ބައެއް ސިޔާސީ ޕާޓީތަކާއި މަދަނީ ބައެއް ޖަމިއްޔާތަކުން ކުރި މުޒާހަރާގައި ސަރުކާރަށް ހުށައެޅި ފަސް ކަންތައް ފުރިހަމަ ކޮށްދޭން ބޭނުން ވަނީ އެ ދުވަހު މުޒާހަރާގައި ހުށައެޅި ގޮތަށް ކަމަށާއި އެކަމާ ގުޅޭ ގޮތުން މިއަދު ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ ދެއްކެވި ވާހަކަފުޅަކީ ބަހަނާއެއް ކަމަށް މުޒާހަރާގައި އިސްކޮށް އުޅުއްވި މަދަނީ އިއްތިހާދުގެ ރައީސް އަބުދުﷲ މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.

"އިސްލާމްދީނުގެ ދިފާއުގައި ދިވެހިން" މިނަމުގައި ހުކުރު ދުވަހު ކުރި މުޒާހަރާ އިންތިޒާމުކުރުމުގައި އިސްކޮށް އުޅުއްވި އަބުދުﷲ ވިދާޅުވީ މިއަދު ޒުހައިރު ވިދާޅުވި ވިދާޅުވުމަކީ އެއްވެސް ގޮތަކަށް ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ހުށައެޅި ޑިމާންޑްތައް އަޅުގަނޑުމެން ހުށައެޅި ގޮތަށް، އެކަންތައް ކޮށްދެއްވުން އަޅުގަނޑުމެން އެދެނީ. އަޅުގަނޑުމެން އޮންނާނެ ވަރަށް ސާފުކޮށް ފަސް ކަމަކަށް ޑިމާންޑް ކޮށްފައި. އެކަންތައްތައް އެބޭފުޅުން އެހެން ގޮތަކަށް ފުރޮޅާ އެކަންތައްތައް ކުރުމަކަށް އަޅުގަނޑުމެން ޖާގައެއް ނުދޭނަން. އަދިވެސް އަޅުގަނޑުމެންގެ ޑިމާންޑްތައް އަޅުގަނޑުމެން ކުރިއަށް ނެރޭނަން،" އަބުދުﷲ ވިދާޅުވި އެވެ.

އިސްލާމް ދީނުގެ ހިޔާމަތުގައި މަދަނީ އިއްތިހާދާއި ސިޔާސީ ޕާޓީތަކުން އަށް ގަޑި އިރުވަންދެން ސުނާމީ ބިނާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގައި ސަރުކާރަށް ޑިމާންޑް ކުރި ފަސް ކަމަކީ ސާކް ސަމިޓަށް އައްޑޫ ސިޓީގައި ބެހެއްޓި ބުދު ހިމެނޭ މޮނިއުމަންޓުތަކުން އައްޑޫ ސިޓީ ތާހިރު ކުރުމަށާއި އިސްލާމް ދީނުގެ ހައްދުތަކާ ދެކޮޅަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ނަވަނިތަމް ޕިއްލޭ ދެއްކެވި ވާހަކަފުޅާ ގުޅިގެން ރައީސް ނަޝީދު މައާފަށް އެދިވަޑައިގަތުމަށާއި އިޒްރޭލުގެ ގައުމީ އެއާލައިން "އެލްއަލް އިޒްރާއިލް"ގެ ފުލައިޓްތައް ރާއްޖޭގައި ޖެސުމުގެ ހުއްދަ ބާތިލް ކުރުމަށާއި މީހުން ދިރިއުޅޭ ރަށްރަށުގެ ބައެއް ހިސާބުތައް ފަޅު ރަށްތަކުގެ ގޮތަށް ނިންމެވި ނިންމުން ބާތިލް ކުރުމަށާއި ހަށި ވިއްކުމަށް ހުޅުވާފައިވާ މަސާޖު ޕާލާތައް ބަންދު ކުރުމަށެވެ.

"އިސްލާމްދީނުގެ ދިފާއުގައި ދިވެހިން" މި ނަމުގައި ކުރި މުޒާހަރާގައި ހުށައެޅި ކަންތައްތައް ފުރިހަމަ ކުރުމުގެ ގޮތުން ކުރަން ސަރުކާރުން ވިސްނާ ކަންތައްތައް ހާމަކުރައްވަމުން މިއަދު ހަވީރު ޕްރެސް ސެކްރެޓަރީ ޒުހައިރު ވިދާޅުވީ ބަނގުރަލާއި އޫރުމަހުގެ ވިޔަފާރި ކުރުން މުޅި ރާއްޖޭގައި ވެސް މަނާ ކުރުމަށާއި މުޅި ރާއްޖޭގައިވާ ހުރިހާ ސުޕާއެއް ބަންދުކުރަން ސަރުކާރުން ވިސްނާ ކަމަށެވެ. އަދި ވިދާޅުވީ އައްޑޫ ސިޓީގައި ހުރި މޮނިއުމަންޓްތައް ނެގުމުގެ ހުރިހާ އިހުތިޔާރެއް އައްޑޫ ސިޓީގެ ސިޓީ ކައުންސިލަށް ލިބިގެންވާ ކަމަށާއި އެކައުންސިލުން މޮނިއުމަންޓްތައް ނެގުމަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށެވެ.

އަދި އިސްރާއީލުގެ ފްލައިޓް ރާއްޖެއައުން ހުއްޓުވުމުގައި އެފްލައިޓުން ރާއްޖެ އަށް ދަތުރުކުރުމަށް ރިޒަވޭޝަންތައް ކެންސަލް ކުރުމަކީ ވިޔަފާރިވެރިންނަށް ކުރެވިދާނެ ކަމެއް ކަމަށާއި ރިޒަވޭޝަންތައް ކެންސަލްކޮށްފި ނަމަ ފްލައިޓް އައުމުގެ ބޭނުމެއް ނޯންނާނެ ކަމަށް ވެސް ޒުހައިރު ވިދާޅުވި އެވެ.

ޒުހައިރު މިއަދު ވިދާޅުވި ކަންތައްތައްތަކަކީ މުޒާހަރާގައި ކުރި ޑިމާންޑްތައް ކަމަށް ނުވިޔަސް، އެކަންތައްތައް ތަންފީޒުކުރުމާ މެދު ވިދާޅުވަނީ ކީކޭތޯ ދެންނެވުމުން އަބުދުﷲ ވިދާޅުވީ އެކަމާ އެއްޗެއް ވިދާޅުވާނީ އެކަންތައް ސަރުކާރުން ތަންފީޒުކުރަމުންދާ ގޮތަކަށް ބެލުމަށް ފަހުގައި ކަމަށެވެ. އަދި މިއަދު ރައީސް އޮފީހުން ހާމަކުރި ކަންތައްތަކަކީ ރަނގަޅުކަންތައްތަކެއް ކަމަށް ދެކެވަޑައިގަންނަވަންތޯ ނުވަތަ ނޫންތޯ ދެންނެވުމުން އެކަމާ އެއްޗެއް ވިދާޅުވެވޭނީ އެކަންތައްތައް ސަރުކާރުން ކޮށްފިއްޔާ ކަމަށެވެ.

ސަރުކާރުން ކުރަން ވިސްނާ ކަމަށް މިއަދު ބުނި ކަންތައްތަކާ މެދު އަދާލަތުޕާޓީ އާއި ޖަމިއްޔަތުއް ސަލަފުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.