ދީނީ މިނިވަންކަމަށް ގޮވާލުމުން ގާނޫނީ ގޮތުން ރާއްޖޭގައި އެޅޭނެ ފިޔަވަޅެއް ނެތް ކަމަށާއި އެއީ ދީނުގައި ކަނޑައެޅިގެން ހުކުމެއް އޮތް ކަމެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ މިއަދު ވިދާޅުވެއްޖެ އެވެ.

އިންސާނީ ހައްގުތަކުގެ ދުވަހާ ދިމާކޮށް ޑިސެމްބަރު 10 ވަނަ ދުވަހު ވިއްސަކަށް މީހަކު އާޓިފިޝަލް ބީޗަށް އެއްވެ ދީނީ މިނިވަންކަމަށް ގޮވާލި މައްސަލައިގައި ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީ އަށް ޑރ. މަޖީދު ހާޒިރުކުރެއްވުމުން އޭނާ ވިދާޅުވީ ދީނީ މިނިވަންކަމަށް ގޮވާލާ މީހުންގެ މައްޗަށް ދައުވާ އުފުލޭނެ ގޮތެއް ނެތް ކަމަށް ގާނޫނީ މާހިރުން ވިދާޅުވާ ކަމަށާއީ އެކަމަށް ގާނޫނުގައި ވަކި އަދަބެއް ކަނޑައެޅިފައިނުވާ ކަމަށެވެ.

"އެ ބޭފުޅުން ވިދާޅުވަނީ ސާބިތުވިޔަސް ސާބިތުވާނީ ގާނޫނުލް އުގޫބާތުގެ 88ގެ ]ހ[ގައި ވާ އަދަބުދިނުމަށް ކަމަށް. ]ދީނީ މިނިވަން ކަމަށް ގޮވާލުމަކީ[ ކަނޑައެޅިގެން ވަކި އަދަބެއް އޮންނަ ކަމެއް ވެސް ނޫން،" ޑރ. މަޖީދު ވިދާޅުވި އެވެ.

ގާނޫނުލް އުގޫބާތުގެ 88ގެ ]ހ[ގެ ދަށުން ދެވޭ އަދަބަކީ ގިނަ ވެގެން ހަ މަސްދުވަހަށް އަރުވާލުން، ޖަލަށްލުން ނޫނީ ގޭގައި ބަންދުކުރުން، ނުވަތަ 250ރ. އަށް ވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ޑރ. މަޖީދު ވިދާޅުވީ އެފަދަ ކަމަކަށް އެއީ "ލުއި" އަދަބެއް ކަމަށާއި ގާނޫނުލް އުގޫބާތު އިސްލާހު ކުރާ އިރު އެފަދަ ކަންކަމަށް ވެސް އެކަށީގެންވާ އަދަބުތަކެއް ކަނޑައެޅި އެކަމަށް ދައުވާ ކުރެވޭނެ ގޮތްތަކެއް ހަމަޖެހިފައި އޮންނަން ޖެހޭ ކަމަށެވެ.

"ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ހަ މަސް ދުވަހަށް އަރުވާލުން ނުވަތަ 150ރ. އިން ޖޫރިމަނާ ކުރުން އެކަހަލަ ގޮތަކަށް މި އޮންނަނީ. ވަރަށް ލުއި އަދަބެއްގެ ވާހަކަ އޮންނަނީ. ޝަރުއީ ނުވަތަ ގާނޫނީ ކަމަކާއި ހުލާފުވެއްޖެ ކަމުގައިވާ ނަމަ ދެވޭ އަދަބެކޭ، އެކަހަލަ ގޮތަކަށް އޮންނަނީ. ދެން އަޅުގަނޑު ގާނޫނީ މާހިރުންނާ ވާހަކަ ދެއްކީމާ ވިދާޅުވަނީ ސީދާ ކަނޑައެޅިގެން ދިވެހި ރާއްޖެއަކުން މިހާރު ގާނޫނީ ނިޒާމުގެ ތެރޭގައި ދައުވާކުރެވެން ނެތް ކަމަށް. އެކަމުގައި ދައުވާކުރެވޭނެ ގާނޫނެއް އަޅުގަނޑުމެންނަށް ފެނިފައެއް ނެތް،" ޑރ. މަޖީދު ވިދާޅުވި އެވެ. "އަޅުގަނޑު މަޖިލީހުގެ ކިބައިން އެދެން ގާނޫނުލް އުގޫބާތު އިސްލާހުވާ އިރު މިކަމަށް ގޮތްތަކެއް ކަނޑައެޅި އަދި ދައުވާ ކުރެވޭ ގޮތަށް އަދަބު ކަނޑައެޅިފައި އޮންނަން. އަދި ގާނޫނު އަސާސީން ލާޒިމް ކުރާ ގާނޫނުތައް ވެސް ހެދުމަށް އަޅުގަނޑު މި އިއްޒަތްތެރި މަޖިލީހުގެ ކިބައިން އެދެން،" ޑރ. މަޖީދު ވިދާޅުވި އެވެ.

ދީނީ ގޮތުން އެކަން އޮންނަ ގޮތަށް އަލިއަޅުވާ ލައްވަމުން ޑރ. މަޖީދު ވިދާޅުވީ ދީނީ މިނިވަންކަމަށް ގޮވާލުމަކީ މުރުތައްދުވުން ނޫނީ ދީނުން ބޭރުވުން ނޫން ކަމަށާއި ދީނީ މިނިވަން ކަމަށް ގޮވާލުމުން އެކަމުގައި ޝަރީއަތުގައި ވަކި އަދަބެއް ކަނޑައެޅިފައި ނެތް ކަމަށެވެ. އަދި ވިދާޅުވީ ދީނީ މިނިވަންކަމަށް ގޮވުމަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާ ކަޑައެޅިގެން ހިލާފުކަމެއް ކަމަށެވެ.

"އެއީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާ ހިލާފު އެ ވެވެނީ. ޝަރުއީ ހުކުމެއް އެއަށް ނާންނާނެ ތިމާ އަމިއްލަ އަށް ތިމާ ދީން ގަބޫލުނުކުރާ ކަމަށް ނުބުނާހާ ހިނދަކު. އެހެންވީމާ އެކަމަކީ އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ކަނޑައެޅިގެން ދީނުގައި ހުކުމެއް އޮތް ކަމަކަށް،" ޑރ. މަޖީދު ވިދާޅުވި އެވެ. "އެ ބަޔަކު ގޮވާލީ ތިމަންނާމެން ސީދާ ދީން ދޫކޮށްލި ވާހަކައަކަށް ނޫން. ގޮވާލީ ދީނީ މިނިވަންކަން އޮންނަން ޖެހޭ ކަމަށް. އެކަމަކީ ކަނޑައެޅިގެން ވަކި އަދަބެއް އޮންނަ ކަމެއް ވެސް ނޫން."