31 May 2020, 16:53
ޖަކާޓާ (31 މޭ 2020): މިއަހަރުގެ ހައްޖު މޫސުމާމެދު ގޮތެއް ނިންމުމަށް އިންޑޮނޭޝިއާއިން ސައޫދީ އަރަބިޔާއަށް ގޮވާލައިފިއެވެ.
ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ގައުމު ކަމަށްވާ އިންޑޮނޭޝިއާގެ ސަރުކާރުން ބުނީ ކޮވިޑް-19 އާ ގުޅިގެން ހައްޖުގެ އަޅުކަން ބޭއްވުމާ އަދި ނުބޭއްވުމާމެދު ސައުދީ ސަރުކާރުން މިހާރު ގޮތެއް ނިންމައި އެކަން އިއުލާނު ކުރަން ވެއްޖެކަމުގައެވެ.
ސައުދީ ގައި ކޮވިޑް-19 ހަލުއިކަމާއެކު ފެތުރޭން ފެށުމުން އެ ރޯގާ ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ދަށުން މައްކާގެ ހަރަމްފުޅާއި މަދީނާގެ ހަރަމްފުޅު ހިމެނޭ ގޮތަށް ސައޫދީގެ ހުރިހާ މިސްކިތްތަކެއް ދެމަސް ބައިވަންދެން ބަންދުކުރިއެވެ. ނަމަވެސް އިއްޔެވަނީ މިސްކިތްތައް އަލުން ހުޅުވައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފައެވެ. ނަމަވެސް މައްކާގައި ކޮވިޑް-19 އަދިވެސް ބާރަށް ފެތުރެމުންދާތީ މަސްޖިދުލްޙަރާމް (ގެފުޅު) އަދިވެސް ހުޅުވައެއް ނުލައެވެ.
މަދީނާގައިވާ މަސްޖިދުއްނަބަވީ އާއި ސައުދީގެ އެހެން މިސްކިތްތައްވަނީ އަލުން ހުޅުވާލާފައެވެ. މަޖްޖިދުއްނަބަވީ ހުޅުވި ނަމަވެސް އެހަރަމްފުޅުގައިވާ ރައުޟާ އާއި ރިޔާޟުލް ޖަންނާ ސަރަހައްދަށް މީހުން ދިޔުން އަދިވެސް އޮތީ މަނާކޮށްފައެވެ. އަދި މަސްޖިދުއްނަބަވީގައި އަޅާފައިވާ ދޫލަވެސް ނެގުމަށްފަހު އަލުން އަޅާފައެއް ނުވެއެވެ. ނަބަވީ ހަރަމްފުޅު ހުޅުވި ނަމަވެސް އެމިސްކިތަށް މީހުން ވައްދަނީ އެތަނުގެ ޖާގައި 40 އިންސައްތައަށްވުރެ ގިނަ ނުވާވަރަށެވެ. އަދި ސަފު ހަދަންޖެހެނީވެސް ގައިދުރުކޮށެވެ. އެކަކާ އަނެކަމާދެމެދު ހަތަރު ވަރަކަށް ފޫޓުގެ ދުރުމިނެއް ހުންނަ ގޮތަށެވެ.
ސައުދީ ސަރުކާރުންވަނީ މިއަހަރުގެ ހައްޖުގެ އަޅުކަން ބޭއްވުމާ އަދި ނުބޭއްވުމާމެދު ގޮތެއްނިންމާނީ ތަންކޮޅެއް ފަހުން ކަމަށް ބުނެފައެވެ.
އިންޑޮނީޝިއާގެ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަމަޟާންމަސް ނިމި ޝައްވާލުމަސްވެސް ފެށިފައިވާތީ މިއަހަރުގެ ހައްޖު މޫސުމާމެދު ސައުދީ ސަރުކާރުން ގޮތެއްނިންމަންޖެހޭ ކަމުގައެވެ. އިންޑޮނީޝިއާގެ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ތަރްޖަމާނު އަންމާން ފަތްހުއްރަޙްމާން ވިދާޅުވީ މިއަހަރުގެ ހައްޖުގެ އަޅުކަމަށް ދާން ބޭނުންވާ އެގައުމުގެ ރައްޔިތުން ތިބީ ހައްޖުގެ އަޅުކަން ބާއްވާނެކަން ނުވަތަ ނޫންކަން ސައުދީ ސަރުކާރުން ނިންމައި އެކަން އިއުލާނު ކުރާނެ ވަގުތެއްގެ އިންތިޒާރުގައި ކަމުގައެވެ.
ކޮވިޑް-19 ދުނިޔޭގެ ގިނަ އިސްލާމީ ގައުމުތަކުގައި ބާރަށް ފެތުރެމުންދާތީ މިއަހަރު ގެ ހައްޖުގެ އަޅުކަން ކެންސަލް ކުރުމާމެދު ސައޫދީ ސަރުކާރާއި އެގައުމުގެ ދީނީ އަދި ސިއްޙީ ދާއިރާތަކުގެ އިސްވެރިން މަޝްވަރާތަކެއް ކުރަމުން ގެންދާކަމަށްވެއެވެ. މިއަހަރު ހައްޖުގެ އަޅުކަން ބޭއްވުމަށްވުރެ ބޮޑަށް ސައޫދީގިނަ މަސްއޫލުވެރިން ބުރަވަނީ އެ ބަލިބަޑުކަން ފެތުރިދާނެތީ މިއަހަރުގެ ހައްޖުގެ އަޅުކަން ކެންސަލް ކުރުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. (ޔޫރޯ ނިއުޒް)