ފުލުހުން އާންމުންނާ މެދު އަނިޔާވެރިވުމަށް ދެއްކޭނެ އެއްވެސް އުޒުރެއް ނޯންނާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެެ.

އެމެރިކާގެ މިނެސޯޓާ ސްޓޭޓްގެ ސިޓީއެއް ކަމަށްވާ މިނިއާޕޮލިސް ގެ ފުލުހުން ވަރަށް އަނިޔާވެރި ގޮތަކަށް ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް ކިޔާ މީހަކު މަރާލުމާ ގުޅިގެން އެކަން ކުށްވެރި ކުރެއްވުމުގެ ގޮތުން ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުން ބާރުގެ ބޭނުން ކުރަން ޖެހޭނީ ހާލަތަކާ އެކަށީގެންވާ ވަރަކަށް ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

ބާރު ބޭނުން ކުރަން ޖެހޭނީ އާންމު މަސްލަހަތާއި ރައްޔިތުން ހިމާޔަތް ކުރުމަށް އެ ނޫން ގޮތެއް ނެތިގެން ކަމަށް ވިދާޅުވި އެވެ.

ސީޕީ ޓްވީޓު ނިންމަވާލެއްވުމުން ވިދާޅުވީ، ފުލުހުން އަނިޔާވެރިވުމަށް އެއްވެސް އުޒުރެއް ނޯންނާނެ ކަމަށެވެ.

ފްލޮއިޑްގެ މަރާ އެކު އެމެރިކާގައި ފުލުހުން ކަޅު ނަސްލުގެ މީހުންނާ މެދު އަނިޔާވެރިވާ ކަމަށް ދެކެވޭ ވާހަތައް އަނެއްކާވެސް ވަނީ ވަރަށް ބާރަށް ދެކެވެން ފަށައި ފައެވެ. އަދި އެކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ރުޅިވެރިކަން ފާޅު ކުރަމުންނެވެ. އެގޮތުން ފުލުހުންގެ އަނިޔާވެރިކަމުގެ ސަބަބުން މަރުވި ކުށެއް ނެތް އެތައް ކަޅު ނަސްލުގެ މީހުންގެ ހަނދާންތައް ގިނަ ބަޔަކު އާ ކުރަމުން އެބަ ދެއެވެ.

އެ މަރާ ގުޅިގެން އެމެރިކާގެ ބައެއް ސަރަހައްދުތަކުގައި ގިނަ ބަޔަކު ދަނީ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންނެވެ. އާންމުން ރުޅިއައިސް އެތަށް ތަންތަނެއް ލޫޓުވާލައި އަދި ބައެއް ތަންތަނުގައި ހުޅުޖެހުން ފަދަ ކަންކަންވެސް ކުރަމުން އެބަ ދެއެވެ.