ވޮޝިންޓަން (މެއި 31):އެމެރިކާއިން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އާ އެކު ގުޅުންތައް ކަނޑާލުމާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕަށް އެގައުމުންނާއި ބޭރު ގައުމުތަކުން ފާޑު ކިޔުން އަމާޒުވެއްޖެ އެވެ.

އެމެރިކާއިން ޑަބްލިޔުއެޗްއޯއާ އެކު އޮތް ގުޅުންތައް ކަނޑާލިކަން ރައީސް ޓްރަމްޕް އިއުލާން ކުރެއްވީ އެޖަމްއިއްޔާ ކޮންޓްރޯލް ކުރަމުން ދަނީ ޗައިނާއިން ކަމަށް ވިދާޅުވެ އެވެ. އަދި ކޮރޯނާވައިރަސް ބަލިމަޑުކަން ފެތުރިފައި ވަނީ ޗައިނާގެ ސަބަބުން ކަމަށާއި ވައިރަހާ ބެހޭ ގޮތުން ދުނިޔެއަށް އޮޅުވާލުމަށް އެގައުމުން ޑަބްލިޔުއެޗްއޯއަށް ޕްރެޝަރު ކުރި ކަމަށް ވިދާޅުވެ އެވެ.

ޓްރަމްޕްގެ އެނިންމެވުމާ ގުޅިގެން ޖަރުމަނުގެ ހެލްތު މިނިސްޓަރު ޖެންސް ސްޕަން ވަނީ އެ ނިންމުމާ މެދު ހިތާމަ ކުރާ ކަމަށާއި ނަމަވެސް ޑަބްލިޔުއެޗްއޯއަށް އިސްލާހުތައް ގެންނަން ޖެހޭ ކަމަށް އެގައުމުންވެސް ދެކޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ޔޫރަޕިއަން ޔޫނިއަން އިން އެޖަމްއިއްޔާގައި އިސް ދައުރެއް އަދާކޮށް، މާލީ ބައިވެރިވުން އިތުރު ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

މީގެ ކުރިން މި މަހުގެ 19އިގައި ޓްރަމްޕް ޑަބްލިޔުއެޗްއޯގެ އެގްޒެކެޓިވް ޑިރެކްޓަރު ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސްއަށް ލިޔުއްވި ސިޓީއެއްގައި ވަނީ އެ ޖަމްއިއްޔާއަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ވަކި އިސްލާހުތަކެއް ފާހަގަ ނުކުރެއްވި ނަމަވެސް، ޑަބްލިޔުއެޗްއޯއަށް ބަދަލުތައް ނުގެންނަ ނަމަ އެޖަމްއިއްޔާއަށްދޭ އެހީ ކަނޑާލާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

މިދިޔަ ހުކުރު ދުވަހު ޓްރަމްޕް ވައިޓް ހައުސްގައި ދެއްވި ތަގުރީރުގައި ވަނީ އެމެރިކާއިން ޑަބްލިޔުއެޗްއޯއަށް ދޭ އެހީ ދެން ދޭނީ އެ ފައިސާ ހައްގު އެހެން ގުރޫޕުތަކަށް ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕް އެފަދައިން ވިދާޅުވުމާ ގުޅިގެން އިނގިރޭސިވިލާތުން ވަނީ މި ބަލިމަޑުކަމުގެ ތެރޭގައި ދުނިޔެއިން އަމަލު ކުރާ ގޮތުގައި ޑަބްލިޔުއެޗްއޯއިން މުހިއްމު ދައުރެއް އަދާ ކުރާ ކަމަށާއި އެ ގައުމުން އެ ޖަމްއިއްޔާއަށް ދޭ އެހީ ކަނޑާނުލާނެ ކަަށް ބުނެފަ އެވެ.

މީގެ އިތުރުން އެމެރިކާގެ ސެނެޓް ހެލްތް ކޮމިޓީގެ ޗެއާމަން ލަމާ އެލެގްޒެންޑާ ވަނީ ޓްރަމްޕްގެ އެ ނިންމުމާ ގުޅިގެން ކޮރޯނާވައިރަހަށް ވެކްސިނެއް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅިދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ނިންމުން ބަދަލު ކުރުމަށް އެދިލައްވާފަ އެވެ.

"ކޮރޯނާވައިރަހާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއަށް އެޅުނު ނުރަނގަޅު ފިޔަވަޅުތައް ވަރަށް ރަނގަޅަށް ބަލަން ޖެހޭ، ނަމަވެސް އެކަން ކުރަންވީ މި ކާރިސާ ނިމުމުން، ކާރިސާގެ މެދުތެރޭގައެއް ނޫން،" އެލެގްޒެންޑާ ވިދާޅުވި އެވެ.

ޗައިނާއާ ބެހޭ ގޮތުން ޓްރަމްޕް ދެއްކެވި ވާހަކަތަކަށް ރައްދު ދެމުން އެގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ޓްރަމްޕް މަސައްކަތް ކުރައްވަނީ އާއްމުންނަށް އޮޅުވާލާ، ޗައިނާގެ ނަން ހަޑިކޮށް، އެމެރިކާ ފެއިލްވުމުގެ ޒިންމާ އެހެން މީހުންގެ ބޮލުމުގައި އެޅުވުމަށް ކަމަށް ބުނެފަ އެވެ.