ސަތޭކައަށް ވުރެ ގިނަ މީހުންނާއެކު ދަތުރުކުރި ބޯޓެއް ރޭ ފަތިހު ފަރަށް އަރައިފި އެވެ.

ފަތިހު ގާތްގަނޑަކަށް 4:40 އެހާކަންހާއިރު ހއ. ފިއްލަދޫ އުޖާލާ ބޯޓު ފަރަށް އެރީ 160 މީހުންނާއެކު ދަތުރުކުރަނިކޮށް ކ. މާހަލު ބައްތި ކައިރިންނެވެ. ފިއްލަދޫ ބޯޓު ދަތުރު ކުރަމުން ދިޔައީ ހއ. ކެލައިން މާލެ އައުމަށެވެ.

ބޯޓް ފަރަށް އެރި ނަމަވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ބޯޓުގައި ތިބި 160 މީހުންގެ ތެރޭގައި 33 ކުޑަކުދިންނާއި 70 އަންހެނުންނާއި 57 ފިރިހެނުން ހިމެނެ އެވެ.

ފުލުހުން ބުނީ އުޖާލާ ބޯޓް ފަރަށް އެރި މައުލޫމާތު ލިބުމުން މެރިން ފުލުހުން އެބޯޓު ކައިރިއަށް ގޮސް ބޯޓުން ދަތުރުކުރަމުންދިޔަ މީހުން ސަލާމަތްކޮށް މާލެ ގެނައުމުގެ މަސައްކަތް މިހާރު ފަށައި މިހާތަނަށް 102 މީހަކު މާލެ ގެނެސްފައިވާ ކަމަށެވެ. ބާކީތިބި މީހުން މާލެ ގެނައުމުގެ މަސައްކަތް ވެސް ކުރަމުން އެބަދެ އެވެ.

ފަރަށް އަރާފައިވާ ބޯޓު ކައިރީގައި އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން މަސައްކަތް ކުރަމުން އެބަދެ އެވެ.