ގއ. ވިލިނގިލިން ހުސައިން ހަސަން

ގއ. އަތޮޅު ބޭރުން ތިން މީހުންނާއެކު ސޯމާލިއާ ބަޔަކު އަތުލައިގެންފި އެވެ.

ގއ. އަޮތޮޅާ 45 މޭލު ބޭރުން ސޯމަލިއާ ތިން މީހުންނާއެކު ޑިންގީއެއް ފެނުނީ އިއްޔެ ހެނދުނު 9:30 އެހާކަންހާއިރު ގއ. ދެއްވަދޫ "ތެދުމަގު" ދޯންޏަށެވެ. އެމްއެންޑީއެފުން ބުނީ ދެއްވަދޫ ދޯންޏަށް އެމީހުން ފެނުނީ ސޯމަލިއާ މީހުން ޑިންގީގައި ކޮޅަށް ތިބެ ދޯންޏަށް ހަނާ އަޅަމުން ދަނިކޮށް ކަމަށެވެ. އަދި ދޯނީގެ މީހުން ޑިންގީއާ ކައިރި ކުރުމުން އެ މީހުންނަކީ ސޯމަލިއާ ބައެއް ކަމަށް ބުނި ކަމަށާއި އެމީހުން ޝަހާދަތުގެ ދެކަލިމަ ކިޔުމުން "ތެދުމަގު" ދޯންޏަށް އެރުވި ކަމަށެވެ.

އެމްއެންޑީއެފްގެ ލަފަޔާއެކު އެ މީހުން ދޯންޏަށް އެރުވުމަށްފަހު ގެންދިޔައީ ދެއްވަދޫއަށެވެ. އަދި މީހާރު އެ މީހުން ވަނީ ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނާ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ހާލުގައި ޖެހިފައި ތިއްބާ ސަލާމަތް ކުރި ސޯމަލިއާ ތިން މީހުންގެ ތެރޭ 18 އަހަރު ނުވާ ކުޑަކުއްޖަކު ވެސް ހިމެނެ އެވެ. އެ މީހުންގެ ސިއްހީ ހާލަތު ސީރިއަސް ނޫނެވެ. ވިލިނގިލީ ޕޮލިސް ސްޓޭޝަނުގެ ބެލުގެ ދަށުން އެ މީހުންގެ ސިއްހީ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ.

ވިލިނގިލީ ފުލުސް ސްޓޭޝަނުން ބުނީ ދެއްވަދޫ ދޯނިން އެ މީހުން ސަލާމަތް ކުރިއިރު އެއްވެސް ހަތިޔާރެއް ނެތް ކަމަށެވެ. އަދި އެ މީހުންގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

ސޯމާލިއާ ބަޔަކު ހުވަދު އަތޮޅު ސަރަހައްދުން ފެނިފައިވާއިރު، މިދިޔަ އަހަރު ފަހުކޮޅު ވެސް ސޯމާލިއާ ބަޔަކު ރާއްޖެ ލައްވެފައިވެ އެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކަށް ލައްވި ޑިންގީތަކާއެކު 30 ވުރެ ގިނަ މީހުން މިހާރު ވެސް ދޫނިދޫ ޖަލުގައި އެބަތިއްބެވެ.