30 May 2020, 19:11
އިނގިރޭސިވިލާތުގެ ވޯލްޑް ވައިސް ފުޑްސްގެ ޗެއާމަން ޖޯން ބާޓަން، މޯލްޑިވްސް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް 75،000 ޑިސްޕޯސިބަލް ސާޖިކަލް މާސްކު ހަދިޔާކޮށްފި އެވެ.
އޭނާ މި މާސްކުތައް ހަދިޔާކުރީ ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ.
"މި ތަކެއްޗަކީ ދިވެހި މުޖުތަމައު ރައްކާތެރިކުރަން ފްރަންޓްލައިންގައި ރެއާ ދުވާލު މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންތެރި ތަކެއްޗަށް ވާނެ ކަމަށް އުންމީދުކުރަން. މިއީ އެންމެންނަށް ވެސް ދަތި ދުވަސްވަރެއް. މި ޑޮނޭޝަންގެ ސަބަބުން ދަތިތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށް އުންމީދުކުރަން." ޖޯން ބާޓަން ވިދާޅުވި އެވެ.
އެންޑީއެމްސީގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވީ މި މާސްކުތައް މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ކަމަށެވެ. އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ވެސް މާސްކުތައް ބަހާނެ ކަމަށް ވިދާޅުވި އެވެ.
ވޯލްޑް ވައިސް ފުޑްސްއަކީ ދިގު މުއްދަތަކަށް ރާއްޖެއިން ޔޫރަޕު މާކެޓަށް ދިވެހި ކަނޑުމަސް ބޭރުކުރަމުންދިޔަ ކުންފުންޏެކެވެ. ދިވެހި މަސްވެރިކަމުގެ ސިނާއަތުގެ މުހިންމު ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އައި ވޯލްޑް ވައިސް ފުޑްސްއިން މީގެ ކުރިން މިފްކޯ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.