދާރާގައި އަލިފާނުގެ ހާދިސާ ހިނގި މައުލޫމާތު ލިބުމާ ގުޅިގެން އެ މައްސަލަ ފުލުހުން ބަލަމުން ގެންދާ ކަމަށެވެ.
"އަދި ނޭނގެ ބުނާކަށް އެއީ ގަސްތުގައި ބަޔަކު ކުރިކަމެއް ކަން ނުވަތަ ނޫން ކަން މައްސަލަ ތަހުގީގް ކުރުމަށް ފުލުހުންގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުން އެބަދޭ،" ޝިޔާމް ވިދާޅުވި އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ