30 May 2020, 19:44
އަންނަ ޖުލައި މަހު ރާއްޖޭގެ ޓޫރިޒަމް އަލުން ފަށާނެ ކަމަށާއި ނަމަވެސް ޓޫރިސްޓުން އަތުން އިތުރު ފީއެއް ނުނަގާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޖުލައި މަހު ޓޫރިސްޓުންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލާނެ ކަމަށެވެ.
ފަތުރުވެރިކަން އަލުން ފަށައިގަތުމާ ގުޅޭގޮތުން މީގެ ކުރިން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އަލުން ފަތުރުވެރިކަން ފަށާނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށެވެ.
ޓޫރިޒަމް އަލުން ފަށައިގަންނަން ބޭނުންވާ "ސޭފް ޓޫރިޒަމް ގައިޑްލައިން" ތައްޔާރުކުރުމަށްޓަކައި އެ ސިނާއަތުގެ މަސްލަހަތުވެރިންގެ ހިޔާލަށް ވެސް މީގެ ކުރިން ވަނީ ހުޅުވާލާފަ އެވެ.
އެ ގައިޑްލައިންގައި އެންމެ ފުރަތަމަ މަރުހަލާގައި ފަތުރުވެރިންނާއި އެއާލައިންތަކުން އިތުރު ފީތަކެއް ނަގާ ކަމަށް ހިމެނުނު ނަމަވެސް، އެ މަރުހަލާ ފާއިތުވެ ގޮސްފައިވާ ކަމަށާއި މިހާރު މިއޮތް މަރުހަލާގައި އިތުރު ފީއެއް ނުނަގާނެ ކަމަށް ވެސް މިނިސްޓަރު އަލީ ވަނީ ވިދާޅުވެފަ އެވެ.
އެގައިޑްލައިންއަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހަމަވެފައިވާއިރު، ޖޫން މަހުގެ ކުރިން އެ ގައިޑްލައިން އާންމުކުރާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ކޮވިޑާ ގުޅިގެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލައި، ބޯޑަރު ބަންދުކޮށްފައިވަނީ މާޗު މަހުގެ ފަހުކޮޅުގަ އެވެ.