އެމްޑީޕީގެ ގިނަ އަދަދެއްގެ އެކްޓިވިސްޓުން މިރޭ ދައުލަތުގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒު އެ ޕާޓީގެ ހަރުގެ ތެރެއަށް ގަދަކަމުން ވައްދައި އެ މަނިކުފާނާ މެދު ހަމަނުޖެހުންތަކެއް ހިންގައިފި އެވެ.

އެމްޑީޕީގެ ހަރުގެ ތެރޭގައި ގިނަ އެކްޓިވިސްޓުންތަކެއް އިނާޒު ވަށާލައި އޭނާ ލަވަމުން ކަހަލަ ގޮތޮކަށް ގެންގޮސް ހަރުގޭގެ ކަނަކަށް ވެއްދި މަންޒަރު ސަންގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ. އަދި އެ ވަގުތު ބައެއް ފުލުހުން ހަރުގެއަށް ވަންނަން މަސައްކަތްކުރުމުން އެކަމާ އެކްޓިވިސްޓުން ދެކޮޅު ހަދައި ފުލުހުން އެތަނުން ދިއުމަށް އެންގި އެވެ. އަދި އޭގެ ފަހުން ކުޑައިރުކޮޅަކު އެތަނުގައި ފުލުހުން މަޑުކުރުމަށް ފަހު، ހަޅޭ ލަވަމުން ދިޔަ އެކްޓިވިސްޓުންނަށް މިނިސްޓަރު އިނާޒު ދޫކޮށްލުމަށް ފަހު ފުލުހުން އެތަނުން ދިޔަ އެވެ.

މިނިސްޓަރު އިނާޒާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު، އަލްހާނު ފަހުމީއާ ދެ ބޭފުޅުން ވަށައިގެން ތިބި އެކްޓިވިސްޓުން ގޮވަމުން ދިޔައީ އެމީހުން އިނާޒު ގެނައީ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބުދުﷲ ޔާމީނާ އެކު ޔާމީނުގެ ކާރުކޮޅު ތެރޭގައި އިންނަވަނިކޮށް ނެރެގެން ކަމަށެވެ.

އަދި އިނާޒު މިނިސްޓްރީ ހިންގަވަނީ ޔާމީނުމެން އަންގާ ގޮތަށް ކަމަށާއި އިނާޒު ގެންދަވަނީ ސަރުކާރުގެ ތެރޭގައި ހުންނަވައިގެން މަކަރުން ސަރުކާރު ހަލާކު ކުރައްވަމުން ކަމަށް ވެސް އެމީހުން ގޮވަމުން ދިޔަ އެވެ. އަދި އެކްޓިވިސްޓުން ވަރަށް ހުތުރު ބަސްތައް އިނާޒުއަށް ރައްދުކުރަމުން ގޮވީ މިރޭ ހަރުގޭން ނުކުންނެވޭނީ ވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު ކަމަށެވެ.

"މިރޭ މިތަނުން ދާން ވާނީ އިސްތިއުފާ ދީފައި، ތިޔަ ކަހަލަ ...މަކަރުވެރިންނެއް ސަރުކާރަކަށް ބޭނުމެއް ނުވާނެ. މިކަން ހައްލުކުރަން އެއްވެސް ބަޔަކު މިތަނަށް ވަދެގެން ނުވާނެ. ޕާޓީގެ އެކްޓިވިސްޓުން މިތިބީ ރަތަށް އަރާފައި. މިކަން ނިންމާނީ އަހަރެމެން އަމިއްލަ އަށް. އަހަރުން ވަރަށް އިތުބާރުކޮށް ތިޔަ މަގާމު ހަވާލު ކުރީ،" ހަރުގޭގައި އެކްޓިވިސްޓުން ގޮވަމުން ދިޔަ އެވެ.

ހަރުގެ ތެރޭގައި އެކްޓިވިސްޓުން ގޮވަމުން ދިޔަ ގޮވުންތަކުގެ ތެރޭގައި އެމްޑީޕީގެ ރައީސް އިބްރާހިމް ދީދީއަކީ ވެސް ޕާޓީ އަށް ޚިޔާނާތްތެރި ވެވަޑައިގަންނަވާ ބޭފުޅެއް ކަމަށް ތުހުމަތުކޮށް ގޮވަމުންދިޔަ އެވެ.

ހަރުގޭގައި އެކްޓިވިސްޓުން އިނާޒުގެ ގައިކޮޅަށް ދެންމެ ދެންމެ އަރައިގެންފާނެހެން ހީވާ ވަގުތުތައް ދިޔައިރު ވެސް ބަސް ފުޅެއް ވިދާޅު ނުވެ އިނާޒުގެ އަރިހުގައި ހުންނެވީ އެ ޕާޓީގެ ނައިބު ރައީސް އަލްހާނު ފަހުމީ އެވެ.
އެމްޑީޕީގެ އެކްޓިވިސްޓުން އިނާޒު އެތަނުން ވަޑައިގަތުމަށް ދޫކޮށްލުމުން އޭނާ ވަޑައިގެންނެވީ އެމްޑީޕީގެ އިސް ބޭފުޅެއް ކަމަށްވާ ދޮން ބިލެއް އަހުމަދު ހަލީމާ އެކު އޭނާގެ ސައިކަލުގެ ފަހަތުގަ އެވެ.
ހަރުގޭގައި އެކްޓިވިސްޓުން އިނާޒުއާ ދިމާއަށް ހިތަށް އެރިހާ އެއްޗެއް ގޮވަމުން ދިޔައިރު އޭނާ އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

އެމްޑީޕީ އެކްޓިވިސްޓުންގެ މެދުގައި ހުންނަވަނިކޮށް މީޑިއާ އަށް އިނާޒު އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންފުޅުތޯ ސަން އިން ދެންނެވުމުން އިނާޒު ވިދާޅުވީ ސިޔާސީ މީހުން ސިޔާސީ މީހުންނާ ބައްދަލު ކުރާނެ ކަމަށާއި އިތުރު އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނޫން ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އަހުމަދު ޝިޔާމު މިރޭ ވިދާޅުވީ ފައިނޭންސް މިނިސްޓަރު އަހުމަދު އިނާޒާ މެދު ބަޔަކު ހަމަނުޖެހުން ހިންގި ކަމަށާއި ނަމަވެސް އެއީ ކޮން ތަނެއްގައި ހިންގި ހަމަނުޖެހުމެއް ކަމެއް އަދި ކުރީ ކީއްކަން ވިދާޅުވުމަށް ދަތި ކަމަށެވެ.