31 May 2020, 15:11
ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމަށް ބަންދުކުރުމަށްފަހު، ކޮވިޑް 19 ގެ ސަބަބު އާބަތުރަ ފިލުމުގެ މަސައްކަތް ހުއްޓިފައި އޮތުމުން އަލުން މީހުންނަށް ނަމާދު ކުރެވޭ ގޮތަށް މިސްކިތް ހުޅުވާލަން ނިންމައިފި އެވެ.
މަރާމަތުކޮށް އާބާތުރަ ފިލުވުމަށް ހުކުރު މިސްކިތް ބަންދު ކުރީ މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އޭރު މިނިސްޓަރު ވިދާޅުވީ ހުކުރު މިސްކިތުގެ އާބާތުރަ ފިލުމުގެ މަސައްކަތަށް ދެ އަހަރު ނަގާނެ ކަމަށެވެ.
ކޮވިޑްގެ ހާލަތުގައި ސަގާފަތާއި ތަރިކައިގެ މިނިސްޓްރީއިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މައުލޫމާތު ސާފު ކުރުމަށް މިނިސްޓަރު ޔުމްނާ މައުމޫނު ވަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. ކޮމިޓީއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޔުމްނާ ވިދާޅުވީ ކޮވިޑާ ގުޅިގެން ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މަޑުޖެހިފައިވާ ކަމަށެވެ. އެހެންވެ މަސައްކަތްތައް އަލުން ފަށައިގަނެވެން ދެން މިސްކިތް ހުޅުވަން ނިންމާފައިވާ ކަމަށް ޔުމްނާ ވިދާޅުވި އެވެ.
"މަސައްކަތް ކުރިއަށް ދިއުމުގައި ލަސްތަކެއް ހުރުމާއެކީ އަޅުގަނޑުމެންނަށް ލަފާ ކުރެވެނީ ސެޕްޓެމްބަރު އެހާތާގަހެން މަސައްކަތް ދެން ފަށައިގަނެވޭނީ އެންމެ އަވަސްވިޔަސް. އެއީ ކޮވިޑްގެ ހާލަތަށް ބަލާފައި. އެހެންވީމަ ލަސްވާނަމަ އަޅުގަނޑުމެން މިހާރު ނިންމާފައި ވާނީ މިސްކިތް ހުޅުވާލުމަށް މިސްކިތުގެ ރައްކާތެރި ކަމަށް ބަލާފައި." ޔުމްނާ ވިދާޅުވި އެވެ.
އެގޮތަށް ނިންމި ސަބަބެއް ކަމަށް ޔުމްނާ ވިދާޅުވީ ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާތީ އެވެ. ކޮވިޑާ ގުޅިގެން ސަރުކާރު ބަންދުކޮށްފައި އޮތް ނަމަވެސް ދާރުލްއާސާރު ކަޅުވަކަރު މިސްކިތް އަދި ހުކުރު މިސްކިތުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ސާފު ކުރުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް ޔުމްނާ ވިދާޅުވި އެވެ.
ކުއްލިގޮތަކަށް މިދިއަ އަހަރު ހުކުރު މިސްކިތް ބަންދު ކުރީ ވަރަށް ގަދައަށް ކަތުރުފަނި އަޅައި މިސްކިތުގެ ބައެއް ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެކަންކަން ރަނގަޅު ނުކޮށް މިސްކިތް ބޭނުން ކުރުން ރައްކާތެރި ނުވާނެތީ ކަމަށް ބުނެ އެވެ.
ހުކުރު މިސްކިތް މަރަމާތުކުރުމަށާއި އެތަނުގެ އާބާތުރަ ފިލުވުމަށް އިންޑިއާއިން އެހީތެރިވުމަށް ވަނީ ނިންމާފަ އެވެ. މިކަމަށް އިންޑިއާ ސަރުކާރުން އެއްބަސްވީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ މި އަހަރުގެ ތެރޭގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
އިންޑިއާގެ ހިލޭ އެހީގެ ދަށުން މި މަސައްކަތް ކުރަނީ އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާއިންނެވެ.