ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ޖުމްލަ 401 މީހަކު ރަނގަޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 16 މީހަކު މިއަދު ރަނގަޅުވެފައިވާ ކަމަށެވެ. އެއާ އެކު އެ ބިލިން ރަނގަޅުވި މީހުންގެ އަދަދު 401 އަށް އަރާފައިވާ ކަމަށް ވެސް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ

ރާއްޖެ އިން މިހާތަނަށް 1633 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 863 ބަންގްލަދޭޝް މީހުންނާއި، 555 ދިވެހީންނާއި، 165 އިންޑިއާ މީހުންނާއި، ނޭޕާލްގެ 23 މީހުންނާއި ލަންކާ ނުވަ މީހެއްގެ އިތުރުން ޕާކިސްތާންގެ ތިން މީހުން ހިމެނެއެވެ.

ޕޮޒިޓިވްވާ މީހުންގެ އަދަދު 30 އާއި 50 އާއި ދެމެދު ހުންނަ ނަމަ އެއީ ނޯމަލް އަދަދެއް ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައިވާތީ ސަރުކާރުން ވަނީ މިހާރު ލޮކްޑައުންއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދީފަ އެވެ. އެގޮތުން ގެއަކުން ދެމީހުންނަށް ބޭރަށް ނުކުމެވޭގޮތް ހެދުމާއި، ބައެއް ފިހާރަތައް ހުޅުވުން ފަދަ ހުއްދަތަށް ދީފައިވެ އެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެފަ އެވެ.