30 May 2020, 23:51
ރާއްޖޭގައި މިހާރު ކޮވިޑް19ގެ އެކްޓިވް ކޭސްތަކުގެ ތެރެއިން 87 ކޭސްއަކީ އެއްވެސް ކްލަސްޓާއަކާ ގުޅުމެއް ނެތް ކޭސްތަކެއް ކަމަށް އެންއީއޯސީން ބުނެފި އެވެ.
މިރޭ ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު ހުރި އެކްޓިވް ކޭސްތަކުގެ ތެރޭގައި ގިނައީ އެކިއެކި ކްލަސްޓާތަކަށް ނިސްބަތްވާ ކޭސްތައް ކަމަށެވެ.
"މިހާރު ރާއްޖޭގައި އެކްޓިވްކޮށް މިހުރި ކޭސްތަކުގެ ތެރެއިން 1177 ކޭސްއަކީ އެކިއެކި ކްލަސްޓާތަކުގެ ތެރޭގައި ތިބި މީހުން. 87 މީހުން އިންޑިޕެންޑެންޓް ކޭސްތަކުގެ [އެހެން އެއްވެސް ކޭސްއަކާ ގުޅުމެއް ނެތް ކޭސްތައް] ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަވެފައިވަނީ،" މަބްރޫކް ވިދާޅުވި އެވެ.
އެންއީއޯސީން އެންމެ ފަހުން ހިއްސާކުރި މައުލޫމާތުން އެނގޭ ގޮތުގައި މިހާރު ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދަކީ 1672 އެވެ. އޭގެ ތެރެއިން 401 މީހުން ބަލިން ރަނގަޅުވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 1264 އެވެ.
މިރޭގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑޮކްޓަރު ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ތަބާވުމުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ.
"މިހާތަނަށް ފެންނަނީ ވަރަށް އެއް ލެވެލްއެއްގައި ހިފެހެއްޓިފައި ހުރި ކޭސްތަކުގެ އަދަދެއް. ފަހަކަށް އައިސް ފްރަންޓްލައިންގެ މީހުން ވެސް މީގެ ތެރެއިން [ޕޮޒިޓިވް ކޭސްތަކުގެ ތެރެއިން މަދުން ފެންނަނީ. މިއީ ހަގީގަތުގައި ބިހޭވިއޮރަލް ޗޭންޖެއް ހުރިހާ ލެވެލްއެއްގައި ވެސް، މާނައަކީ ދިވެހިން ވެސް ބިދޭސީން ވެސް އަދި ހާއްސަ މަސައްކަތް ކުރާ މީހުންގެ ވެސް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް އަންނަކަމުގެ އަލާމާތެކޭ މިގޮތަށް މަދު ކޭސްތައް ފެނުމަކީ. ރައްކާތެރިކަމުގެ ފިޔަވަޅުތައް ބޮޑަށް އެޅޭ ކަން މި ފެންނަނީ،" އަފްޒަލް ވިދާޅުވި އެވެ.