ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށް ގާނޫނު އަސާސީގައި އަކުރެއް އިތުރު ކުރުމަށް މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފައިވާ ރިޕޯޓު ތަޅުމަށް ގެނައުން އަވަސްކުރުމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް އެއްބަސްވެވަޑައިނުގަތުމުން، މިއަދު އެ އިސްލާހުގެ ވޯޓަށް އެހޭގޮތް ނުވާނެކަމަށް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން ނަޝީދު ވިދާޅުވީ ރިޕޯޓު މަޖިލީހުގެ ތަޅުމުން ފާސްކުރަން އަވަސްކުރުމާ ގުޅޭގޮތުން، ސަލީމްގެ ލަފަޔަަކަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

އެހެން ނަމަވެސް ރިޕޯޓު މަޖިލީހުގެ ތަޅުމަށް މިއަދު ގެނައުމާ ގުޅޭގޮތުން، މައިނޯރިޓީ ލީޑަރާއެކު އެއްބަސްވުމަކަށް އާދެވިފައި ނުވާކަމަށް ނަޝީދު ވިދާޅުވިއެވެ.

"ރިޕޯޓު މަޖިލީހުގެ ތަޅުމަށް މިއަދު ގެނައުމާ ގުޅޭގޮތުން، ޕީޕީއެމްގެ ބޭފުޅުންނާ ދެފަހަރެއް ތިން ފަހަރެއްގެ މަތިން ވާހަކަ ދައްކައިފީމު. މައިނޯރިޓީ ލީޑަރާ އަޅުގަނޑަކާ އެއްބަސްވުމެއް ނުހޯދުނު އެބޭފުޅުން ވިދާޅުވަނީ ގަވާއިދުގައި އޮތް ގޮތަށް އެއްބަސްވުމާ ނުލާ ކުރިއަށް ދާން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އިދިކޮޅުން އެކަން މަޖިލީހުގެ އަމީން އާންމަށްވެސް އަންގާފައިވާ ކަމަށާއި، އެހެން ނަމަވެސް އަދިވެސް އުންމީދުކުރައްވަނީ މައިނޯރިޓީ ލީޑަރު އެއްބަސްވެވަޑައިގަންނަވާނެ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން ބިލެއްގެ ކޮމިޓީ ރިޕޯޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސެއް ކުރަންވާނީ، އެ ރިޕޯޓު މަޖިލީހުގެ މެމްބަރުންނަށް ފޮނުވުމަށްފަހު، އެ ބިލަށް އިސްލާހު ހުށަހެޅުމަށްޓަކައި މެމްބަރުންނަށް ސާފު ތިން ދުވަހުގެ މުއްދަތެއް ދިނުމަށްފަހުއެވެ.

ނަމަވެސް އެ މުއްދަތު އެއަށްވުރެ ކުރު ކުރަންޖެހިއްޖެ ހިނދެއްގައި މަޖިލީހުގެ ރައީސް، ޕާލިމެންޓަރީ ގްރޫޕުތަކުގެ ލީޑަރުންނާ މަޝްވަރާކުރުމަށްފަހު އެކަން ކުރުމަކަށް ގަވާއިިދު ހުރަހެއް ނާޅައެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގައި އެމްޑީޕީގެ 65 މެމްބަރުން އެބަތިއްބެވި ކަމަށާއި އަދި ޕީޕީއެމް-ޕީއެންސީ ފިޔަވައި ދެން ތިއްބެވި މެމްބަރުންނާއެކު އިސްލާހުގެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަދަދުގެ މައްސަލައެއް އަޅުގަނޑުމެންނަކަށް ނޫޅެ،" ނަޝީދު ވިދާޅުވިއެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނެވޭނީ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި މެމްބަރުންގެ ވޯޓުންނެވެ.

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ޖޫން މަހުގެ ތިން ވަނަ ދުވަހު ހަމަވާނެއެވެ. ކައުންސިލަރުންްގެ ދައުރު ދަންމާލަން ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ފާސްނުކުރެވިއްޖެ ނަމަ، ކައުންސިލްތައް ގާނޫނީ ހުސްކަމަކަށް ދާނެއެވެ.