31 May 2020, 12:50
ކެންސަރު ބަލީގެ ބަލިމީހަކަށް ފަރުވާ ނުދެވި އައިޖީއެމްއެޗުގައި ބަލިމީހާ މަރުވި ކަމަށް ބުނާ ވާހަކަ އެ ހޮސްޕިޓަލުން ދޮގުކޮށްފި އެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބަލިމީހާ މަރުވީ އެ ހޮސްޕިޓަލުން ދޭންޖެހޭ ފަރުވާ ނުދެވިގެން ނޫން ކަމަށެވެ.
ބަލިމީހާ މަރުވުމާ ގުޅިގެން އާއިލާ އަށް ލިބިފައިވާ ހިތާމާގައި ބައިވެރިވާކަން ހާމަކޮށް ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނީ އެ ކޭސް އާއި ގުޅިގެން ހަގީގަތާ ހިލާފު ވާހަކަތައް ސޯޝަލް މީޑިއާގައި ދެކެވެމުންދާ ކަމަށެވެ.
އެގޮތުން ބަލިމީހާގެ ހާލު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިންކަމަށާއި ބަލިމީހާ ދުނިޔެ ދޫކުރީ ފަރުވާއެއް ނުލިބި، އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި އޮންނަތާ ހަ ދުވަސްފަހުން ކަމަށް ބުނާ ވާހަކައަކީ ހަގީގަތާިލާފު ވާހަކަތަކެއް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ
ހޮސްޕިޓަލުން ނެެރުނު ބަޔާނުގައި ބުނީ ބަލިމީހާ އައިޖީއެމްއެޗަށް އެންމެ ފުރަތަމަ ދައްކާފައިވަނީ މެއި 26 ވަނަ ދުވަހުގެރޭ ކަމަށާއި ފުވައްމުލަކު ހޮސްޕިޓަލުން އައިޖީއެމްއެޗަށް ކޭސް ރިފާކޮށްފައިވަނީ އެޑްވާންސް ކެެންސަރު ކަމަށް ދެނެގަނެ، ސީރިއަސް ކޭހެއްގެ ގޮތުގައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
"ކޮވިޑް19 އާއި ގުޅިގެން މި ހޮސްޕިޓަލުން އާންމުކޮށްދޭ ގިނަ ހިދުމަތްތަކެއް މިވަގުތު ހުއްޓާލާފައިވީ ނަމަވެސް، ލަސްތަކެއް ނުކޮށް ސީޓީ ސްކޭނެއް ހަދައި ބަލިމީހާގެ ހަށިގަނޑަށް ކެންސަރު ފެތުރިފައިވާ މިންވަރާއި މިފަދަ މިންވަރަކަށް ކެންސަރު ފެތުރިފައިވާނަމަ، ދެން ދިމާވެދާނެ ކަންތައްވެސް އާއިލާއަށް ކިޔާދީފައިވާނެއެވެ." ބަޔާނުގައި ބުނެފައިވެއެވެ.
އައިޖީއެމްއެޗުން ބުނީ ފަރުވާގެ ކަންތައް ކުރިއަށް ދަނިކޮށް ބަލިމީހާ މަރުވެފައިވަނީ ހޮސްޕިޓަލުގައި އެނދުމަތި ކުރިތާ ދެދުވަސް ފަހުން، މެއި މަހުގެ 29 ވަނަ ދުވަހު ކަމަށެވެ.
ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އެއްވެސް ބަލިމީހަކު މަރުވުމަކީ، ހޮސްޕިޓަލުގައި ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ނަރުހުންއަދި އެހެން މުވައްޒަފުންނަށްވެސް ބޮޑު ހިތާމަޔެއް ކުރިމަތިވާ ކަމެއް ކަމަށާއި އާއިލާގެ ހިތަމާގައި ހޮސްޕިޓަލުން ބައިވެރިވާ ކަމަށް ބަޔާނުގައި ބުންޏެވެ.
އަދި މިފަދަ ނާޒުކު ދަނޑިވަޅެއްގައި ހޮސްޕިޓަލުގެ ބަހެއް ހޯދުމަކާ ނުލާ، ހަބަރު ނުފެތުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މިފަދަ މައްސަލަތައް ރިވިއުކޮށް އިސްލާހުކުރަންޖެހޭ ނުވަތަ މިހާރު އަމަލުކުރަމުންދާ ގޮތަށްވުރެ ރަނގަޅަށް ކުރެވިދާނެ ކަމެއް އޮތްތޯ ބަލާ އެފަދަ ބަދަލެއް ގެންނަން ޖެހިއްޖެ ނަމަ ގެންނާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.