ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މަގާމުގެ ޒިންމާ އަދާ ނުކުރައްވާ ކަމަށް މަޖިލީހުގެ ގަވައިދު ކޮމިޓީއިން ނިންމުމުން، އެ ނިންމުމަށް ޖަވާބު ދާރީވެ މަޖިލީހަށް ސިޓީއެއް ފޮނުވައިފި އެވެ.

މިނިސްޓަރު ޒަހާ ޒިންމާ އަދާ ނުކުރާ ކަމަށް މަޖިލީހުގެ ގަވައިދު ކޮމިޓީއިން ނިންމާފައި ވަނީ މަސްވެރިކަމާ ބެހޭ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ގާނޫނު ބުނާ މުއްދަތުގެ ތެރޭގައި ހަދާފައި ނުވާ މައްސަލާގަ އެވެ. އެމައްސަލަ ގަވައިދު ކޮމިޓީއިން ނިންމައި މަޖިލީހުގެ ތަޅުމުގައި އިއްޔެ ވަނީ ބަހުސް ކޮށްފަ އެވެ.

ކޮމިޓީއިން ނިންމި މައްސަލައިގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ ގަވައިދު ކޮމިޓީއިން އެމައްސަލަ ބަލައި ރިޕޯޓު ތައްޔާރުކޮށް ނިމުމާ އެކީގައި ރިޕޯޓަށް ޖަވާބުދީ ފިޝަރީޒް މިނިސްޓަރު މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އެއީކަން އެކަން ހިނގަން ޖެހޭނެ ގޮތަކީ. އަޅުގަނޑުމެން ފުރަތަމަ ދައުވަތު ދެވުނު ފިޝަރީޒް މިނިސްޓަރަށް ކޮމިޓީއަށް ހާޒިރުވެ އަޅުގަނޑުމެންނަށް ޖަވާބުދޭން. އަޅުގަނޑު އެ ސިޓީ ކިޔާލިއިރު އެ ސިޓީއިންވެސް ފެނުނީ މުޅިން ގޯސް." ސިރާޖު ވިދާޅުވި އެވެ.

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު --- ފޮޓޯ /މަޖިލިސް

މަސްވެރިކަމާ ބެހޭ ބިލުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް އެކަށީގެންވާ މުއްދަތެއްގައި ހަދާނެ ކަމަށް ޒަހާ މަޖިލީހަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވާ ކަމަށް ސިރާޖު ވިދާޅުވި އެވެ. އަދި މިހާރުން މިހާރަށް ނިންމަން ޖެހޭ ކަމަށް މިނިސްޓަރަށް ފެންނަ ގަވައިދުތައް ނިންމާނެ ކަމަށް ސިޓީގައި ބުނެފައިވާ ކަމަށް ވިދާޅުވި އެވެ.

"އެއީ މުޅިން ގޯހެއް. އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ހަދާފައި މުއްދަތު ތަކެއްދީފައި ރައީސުލްޖުމްހޫރިއްޔާ އެ ގާނޫނު ތަސްދީގު ކުރެއްވީމަ އޭގެ މާނައަކީ އޭގަ އޭނީ އެކަށީގެންވާ ވަގުތާއު. އޭގައ އެހުރި ގަވައިދު ތަކަކީ ކޮންމެހެން ނިންމަން ޖެހޭ ގަވައިދުތަކެއްކަން. މިނިސްޓަރަށް ފަހުން ނުދެންނެވޭނެ އެކަށީގެންވާ ވަގުތަކީ މިނިސްޓަރަށް ފެންނަ ވަގުތެއް ކަމަށް." ސިރާޖު ވިދާޅުވި އެވެ.

ރިޕޯޓާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި މެމްބަރުން ވަނީ މިނިސްޓަރު ޒަހާގެ އިސްތިއުފާއަށް ގޮވާލާފަ އެވެ. އަދި އިސްތިއުފާ ނުދެއްވާނަމަ މަޖިލީހުން ވަކިކުރާނެ ކަމަށްވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ. މަކުނޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއިން މިޙާތަނަށް ސަރުކާރުން ފުރިހަމަކޮށްދޭން ބުނި އެއްވެސް ކަމެއް ވެފައި ނުވާ ކަމަށެވެ.

"އަޅުގަނޑު މި ގޮވާލަނީ މިނިސްޓަރި ޒަހާއަށް. އަޅުގަނޑުމެން މިތަނަށް ގެނެސް ނޯ ކޮންފިޑެންސް ވޯޓު ނަގާނަން. މި މަސްތެރޭގައި. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެން އެކަން ކުރާނަން. އެހެން ނޫނީ ވަގުތުން ވަގުތަށް މިހާރުން މިހާރަށް އިސްތިއުފާ ދީ." ރާއީ ވިދާޅުވި އެވެ.

މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ --- ފޮޓޯ/ މަޖިލިސް

ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ވިދާޅުވީ ކޮންމެ ފަރާތެއްވެސް ވެރިކަމަށް އަންނަނީ މަސްވެރިންނަށް ރަނގަޅު ގޮތްތަކެއް ހައްދަވައި ދެއްވާނެ ކަމަށް ވައުދުތަކެއް ވެ، މަސްވެރި ކަމަކީ ދިވެހިންގެ ލޭނާރު ކަމަށް ބުނަމުންނެވެ. އެހެންނަމަވެސް ހާއްސަކޮށް އެމްޑީޕީއިން މަސްވެރިންނަށްޓަކައި ފުއްދައިދޭން ބޭނުންވާ ވައުދުތައް ނުފުއްދިގެން އުޅެން ޖެހޭ ކަމަށެވެ.

މަސްވެރިކަން ކުރޮއަރުވަން ރާއްޖޭގައި ފުރަތަމަ ފަހަރަށް މަސްވެރިކަމުގެ ގާނޫނެއް ހަދައި މަޖިލީހުން ފާސްކޮށް މިނިސްޓަރާއި ހަވާލު ކުރުމުން މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ހެދުމުގައި މިނިސްޓަރު ޒަހާ އިހުމާލުވެފައިވާކަން ގަވައިދު ކޮމިޓީގެ ރިޕޯޓުން ސާފުކޮށް ފެންނަން އޮތް ކަމަށް ޔާސިރު ވިދާޅުވި އެވެ. އަދި ގަވައިދު ނުހެދި މައްސަލާގައި އުޒުރެއްވެސް ދެއްކިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ސަރުކާރުން އަޅުގަނޑުމެން މި ފާސްކުރި ގާނޫނުގެ ދަށުން މަސްވެރިންނަށް ޓަކައި އެއްވެސް ކަމެއް ކުރެވިފައި ނުވާކަން އަޅުގަނޑު ހިތާމައާ އެކީ ފާހަގަކުރަން. އަޅުގަނޑުމެން ވެރިކަމަށް އަންނައިރު ވާ ވައުދުތައް ތަންފީޒު ކުރެވޭނެ މިނިސްޓަރުން އެބަ ތިބެން ޖެހޭ." ޔާސިރު ވިދާޅުވި އެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް --- ފޮޓޯ/ މަޖިލިސް

އޭނާ ވިދާޅުވީ ވެރިކަމަށް އައުމަށް ވާ ވައުދުތަކާއި، މަޖިލީހުން ހަދާ ގާނޫނުތައް ތަންފީޒު ނުކުރެވޭ މިނިސްޓަރެއް ބޭނުން ނުވާ ކަމަށެވެ.

މިނިސްޓަރު ޒަހާ ޒިންމާ އަދާ ނުކުރައްވާ ކަމަށް ނިންމައި މަޖިލީހުގެ ގަވައިދު ކޮމިޓީއިން ތައްޔާރު ކުރި ރިޕޯޓުގައި ބުނެފައިވަނީ މަސްވެރިކަމާ ބެހޭ ގާނޫނުގެ ދަށުން ހަދަން ފިޝަރީޒް މިނިސްޓްރީއަށް ލާޒިމުކޮށްފައިވާ ގަވައިދުތައް އެ މިނިސްޓްރީއިން ހަދާފައި ނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ގާނޫނެއްގައި ވަކިގޮތަކަށް އަމަލުކުރަން ވާނެކަމަށް ކަނޑައެޅި ބަޔާންކޮށްފައިވާ ނަމަ އެއީ އެ ގާނޫނުން އުފައްދައި ބަރީއަވުމެއް ނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއް ކަމަށް ބަލަން ވާނެ ކަމަށް މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގައި ބުނެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

"ކަން މިހެން އޮތް އިރު ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުން ވަރަށް ސާފުކޮށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރަލް އާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އަދާނުކުރުމުގެ ސަބަބުން އަދި އެ މުއްދަތު ފަހަނައަޅާ ދިޔަ ފަހުން މިއަދާހަމައަށް ވެސް އެ މަސްއޫލިއްޔަތު އަދާކޮށްފައި ނުވާ ކަމުން އެ މިނިސްޓްރީއިން އެ ގާނޫނާ ހިލާފުވެފައިވާ ކަމަށް ކޮމިޓީއިން ގަބޫލުކުރާ ކަމަށާއި. މިނިސްޓަރު ނަންގަވަން ޖެހިވަޑައިގަންނަވާ ޒިންމާ ނަންގަވާފައި ނުވާ ކަމަށް ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ނިންމި އެވެ." ގަވައިދު ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.