30 May 2020, 20:54
ވޮޝިންޓަން (މެއި 30): އެމެރިކާގެ މިނިސޯޓާގައި ދޮން ނަސްލުގެ ފުލުހަކު ކަޅު ނަސްލުގެ މީހަކު ހައްޔަރު ކުރި އިރު އަމަލު ކުރި އަނިޔާވެރި ގޮތުން އޭނާ މަރުވުމާ ގުޅިގެން، އިންސާފު ހޯދައި ދިނުމަށް ގޮވާލާ ފެށި މުޒާހަރާތައް މުޅި ގައުމަށް ފެތުރިއްޖެ އެވެ.
މިނިސޯޓާގެ މިނިއާޕޮލިސްގައި އެ މުޒާހަރާތައް ފުރަތަމަ ފެށުނީ މިދިޔަ ހޯމަ ދުވަހު ފުލުސް އޮފިސަރު ޑެރެކް ޝޮވިން، 46 އަހަރުގެ ޖޯޖް ފްލޯއިޑް ހައްޔަރު ކުރި އިރު އޭނާގެ ކަރަށް ފައިން އަރާ ހުރި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވި ފަހުންނެވެ. އެ ވީޑިއޯއިން ފްލޯއިޑްް އޭނާއަށް ނޭވާ ނުލެވޭ ކަމަށް ބުނެ، ޝޮވިންގެ ފައި ނެގުމަށް އާދޭސް ކުރާ މަންޒަރު ފެނެ އެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ފްލޯއިޑްގެ އަޑު ކެނޑެ އެވެ. އަދި އެއަށް ފަހު ފުލުހުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ފްލޯއިޑް މަރުވެފައިވާ ކަން ހޮސްޕިޓަލުން އެންގި އެވެ.
އެ ހާދިސާއަށް ފަހު މިނިއާޕޮލިސްގައި ދަނީ ފްލޯއިޑްއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލުމަށާއި ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް ވަރުގަދަ މުޒާހަރާތައް ކުރަމުންނެވެ. އެމުޒާހަރާތަކުގައި ޝޮވިން ކުރިން މަސައްކަތް ކުރި ޕޮލިސް ސްޓޭޝަނުގަ އާއި އެހެން ބައެއް އިމާރާތްތަކުގައި ރޯކޮށްފައިވެ އެވެ. އަދި މިނިއާޕޮލިސްގައި ރޭ އަށެކުން ފެށިގެން މިއަދު ހެނދުނު ހަޔެކަށް ކާފިއު އިއުލާންކޮށްފައި އޮތް ނަމަވެސް އެތައް ހާސް މީހުން ވަނީ މުޒާހަރާތަކުގައި ބައިވެރިވެފަ އެވެ.

ޖޯޖް ފްލޯއިޑްގެ މަރަށް އިންސާފު ހޯދައި ދިނުމަށް އެދި ވައިޓް ހައުސް ކުރިމަތީގައި ކުރި މުޒާހަރާގެ ތެރެއިން -- ފޮޓޯ: އޭއެފްޕީ
އެ މުޒާހަރާތައް މިހާރު އެމެރިކާގެ 30އަށް ވުރެ ގިނަ ސިޓީއަށް ފެތުރިފައިވާ އިރު ބޮޑެތި މުޒާހަރާތައް ކުރިއަށްގެންދާ ސިޓީތަކުގެ ތެރޭގައި އެޓްލާންޓާ، ޑެންވާ، ޑެޓްރޮއިޓް، ހިއުސްޓަން، ލޮސް އެންޖެލިސް އަދި ލުއީވިލް ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް މުޒާހަރާތަކުގައި ފުލުހުންނާ ކުރިމަތިލުންތައް ހިނގާ، ހަމަނުޖެހުންތައް ހިނގާފައިވެ އެވެ. އެގޮތުން ބައެއް މީހުން ފުލުހުންގެ ކާރުތަކަށް ގެއްލުންދީ، އިމާރާތްތަކާއި އުޅަނދުތަކުގައި ރޯކޮށްފައިވެ އެވެ. އަދި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ކަރުނަ ގޭހާއި ރަބަރު އުންޑަ ޖަހާފަ އެވެ.
އެ މުޒާހަރާތައް ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް ދިރިއުޅުއްވާ ވައިޓް ހައުސްއާ ހަމަޔަށްވެސް ވާސިލުވެފަ އެވެ. އޭގެ ސަބަބުން ރޭ އެއް ގަޑިއިރުވަންދެން ވައިޓް ހައުސްއަށް މީހުން ވަދެ ނުކުމެ އުޅުން ހުއްޓުވާ، ލޮކްޑައުން ކުރި އެވެ.
މީގެ އިތުރުން، ޑެޓްރޮއިޓްގައި ކުރިއަށްގެންދިޔަ މުޒާހަރާއެއް ތެރެއަށް ކާރެއްގައި ހުރި މީހަކު ބަޑި ޖެހި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ ހާދިސާގައި 19 އަހަރުގެ ފިރިހެނަކު ވަނީ މަރުވެފަ އެވެ.
ފްލޯއިޑްގެ މަރާ ގުޅިގެން، ޝޮވިން އާއި އެ ހައްޔަރުގައި ބައިވެރިވި އިތުރު ތިން ފުލުހުންވެސް ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އަދި އިއްޔެ ޝޮވިން ހައްޔަރު ކުރުމަށް ފަހު އޭނާގެ މައްޗަށް ވަނީ ގަސްތަކާ ނުލައި މީހަކު މެރުމާއި މީހަކު މަރުވެދާނެ ފަދަ އަމަލެއް ގަސްތުގައި ކުރުމުގެ ދައުވާކޮށްފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ ގިނަވެގެން 25 އަހަރަށް އަދި ދެވަނަ ދައުވާއަށް 10 އަހަރަށް ޖަލަށް ލެވިދާނެ އެވެ. އަދި ދެން ތިބި ތިން ފުލުހުންނާ ދެކޮޅަށްވެސް ދައުވާ ކުރާނެ ކަމަށް މައްސަލަ ބައްލަވާ ޕްރޮސެކިއުޓަރު ވިދާޅުވި އެވެ.